ނުކުރެއްވި ކަންކަން އެނގޭ، ކުރެއްވީ ކީއްތޯ؟

17 މޭ 20121- ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލަން ބަޔަކު އެބަ ރާވާކަމުގައި މަޖިލީހު މެމްބަރަކު ޑިފެންސް މިނިސްޓަރ މާރިޔާ އަރިހު ދެންނެވުމުން ވެސް، އެ ހަމަލާ ދެވުނުއިރު އެކަމަނާއަށް ނުކުރެއްވުނު ކަންކަން ވަރަށް ސާފެވެ. ރައީސް ނަޝީދުގެ ކާރުކޮޅާއިއެކު ސިގްނަލް ޖޭމަރ ފޮނުއްވަން ހަމަޖައްސަވާފައެއް ނުވެއެވެ. ހަށިފާރަވެރިންގެ ދެމީހަކު ތިބޭއިރު އެމީހުންބަލަހައްޓާ މީހައާ ވަކިމިނަކަށްވުރެ އެހެންމީހަކު ގާތްވިޔަނުދިނުމަށް އަންގަވާފައެއް ނެތްކަމުގައި ބެލެވެއެވެ. އެންމެ މަތީ ސަލާމަތްތެރިކަން ދެއްވާފަކަމުގައި ވިދާޅުވި ބޭފުޅަކު އުޅުއްވާ ގެކޮޅު ކައިރީ، އަރިހުގައިތިއްބެވި ހަށިފާރަވެރިންގެ ދެމީހުން ފިޔަވައި އިންޓެލިޖެންސްގެ ނުވަތަ އެހެން އެކަކު ދެމީހަކު ނުވަތަ ތިން މީހުންވިޔަސް، އެތަނުގައި ޝައްކުވާފަދަ ގޮތަކަށް މީހަކު އުޅޭނަމަ، ހުއްޓުވައި ފާސް ކުރާނެ އިތުރު މީހުންވެސް ފޮނުއްވަވާފަތިބިކަމަށް ބެލެވޭކަށް ނެތެވެ.   

އެހެރީ ހައްތާވެސް (ކުރައްވަންޖެހޭ އެހެނަސް) ނުކުރެއްވި ހުރި ކަންކަމެވެ.

ރައްޔިތުންގެ ގިނަބަޔަކަށް ޖަވާބު ލިބެންޖެހޭ ސުވާލަކީ، ނަޝީދަށް ހަމަލާދޭން އެބަ ރާވާ ކަމުގައި ދެންނެވެމުން، ދެން ޑިފެންސް މިނިސްޓަރ ކުރެއްވީ އަޅެފަހެ ކީއްތޯއެވެ. އެ އަނިޔާވެރި ރަހުމްކުޑަ ހަމަލާ ހިންގިތާ އެގާރަދުވަސް ވެގެންދިޔައީއެވެ. ކުރެއްވި ވަކިކަމެއްގެ އަޑެއްނީވިގެން އެތައްބަޔަކު އިންތިޒާރުގައެވެ. ދެމަސްކުރީން އެންމެ މަތީ ސަލާމަތްތެރިކަން ހަމަޖެއްސެވިގޮތަށް އެކަންކަން އެގޮތުގައި ދެމިހުންނަން ދޫކޮށްލެއްވީތޯއެވެ. ވާނެހައެއްޗެއްވާން ބޮޑު ވަރިހަމައިގަ ހުންނެވުނީތޯއެވެ.

ވަކިމީހެއް މަރާލަން ހަމަލަދެވިދާނެ މައިގަނޑު ދެގޮތެއް މިނިސްޓަރ ހިތްޕުޅަށް އަރާވަޑައިގަންނަވާނެއެވެ.

އެއްގޮތަކީ އެމީހަކު ގަޔަށް ބަޑި ޖަހައިގެނެވެ. އެކަމަށް ސަލާމަތްތެރިކަން ހަމަޖައްސަނި ފާރަވެރިވާ ދަރަޖަ މަތިކޮށް، ޝައްކުވާފަދަގޮތަކަށް މީހަކު އުޅޭނަމަ ބަލައި ފާސްކުރެވޭނެ، އިންޓެލިޖަންސް ނުވަތަ އާދައިގެ ހެދުމުގަ ސިއްރު ހަތިޔާރާއެކު ތިބޭ ބަޔަކު، ނުރައްކާ ހިނގާފާނެ ހިސާބުތަކުގައި ހަރަކާތްތެރިވުމެވެ. (ސީސީޓީވީ ޓޭޕް ފަހުން ބެލުމުން އެނގުނީ) ބޮންގޮއްވާލި ރިމޯޓް އޮތްކަމަށް ބުނާމީހާ ކިތަންމެހާވެސް ޝައްކުވާފަދަގޮތަކަށް އެތާ އެނބުރުނުކަމެވެ. ރައީސް ނަޝީދު ކެނެރީގެއިން ނުކުމެ ވަޑައިގެން ކާރުކޮޅާދިމާލަށް ހިންގަވާން ފެއްޓެވުމުން އެ މީހަކު މަގަށް ނުކުތްތަނާ، ނުކުތް ގޮތް ވެސް، ބަލާނެ ފާރަވެރިއަކު ހުރިނަމަ ފާހަގަ ކުރެވުނީހެވެ. އިތުރު އެކަކުވެސް ހުރިކަމަކަށް ބެލެވޭކަށް ނެތެވެ.

