ލާދީނީ އޭ ގޮވުމަކީ އަޒުހަރީން ހިފި ހީލަތްތެރި ބަދަލެއް، އަދިވެސް އެކަންކުރުވަނީ އެބާހުން


ސިޔާސީ ވާދަވެރިންނާ ދިމާލަށް ލާދީނީ ކިޔުމުގެ އާދަ ދިވެހި މުޖުތަމައުގަ އަށަގެންނުވީ، އޭރުގެވެރީން އެބާހުނަށް ގިނިކަންޏާ، ވަކީން އޮތް ސިޔާސީ ބާރު ނެތިދާފަދަ ނިޒާމެއް، ރާއްޖެއަށް އަޔަނުދީ ދެން ނުހިފެއްޓެވޭނެ ކަން އެނގިވަޑައިގެންނެވުމުންނެވެ. އެކަމާ އިސްކުރެއްވި ކޯފާގައި އެކަމުގައި ޝާމިލްވާ ދިވެހިންގެ މައްޗަށް އަޒުހަރީންގެ ބޭފުޅުންކޮޅެއް ހިއްޕެވި "ރިވެންޖް" ނުވަތަ ބަދަލެއްގެ ގޮތުގައެވެ. ދީނީ މުއްލާއިން ލައްވާ އެކަން ކުރެއްވުމުގައި އަދިވެސް ދެމިތިއްބެވީ އެބޭފުޅުންނެވެ. ޚާއްޞަކޮށް އޭރުގެ ވެރިޔާ އާއި އަދި ބައިއަތުހިއްޕެވި ވިޔަފާރިވެރި ސިޔާސީއެކެވެ. ސާބިތު ހެއްކަކީ ރައީސް ޔާމީނުގެ ދައުރުގަ އޮރިޔާން ޗަރުކޭސް ބައްލަވަން އާންމުންތެރޭ ވެރިމީހާ އިންނެވުމާ، އިސްލާމް ދީނާ ހަވާލާ ދެއްވައި އެކި ހަމަނުޖެހޭ އެއްޗެހި އާންމުތަންތާ ވިދާޅުވަމުން ގެންދެވިއިރުވެސް،  އޭގެން އެއްވެސް މުއްލާއަކު ޗުއްޕުވެސް ވިދާޅުނުވާ ކަމެވެ.      

1978 ވަނައަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށްވެސް ދިވެހިރާއްޖޭގެ ސިޔާސީ ވެރިކަމުގައި އިސްކޮށް ތިއްބެވީ މިޞުރުގެ އަލްއަޒުހަރު ޔުނިވަރސިޓީ އިން ކިޔަވާވިދާޅުވި (އަޒުހަރީންގެ) ހައެއްކަ ބޭފުޅުންނެވެ. ރާއްޖޭގައި ކުރެވެން ނެތިގެން އަވަށްޓެރި ސްރީލަންކާގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރަޖިސްޓްރީ ކުރެވި، އެޕާޓިގެ އޮފީހެއް އެ ގައުމުގައި ހިންގަން ފެއްޓުނީ 2003/2004 ގައެވެ. އެހާ ހިސާބުން، އިންޞާފުވެރި އިންތިޚާބަކާ ނުލައި ޚާއްޞަކުރެވިގެން ހިންގޭ ވެރިކަމަކަށް ވެރިމީހާގެ ތިމާގެފުޅު އަދި ރަޙްމަތްތެރި ވަކި ބޭފުޅުންކޮޅަކަށް ގިނިކަންޏާ ދެނެއް މި ރާއްޖޭގައި ޖާގައެއް  ލިބިވަޑައިނުގަންނަވާނެކަމާ، އެބޭފުޅުންވެސް ދެން ޖެހިވަޑައިގަންނަވާނީ ސިޔާސީ ޕާޓީއެއް އުފައްދަވައިގެން އިންތިޚާބުތަކުގައި ވާދަކުރައްވަން ކަމުގައި އެނގިވަޑައިގެންފިއެވެ. ވެރިޔާގެ ތިމާގެ ބޭފުޅުންނާ، އެކުގައި ކިޔަވާ ވިދާޅުވި ބޭފުޅުން ހިމެނޭ އެންމެ ޕާޓީއެއްގެ ބަދަލުގައި ދެން ޖެހިވަޑައިގަންނަވާނީ ދިވެހިރާއްޖޭގެ ސިޔާސީ ވެރިކަމަށް ފާޅުގައި ވާދަކުރުމުގެ ޖާގަ މަދުވެގެން ދޭއް ނުވަތަ އެއަށްވުރެ ގިނަ ޕާޓީއަށް ދެއްވަން ކަމުގައި އޮޅުމެއް ނެތި ވިސްނިވަޑައިގެންފިއެވެ.   

