ޤާނޫނު އަސާސީގެ 115 ވަނަ މާއްދާ ގެ ބޭނުން ހިއްޕަވައި މިނިވަން ތަޙްޤީޤީ ކޮމެޓީއެއް ރ.ޖ އުފެއްދެވުން މުހިންމު

     (ވަޠަނީ ޚިޔާލު)

ދުނިޔޭގެ އެއްވެސް ގައުމެއްގައި ފުރިހަމައަށް ހިނގާ އެއްވެސް މުއައްސާސާއެއް ނުހުރެއެވެ. ކޮންމެ މުއައްސަސާއަކީވެސް އަބަދުވެސް އިސްލާހީ ބަދަލު ގެންނަން ޖެހިފައިވާ ތަންތަނެވެ. ގިނަ ފަހަރު އެފަދަ ބަދަލުތައް އަންނަނީ ދިމާވާ، ނުރައްކާތެރި، ބިރުވެރި ނުވަތަ ހިތާމަވެރި ހާދިސާ ތަކާ ގުޅިގެންނެވެ.

ދިވެހިރާއްޖޭގައި ވެސް ކަން އޮތީ މި ގޮތަށެވެ. 2021 މޭ މަހުގެ 06 ވަނަ ދުވަހުގެރޭ ރައީސް މުހައްމަދު ނަޝީދަށް ދެވުނު ޓެރަރިސްޓް ހަމަލާއަކީ ހަމަ މިދެންނެވި ބާވަތުގެ ހާދިސާއެކެވެ. އެމަނިކުފާނުގެ ސަލާމަތީ ކަންތައް ބެލެހެއްޓުގެ ޤާނޫނީ ޒިންމާ މަތިކޮށްފައިވަނީ ދިވެހި ސިފައިންނާ ކަމަށް ވީ ހިނދު، އެއީ ދިވެހިރާއްޖޭގެ އާރމީ އެވެ. ނުވަތަ އަޅުގަނޑުމެންގެ މުލައްދަނޑިއެވެ. އެންމެ ކުޑަކުއްޖާއަށް ވެސް އެނގޭ ހަޤީޤަތަކީ ރައީސް ނަޝީދަށް އެވަރުގެ ހަމަލާއެއް ދިން ބަޔަކަށް، އެމަނިކުފާނު އަވަހާރަކޮށްނުލެވުނެއްކަމަކު، އެކަމުގައި ކާމިޔާބު އެވީ ކޮންމެވެސް ބަޔަކު ފެއިލް ވެގެންކަމެވެ.

ދެން އަވަސްވެގަންނަންވީ ގަޢުމުގެ އާރމީ އާމެދު އިތުބާރު ދެމެހެއްޓުމަށްޓަކާ ކަންކަން ފޮރުވުމަކަށް ނޫނެވެ. ކަން ހިނގާދިޔަގޮތް މިނިވްނަކްމާއި، ދެފުށްފެންނަ ގޮތަށް އިންސާފުވެރިކަމާއެކު ބަލާ އިސްލާހީ ފިޔަވަޅުތައް އަޅާ ދިވެހި ސިފައިނަށް އިތުބާރު ލިބިގަތުމެވެ. މިކަން ކުރެވޭނޭ އެންމެ ބާރުވެރި ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. ސިފައިންގެ އަބުރާ އިއްޒަތް ނަގަހައްޓައި ދެމެހެއްޓުމުގެ އެންމެ މަތީ ޒިންމާ ވެސް އޮތީ އެމަނިކުފާނުގެ އިސްތަށިފުޅުގައެވެ.  

މަރުކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނަކީ ރައީސް ސޯލިޙްގެ ވެރިކަމުގެ ދައުރުގެ ކުރީން ހިނގާފައިހުރި ކަންކަން ބެލުމަށް އުފެއްދި ކޮމިޝަންތަކެކެވެ. އެހެނަސް ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ފުރިހަމަ މާނާގައި "މިނިވަން ތަޙްޤީޤީ ކޮމެޓީއެއް" އެ މާއްދާގެ ދަށުން އެކުލަވާލަން ޖެހޭ ޙާދިސާ އަކީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއެވެ. މިފަދަ މިނިވަން ކޮމެޓީގެ މެމްބަރުންގެ ގޮތުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން މަންދޫބަކާއި ބޭރުގެ މާހިރުންވެސް ހިމެނުއްވުން ބުއްދިވެރިއެވެ. އެއީ ފުލުހުންނަށް އިތުބާރު ނުކުރާތީއެއް ނޫނެވެ. އެއީ ސަރުކާރުގެ އިދާރާތަކުން ކުރާ ތަޙްޤީޤަކަށް ވުރެ މިނިވަން ތަހުޤީޤެއްގެ ގޮތުގައި އާންމު ރައްޔިތުން ބަލައިގަންނާނެތީއެވެ. މިއީކީ އިންޓެލިޖެންސް އޯޑިޓްކުރުމެއްވެސް ނޫނެވެ. މިއީ ސީދާ މުޅި ހާދިސާގެ މައްޗަށް ހިންގޭނޭ ތަޙުޤީޤެކެވެ.

ތަޙުޤީޤުގެ ރިޕޯޓަށް ބިނާކޮށް އެޅޭނެ އިސްލާހީ ފިޔަވަޅުތަކުގެ އަލީގައި ސަލާމަތީ ބާރުތަކުގެ މަށްޗަށް އިތުބާރު ބޮޑުވެ،  ރައްޔިތުން އެކަން ބަލައިގަތުން އަވަސްވާނެއެވެ. ކަންކަން ވަންހަނާކުރާ ވަރަކަށް ވާހަކަ ގިނަވެ، ފަސްގިނަވެ، ރައްޔިތުން މާޔޫސްވެ ދަޢުލަތެއްގެ މަށްޗށް އޮންނަންޖެހޭ އިތުބާރުވެސް ގެއްލި ހިނގައިދާނެއެވެ. // 

Comments

Popular posts from this blog

ލާދީނީ އޭ ގޮވުމަކީ އަޒުހަރީން ހިފި ހީލަތްތެރި ބަދަލެއް، އަދިވެސް އެކަންކުރުވަނީ އެބާހުން

ދިވެހިރާއްޖޭގެ ސިޔާސީ ތަރުތީބު ހަރުދަނާ ބިންގަލެއްގެ މައްޗަށް ނަގައި ހިމުންކޮށްދޭ ކަށަވަރަކީ އެމްޑީޕީގެ ގައުމީ މަޖިލިސް ..... ގާނޫނު އަސާސީ އަށް އިޞްލާޙް ގެންނާންހުރި ކަންކަމަށް ވިސްނާލުމަށް މިވަގުތު މިއީ އެމްޑީޕީ އަށް އޮތް ވަރަށް ފަހި ފުރުޞަތެއް

ދިވެހި ވެރިކަމުގެ އާދަތަކުގައި (ނަމުންކިޔާފަ ނެތަސް) އެތަކެއް ގަރުނެއް ކުރީއްސުރެ އަށަގެންފަ ހުރީ ބަރުލަމާނީ ސިފަތައް