ދެވަނަ ގޮތަކީ، ބޮމެއް ގޮއްވާލުމެވެ. ގިނަފަހަރަށް ބޮން ގޮއްވަނީ ރިމޯޓް ބޭނުންކޮށްގެނެވެ. މާނައަކީ އަމާޒުކުރާ ޝިކާރަ އަށް ބަލަން ހުރެފަ އެންމެ ގެއްލުންވާނެ ހިސާބަށް އައުމުން ފޯނެއްގެ ސިގްނަލް ފަދަ ސިގްނަލެއް، ރިމޯޓްކޮންޓްރޯލްކުރާ ފޯނެއްފަދަ އެއްޗަކުން ފޮނުވާލައިގެނެވެ. މިކަމުން ސަލާމަތްތެރިކަން ދޭ އެންމެ ޒަމާނީ ވަސީލަތަކީ ސިގްނަލް ޖޭމަރ ކިޔާ ކުޑަ މެޝިނަކާއެކު ދުއްވާ ކުޑަ ޖީޕެއްފަދަ ކާރެކެވެ. އެ އޮންނަ ހިސާބުގެ ދުއިސައްތަ މީޓަރުގެ އަކަމިނުންއެތެރެ އަކަށް ސިގްނަލެއް ނުފޮނުވޭނެއެވެ. މޯބައިލް ފޯނެއްވެސް ވަގުތީގޮތުން މަސައްކަތެއްނުކުރާނެއެވެ. ސުވާލަކީ މި އުޅަނދުގެ މަތިން ކަމަނާ ހިތްޕުޅަށް އެރިތޯއެވެ. ނާރާ ނަމަ ނާގާބިލް ކަމަށް ބެލެވެނެއެވެ. އެރިނަމަ އަރާފާމެވެސް އެ ނުފޮނުއްވެވީ ކީއްވެތޯއެވެ. އޭގެ ދެތިން ހަތަރު އުޅަނދު ސިފައިންގޭގައި އޮންނައިރު، އެއެއްޗެހި އެއީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަތޯއެވެ. ދުއްވާލާ އުޅުމަށް ދާނެ ޕެޓްރޯލް ނޫން އިތުރު ޚަރަދެއް ނުހިނގާނެ އުޅަނދެއް ފޮނުވާލެއްވުމުގެ ގަވާއިދު ބަދަލުކުރައްވަން އުޅުއްވާފަ ނެތީ ކީއްވެތޯއެވެ.

ދަންނަވާފައެވާ ސުވާލުތަކަށް ޖަވާބުދާރީވެވަޑައި ނުގެން ހުންނަވާންވެއްޖެނަމް ރައްޔިތުންގެ އިތުބާރުވާނީ ހައްތަހާ ކުޑައެވެ. ނުކުރާކަމަށް ބުނާ ބަޣާވަތުގެ އެތައްބައިވެރިން ބަލަހައްޓަވަމުން އެބަޔަކުގެ ނުފޫޒާހުރެ އެބަޔަކުގެ މިހާރުގެ އަމާ ކަމުގައިވެވަޑަގެން މިހާރު ތިހުންނެވުނީ ފަސްދޮޅަސް ސާޅީހުގެ ފަސްދޮޅަހުގެކޮޅުގައެވެ. ބޮޑު ވަރިހަމައިގައެވެ. ގެކޮޅަސް ވަޑައިގެންނެވުން ވާނީ ޕާޓީކޮޅަށް ވަޑައިގަތުމަށެވެ. ޖަވާބުދާރީވެވަޑައިގަތުން އެއީ ރެކިވަޑައިނުގެންނެވޭނެ ވާޖިބެކެވެ.          


Popular posts from this blog

ލާދީނީ އޭ ގޮވުމަކީ އަޒުހަރީން ހިފި ހީލަތްތެރި ބަދަލެއް، އަދިވެސް އެކަންކުރުވަނީ އެބާހުން

ދިވެހިރާއްޖޭގެ ސިޔާސީ ތަރުތީބު ހަރުދަނާ ބިންގަލެއްގެ މައްޗަށް ނަގައި ހިމުންކޮށްދޭ ކަށަވަރަކީ އެމްޑީޕީގެ ގައުމީ މަޖިލިސް ..... ގާނޫނު އަސާސީ އަށް އިޞްލާޙް ގެންނާންހުރި ކަންކަމަށް ވިސްނާލުމަށް މިވަގުތު މިއީ އެމްޑީޕީ އަށް އޮތް ވަރަށް ފަހި ފުރުޞަތެއް

ދިވެހި ވެރިކަމުގެ އާދަތަކުގައި (ނަމުންކިޔާފަ ނެތަސް) އެތަކެއް ގަރުނެއް ކުރީއްސުރެ އަށަގެންފަ ހުރީ ބަރުލަމާނީ ސިފަތައް