އިންތިޚާބަކާ ޖެހި އިންތިޚާބެއްގައި ވަރަށް ފަސޭހައިން ކުރި ހޯއްދެވިއްޖެކަމުގައި ދައްކަވަމުން ގެންދެވި ވެރިކަމުގެ އާރާއި ބާރު ހޯއްދެވުމުގެ ކަންކަން، ކުރިން އެކަން ކުރެއްވި ގޮތަށް ދެން ކުރެއްވެން ނެތިދިއުން ވެގެން ދިޔައީ އެބޭފުޅުންނަށް ކުރިމަތިވެވަޑައިގަތް ބޮޑުވެގެންވާ އާފާތަކަށެވެ. ވެރިމީހާ އާއި އައުވާނުން ވިސްނެވީ ( ހިތްޕުޅާ ނުވާ ބަޔަކުގެ ފުރާނަ ފާޅުގަ ދުއްވާލެއްވުމަކީ ކުރައްވަން ދަތިފުޅު ކަމަކަށް ވާނެތީއާއިއެކު، އެކަން އަދި ފަހަށް ބާއްވަވާފަ) މިކަމެއް ކުރާ ބަޔަކަށް (ޔައުނީ ސިޔާސީ ޕާޓީ ނިޒާމް އަށަގަންނުވަން މަސައްކަތްކުރާ "މަދު" ދިވެހިންނަށް) މުޅި ހަޔާތުގައިވެސް ފިލުވާނުލެވޭވަރުގެ ގިލަން ވެރިކަމެއް މަތިކުރައްވައި، ރަނގަޅު ބަދަލެއް ހިއްޕަވާށެވެ.

2004 ވަނަ އަހަރުގެ ފަހު ކޮޅު ދާރުލް ޢުލޫމް ހޯލްގައި ބޭއްވުނު ގައުމީ އާންމު ހަފްލާއެއްގައި ވާހަކަ ދައްކަވަމުން، އަޒުހަރީންގެ ތަރުޖަމާނަކު، (ސިޔަރަތާއި އެހެންވެސް ޢަރަބި ތަރުޖަމާތައް އާދަކޮށް ގެނެސްދެއްވާ ބޭފުޅަކު) ތަގްރީރު ކުރައްވަމުން، ސިޔާސީ ވާދަވެރިންނަށް ރަނގަޅު ބަދަލެއް ހިއްޕެވިއެވެ. އަޒުހަރީންގެ ގިނަ ބޭފުޅުން ސިއްރިޔާތުގައި ހިނިފުޅުވަޑުވާން ފެއްޓެވީ އަންނަނިވި ޢިބާރާތް ތަކާ މެދުގައެވެ.   "މި ދުވަސްވަރު އިވެމުންދާ އެއް ވާހަކަ އަކީ ދިވެހީންގެ މަދު ބަޔަކު އަވަށްޓެރި ސްރީލަންކާގައި ސިޔާސީ ޕާޓީއެއް ސިއްރިޔާތުގައި އެބަ ހިންގާ ވާހަކަ. ބޭނުމަކީ ދިވެހި ރާއްޖެއަށް ސިޔާސީ ޕާޓީ ނިޒާމު ތަޢާރަފް ކުރުން ކަމުގައިވެސް އެބައިމީހުން ބުނާކަމުގައިވޭ. މީގެ ފޮރުވިފައިވާ ސިއްރަކީ އަދި އެމީހުންގެ އަޞްލު ބޭނުމަކީ ދިވެހި ރާއްޖެއަށް "ލާދީނީ" ފިކުރު ތަޢާރަފްކޮށް މި ރާއްޖޭގައި މާތްވެގެންވާ އިސްލާމްދީން ނޫން އެހެން ދީން ތަކަށް ޖާގަ ދިނުން......" މި މޭރުމުން އެމަނިކުފާނު ކުރެއްވި ތަގްރީރު ވެގެން ދިޔައީ އެބޭފުޅުންގެ ސިޔާސީ ވާދަވެރިންނާ ދިމާލަށް މިރާއްޖޭގައި "ލާދީނީ" ގޮވަން މިފަހުން ހުއްދަކުރެވުނު ގޮވާލެއްވުމަށެވެ. (1958/1959 ގައި ދެކުނުގެ އިންތިފާޒާގެ ދުވަސްވަރު، އެހަރަކާތުގެ ލީޑަރުން ބަނގުރާ ހިއްޕަވާކަމަށާއި ޢައިރު ދީނީ ކަމުގައި މާލޭގެ ނޫސްތަކުގައި ސިފަކުރިއެވެ. ނަމަވެސް އޭރު ދެމާނަލައިގެން ލާދީނީ ކިޔުމުގެ ބަދަލުގައި ކިޔާފަހުރީ ޢައިރުދީނީ ކަމަށެވެ.) "ލާދީނީ" ގޮވުން ހީލަތްތެރިވަނީ އޭގައި ދެމާނަ ހިމެނި، ގިނަދިވެހިންނަށް އޮޅުވާލުމުގެ ބޭނުން ހިމެނޭތީއެވެ. 

ވާދަވެރިޔާއާ ދިމާލަށް ލާދީނީ އޭ ގޮއްވުމުގެ ހީލަތްތެރި މަކަރުވެރި "ދެމިޔަލީ ވަޅި" އެބޭޅުން ނެންގެވީ އެނގިވަޑައިގެން ތިއްބަވައެވެ. ނިޞްބަތުން ގިނަ ލަފްޒު ތަކެއްގެ އަސްލު ބަހުރުވައިގަ މާނަ ކުރާ ގޮތާ ދިވެހިރާއްޖޭގައި މާނަ ކުރެވޭ ގޮތް މުޅިން ތަފާތުވާ ފަހަރު ފަހަރު އެބަހުރިކަން ވަރަށް ރަނގަޅަށް އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ. ޚުދު ވެރިޔާއަށްވެސް މެއެވެ. އެއް މިސާލަކީ "ޑައިނަމޯ" އެވެ. މި ލަފްޒުގެ އަޞްލު ބަހުރުވަ ކަމުގައިވާ އިނގިރޭސި ބަހުގައި އެހެން ކިޔަނީ، ފުރޮޅާއެކު ފިރުކި އެނބުރޭގޮތަށް ބައިސްކަލުގައި ހަރުކުރާ ކުޑަވަރެއްގެ ދަގަނޑު ފުޅިއަކަށެވެ. ނަމަވެސް ރާއްޖޭގައި އެހެންކިޔަނީ ބައިސްކަލުގެ (ނުވަތަ އުޅަނދެއްގެ ވިޔަސް) ދުއްވާފަދާއިރު މަގު އަލިކޮށްދޭން ކުރީކޮޅުގައި ހަރުކޮށްފައި ހުންނަ ބައްތިއަށެވެ. މީގެ އެހެން މިސާލު ލަފްޒަކީ ޚަތިމެވެ. އެދުރުގެއަށް ޚަތިމު ގެންދެއެވެ. ޢަރަބި ބަހުގެ މުޞްޙަފަށް ދިވެހިން މާނަތަފާތު އެހެން ޢަރަބިބަހެއް ބޭނުންކުރަނީއެވެ. އެލަފްޒުގެ އަޞްލު ކަމުގައިވާ ޢަރަބި ބަހުގައި ޚަތިމުގެ މާނައަކީ ނިންމުމެވެ. ހަމަ އެފަދައިން "ލާދީނީ" މި ލަފްޒުގެ އަޞްލު ބަހުރުވަ ކަމުގައި ވާ ޢަރަބި ބަހުގައި އޭގެ މާނައަކީ "ސެކިއުލަރިޒަމް" ނުވަތަ ދައުލަތުގެ ކަންކަމުގައި ވަކި އެއް ދީނަކަށް އިމްތިޔާޒެއް ނެތި ގާނޫނުގެ މައްޗަށް ހިންގުމެވެ. ނަމަވެސް ދިވެހި ރާއްޖޭގައި އެބަސް މާނަކުރެވެނީ "ޣައިރުދީނީ" ނުވަތަ އިސްލާމް ދީނާ ދެކޮޅުވެރި ދުޝްމަނެއްކަމުގައި ބުނަން ބޭނުންކުރާ ނަން އިތުރެއްގެ ގޮތުގައިކަން، މިހީލަތްތެރި އޮޅުވާލުން އޮޅުވާލެއްވި އަޒުހަރީންނަށް ހަމަ ރަނގަޅަށް އެނގި ވަޑައިގަންނަވާނެއެވެ. އެންމެންވެސް މުސްލިމް ގައުމެއްގައި އެއްވެސް މީހަކާ ދިމާލަށް ލާދީނީ ގޮވައި މުރުތައްދު ތުހުމަތު ކުރުން ހެޔޮނުވާ ސަބަބަކީ އެ ލަފްޒު ގެ މާނައަކީ ޣައިރުދީނީ ކަމުގެ މަކަރުވެރި އޮޅުވާލުން ކުރިން ފަތުރައި، އެހެންކަމުން ލާދީނީ މި ލަފްޒު މުޚާތަބުވާ މީހާ/ މީހުން އެއީ ޣައިރުދީނީ އަދި އިސްލާމްދީނުގެ ދުޝްމިނުން ކަމުގައި ދައްކައި، ތަގްވާވެރި ލޭހޫނު ބަޔަކަށް އެމީހާގެ ލޭ ހުއްދަވެއްޖެކަމަށް ދައްކައި، އެއީ އަނިޔާވެރި ނުބައި ފަތުވާ އެއްކަން އެނގިތިބެ، އެކަމުން އެ އިޢުލާނުކުރަނީ ސުލްހަވެރި އަނެކުންނާމެދު ހަނގުރާމަ ކަމަށް ވާތީއެވެ. "ލާދީނީ" އޭ ކިޔުއްވަނީ ކިޔޭނެ ހުތުރު އެއްޗެހި މަދުވެގެނެއް ނޫނެނެވެ. މަރާލަދޭށޭ ވިދާޅުވެ އިނގިލި ދިއްކުރައްވާށެވެ.

ހެޔޮނުވާކަންކަމުގެ ތެރޭ ވަގަށް ހަތިޔާރުހަދާ މީހަކަށް ބަޑިބޭސް ވިއްކުމާ، ބަނގުރާހަދާ މީހަކަށް މޭބިސްކަދުރު ވިއްކުމުގެ ހަރާމް އަމަލުތައް ހިމެނޭކަމުގައި އެންމެންވެސް ދެކޭނެއެވެ. ހަމަ އެފަދައިން ޝަރިއަތުގެ ބޭރުން ލޭ ހުއްދަކުރާ، އަދި މީހުން މެރުމުގެ ފަތުވާތައް ހީލަތްތެރި ގޮތްގޮތަށް ދޭހަކުރައްވާ މުއްލާއިންނަށް، އެބާހުން ހިތްޕުޅާނުވާހާ މީހުނާ ދިމާލަށް "ލާދީނީ" އޭ ވިދާޅުވުން މުޖުތަމައުގައި ބަލައިގަތުމަކީ ހެޔޮނުވާނެ ކަމެކެވެ.

ރާއްޖޭގެ ސިޔާސީ އެންމެ އުސްކުންނުގައި އޭރު ތިއްބެވި އަޒުހަރީންގެ ސިޔާސީ ވާދަވެރީންނާ ދިމާލަށް ލާދީނީ އޭ ގޮވުމުގެ ހުއްދަ އާއި އާދަ ވަނީ ތިރީހަކަށް އަހަރުތެރޭ އެބޭފުޅުނަށް ތާއީދު ކުރައްވާން ފެއްޓެވި އެތައްހާސް މީހުން ތެރޭ އަށަގަންނުވައި އާ އުސްމިންތަކަކަށް ގެންދަވާފައެވެ. އަޒުހަރީންގެ ބޭފުޅުން ވެރިކަމަށް ވަޑައިގެންނެވީ އޭރުގެ ރައީސްގެ ޒަމާނީކުރެއްވުމުގެ ސިޔާސަތާ ދެކޮޅަށް އިސްލާމްދީން ވިއްކަވައިގެންނެވެ. އެކަމަކު އަޒްހަރީންގެ ދިގު ތިރީސް އަހަރުގެ ވެރިކަމުގައި، ޖާއިޒު ނަތީޖާނެރުއްވޭފަދަ ގޮތްތަކަކަށް އެކަންކަމާމެދު މެދު އިހްތިރާމް ކުރައްވާފައެއް ނުވެއެވެ. ދިވެހިރާއްޖޭގެ ހުރިހާ ސްކޫލް އަދި މަދަރުސާތަކުގައި ސިލަބަސް ކުރެވިގެން މަޖްބޫރު މާއްދާއެއްގެ ގޮތުގައި ދީނީ ތައުލީމް ދެވެމުން ދިޔަ ސިލަބަސް އުވާލެއްވުމާ، ދީނީ ތަޢުލީމް ވަކިމާއްދާއެއްގެ ގޮތުގައި، މާލޭގެ ސްކޫލްއަކާ މަޢުހަދު ގައި ހިންގަވައި، އެތަނުން އުފެއްދެވި ޢާލިމުންނާއި ގާޒީންގެ މައްޗަށް ނުފޫޒު ފެތުރެއްވިއެވެ. 800 އަށް ވުރެ ގިނަ އަހަރު ލިޔެވިފައިވާ ދީނީ ކަންކަމުގެ އެންމެ މަތީ ވަލީ އޮންނަ އުއްތަމަ ފަނޑިޔާރުންގެ ތެރެއިން އެންމެފަހަށް ހުންނެވި ފަނޑިޔާރު ލިޔުއްވި ދީނީ ދަރުސްތައް ކަމުގައިވާ "ތަޢުލީމުއް ދިޔާނާ" ގާދޫ ކޮލުން ބޭރުކޮށްލައްވައި، ހަމަ އެހާމެ ދިގު ތާރީޚެއްގައި ދިވެހީން އުޅެމުން އައި މެދުމިނުގެ އާންމު ދިވެހިވަންތަ ގޮތްފޮތް އުވާލައްވައި، ދީނީ އެންމެ މަތީ ވަލީއާ ހަވާލުވެވަޑައިގެން، ރާއްޖެއަށް މަޒުހަބީ ގިނަކަން ތަޢާރަފު ކުރެއްވުން ވެގެންދިޔައީ އޮބިނޯންނަވަރުގެ ފިތުނައިގެ ވިއުގައަކަށެވެ. އޭގެ ބައެއް ޢާލިމުންނާ ބޭރުގެ އިސްލާމީ ނަންނަމުގެ މަގުފުރެދިފައިވާ ޖަމިއްޔާތަކުން ގުޅިގަނެ، މިސުލްހަވެރި މާހައުލުގައި ލޭއޮހުރުވަނިވި ހަމަލާ ތައް ފެށުނު ހިސާބުން އެބޭފުޅުންގެ ދީނީ ސިޔާސަތު އަތްޕުޅަށް ގޮވީއެވެ. ވެރިކަމުގެ ސިޔާސަތެއްގެ ގޮތުގައި "ތަޢުލީމުއްދިޔާނާ-ދީން" އެކަހެރި ކުރައްވައި މަރުކަޒީ ގޮތުގައި އުފެއްދެވި ޢަރަބިއްޔާ-މަޢުހަދުގެ ދީނީ ޢާލިމުންގެތެރޭ ވެސް  "ލާދީނީ" ގޮވާލެއްވުމުގެ ދަހިވެތިކަން އުފައްދަވައި ފަތުރަތްޕެވެ. ވާދަވެރިޔާ އެއީ ލާދީނީ މީހެއް ކަމުގައި ޚުދު ވެރިމީހާވެސް ވަނީ އެތައް ގޮތަކަށް 2008 ގެ ކެމްޕޭނުގައި ސިފަކުރައްވާފައެވެ. އޮޅުވާލެއްވުމުގެ ހީލަތް އޮތީ އަތްމަތީ ހަތިޔާރަކަށް ހައްދަވާފައެވެ. ފެންނަފެނުމަށް ވަރަށް މަޢުސޫމު ގޮތުގައެވެ. އިންސާނީ ހައްގުތަކާ ބެހޭ ދުނިޔޭގެ ދުވަސް ހެއްދެވީ މަސްވެރިންގެ ދުވަހަށެވެ. މިއީވެސް  މައުޞޫމް ދެމިޔަލީ ވަޅިއެކެވެ. ކިތަންމެ ބަހުސެއް ކުރިއަސް އެދުވަސް އެއީ އިރުވައި މޫސުންވެސް ފެށޭ ދުވަހެވެ.

އިސްލާމްދީން ނާރެހެއްގެ ގޮތުގައި ދަމަހައްޓަވާން އުފެދިގެން އައީ ޢަރަބިއްޔާ-މައުހަދުގެ ޢާލިމުންނާއެކު ޢަދާލާތު ޕާޓީއެވެ. މި ޕާޓީގެ ޢިލްމްވެރީން ތެރެއިން ބައެއް ބޭފުޅުން ޕާޓީގެ ކިބައިން މިނިވަން ކަން ދެއްކެވިޔަސް، އެބޭފުޅުންނަށް ނުހަނު ދީލަތި އެހީ ވެދެއްވާ ވިޔަފާރިވެރި ސިޔާސީ އަކު ހުންނަވައެވެ. ސިޔާސީ ވާދަވެރިންގެ ލޭ ހުއްދަ ކުރައްވައި ފަތުވާތައް ނެރުއްވުމުގައި މި ޕާޓީގެ ބައެއް މުއްލާއިން އަމަށަކު ވަރެއް ނެތި މިންނަތް ކުރެއްވުގެ އިންޖީނު ހިންގާ ތެލަކީ މާލުވެރިޔާ ދެއްވާ ފައިސާ ކަމުގައި ވާތީ، ފައިސާ ދެއްވާ ދީލަތި ފަރާތަށް ބަތާހަރާމީ ނުވުގެ ރޫހުކަމުގައި ޝައްކެއް ނެތެވެ. އެ މާލުވެރިޔާ އެދިވަޑައިނުގަންނަވަނީނަމަ، އެކަމުގެ ނިހާއީ އެންގުވުމަކަށްވާނީ ފައިސާ ދެއްވުން ހުއްޓަވާލެއްވުން ކަމުގައިވާތީ އާއި އެކަން ނުކުރައްވައި އޮތީ، އޭނާގެވެސް އަދި އިހު ދެންނެވި އަޒުހަރީންގެވެސް ވާދަވެރީންނާ ދިމާލަށް ލާދީނީ އޭ ގޮއްވުން އިހުވަރު އަރުވާލައްވަން ބޭނުންވެލައްވާތީ އެވެ.

އަނެކާއާއި ދިމާލަށް ލާދީނީއޭ ގޮއްވުމުގެ ރޭވުން ހީލަތްތެރި ކަމުގެ އިންތިހާއަށް ދާ ހިސާބަކީ، އެކަމުން ގިނަބަޔަކަށް ނުތަވަސްކަން ލިބޭ ހިސާބުން، އޮހޯ އެއީ އެންމެ ރަނގަޅު ކަމެއް ކަމަށާ، ދެމާނައިގެ ތަފާތު ބުނެދެއްވާން މާލުވެރިޔާގެ އައުވާނުން ފެއްޓެވުމެވެ. ލާދީނީގެ ޢަރަބި މާނަ ކުރިއަށް ނެރެ އެކަމުގައި މައްސަލައެއް ނެތޭ، އެހެން ގޮވެންވާނެޔޭ، ވިދާޅުވެ އަދާލާތު ޕާޓީ ގެ ވެރިންނާއި، ޖުމްހޫރީ ޕާޓީ ގެ މަޖިލީހު މެމްބަރަކު އެބަ އަޑު އުފުއްލަވައެވެ. މި ހުރިހާ ކަމެއް ނާރެސްވަނީ ކުރިން ދެންނެވި ދީލަތި މާލުވެރިޔާ އަށާ އަޒުހަރީ ބޭފުޅުންކޮޅަށެވެ.

1932 ވަނަ އަހަރު ދިވެހިރާއްޖޭގައި ލިޔެވިފައިވާ ގާނޫނު އަސާސީ އަލަށް ތަޢާރަފުކުރެވުމުން ނޭދެވޭ އެތައްކަމެއް މަނާ ވެގެންދިޔައެވެ. އޭގެ ތެރޭގައި އެއްވެސް މީހަކާ ދިމާލަށް ކަލޭ މަރާލަފާނަމޭ އަނެކަކު ބުނުން މަނާވެގެން ދިޔައެވެ. ގިނަބަޔަކުތެރޭ އަށަގަނެފައި އޮތް ނުރަނގަޅު އާދައެއްކަމުން އެކަން ނުހުއްޓުނު ބަޔަކަށް ދައުލަތުން އަދަބު ދެއްވާން ފެއްޓެވުމުން، އެބަޔަކު ހޯދީ މާމޮޅުގޮތެކެވެ. ދެން ރުޅިގަދަވާ ފަހަރު ފަހަރު ބުނާން ފެށީ "އަމާ ހަނދާންކުރޭ" އެވެ. އެއީ މީހަކަށް ނިހާޔީ ވޭނުގެ ސިހުމުގައި ގޮވާލެވޭނީ މަންމައަށްކަމުން، ކަލޭ މަރާލަފާނަމޭ ބުނާ އާ ގޮތެވެ. އިންޒާރު ރައްދުވާމީހާ މަރުވުމުގެ ކުރިން ހިތަށް އަރުވާންވީ ކޮން ލަފުޒެއްކަން ބުނެލުމުން، އެއްކަލަ މަނާ ލަފްޒު އެހެން ގޮތަކަށް  ބުނެވުނީއެވެ. މީގެ ނުކުތާއަކީ ލާދީނީ ގޮވުން މަނާކުރާ ގާނޫނީބިލާވެސް އަދާލާތު ޕާޓީން ފާޅުގަ ދެކޮޅު ހަދާއިރު، އެބާހުން އެކަން ނުހުއްޓަވާން ވާގިވެރިން އަންގަވަނީއެވެ. ރައީސް ޔާމީނު ދައުރަކު ނާންގަވައެވެ. އޭރުވެސް ވާގިވެރިން އެންގެވި ނަމަ ގުރުބާން ވާނޭ މުއްލާއިން ތިއްބަވާނެއެވެ. ނަމަވެސް އެއީ ޑިސެމްބަރު 23 ގެ ހަވާސާ ކަމުންނާ، ވާދަވެރި ސީދާ އަމާޒަކީ އެމްޑީޕީ ކަމުން އެދައުރުގައި އެކަން ނުފެނުނީ، މުއްލާއިންނާ ބައެއް ތަގްވާވެރީންނަށް ލާދީނީ ގޮވުމުގައި ހޭވައްޓާލައްވަން އަންގަވަނީ މިދެންނެވި ވާގިވެރިޔާ އާއި އަޒުހަރީންގެ ތެރެއިން މިހާރު ހަރަކާތް ތެރިކޮށް ހުންނެވި އޭރުގެ ވެރިޔާ އެވެ. ކުރުކޮށް ދަންނަވާނަމަ އެކަން ކުރުވަނީ މީގެ ދެބޭފުޅުން އެކަމުގެ ވެރީންކަމުގައި ތިއްބަވައެވެ. އެކަން ހުއްޓުވުމުގެ ބާރަކަށް ވާނީ މީގެ ދެބޭފުޅުން ސިޔާސީ ވާދަވެރިންގެ ފުރާނަދިއުމަށް އެދިވަޑައިނުގަންނަވާކަން ހާމަކުރައްވައި، ލާދީނީ ގޮވުމުގެ އަސް މަރުވެއްޖެކަމާއި އޭގައި ކިތަންމެވަރަކަށް ހަންމުށި އެޅުއްވިޔަސް ދެން ނުދިރޭނެކަން މާނަވީގޮތެއްގައި ހާމަކުރައްވާން ފެއްޓެވުމުންނެވެ. ނޫންނަމަ އެކަން ހުއްޓުވުމަށް ނުކުންނަވާން ޖެހިލައްވާނީ އެމްޑީޕީ މެމްބަރުންނަށާއި އާންމު ރައްޔިތުންނަށެވެ. ސަމާލުވެލައްވާށެވެ.             

 

          

 

 

Comments

Popular posts from this blog

ދިވެހިރާއްޖޭގެ ސިޔާސީ ތަރުތީބު ހަރުދަނާ ބިންގަލެއްގެ މައްޗަށް ނަގައި ހިމުންކޮށްދޭ ކަށަވަރަކީ އެމްޑީޕީގެ ގައުމީ މަޖިލިސް ..... ގާނޫނު އަސާސީ އަށް އިޞްލާޙް ގެންނާންހުރި ކަންކަމަށް ވިސްނާލުމަށް މިވަގުތު މިއީ އެމްޑީޕީ އަށް އޮތް ވަރަށް ފަހި ފުރުޞަތެއް

އެމްޑީޕީ ބާރަށް ބާރަށް ކުރިއަށް ދާއިރު ގައުމުގެ ހުރިހާ މީޑިއާ ހެންް ބަދަލު ހަގީގަތާ ފޮލާކެއްކެވުމުގައި