ބޮން ގޮއްވާލީ، ބަގާވާތްތެރި ސިފައިންގެ ހީލަތްތެރި މަދު ބަޔަކު ހިމެނޭ، ސިޔާސީ އަޑީ ޕާޓީގެ އަޅާނުލުމާއެކު
10 ޖޫން 2021 -
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އަރިހުގައި ތިބެދާނެ
އެތައް ބަޔެއްގެ ފުރާނަދުއްވާލުމުގެ ރޭވުމުގައި 2021 މޭ 6 ވަނަދުވަހު ފުރަމާލޭގެ މެދުގައި ބޮމެއް ގޮއްވާލީ، ރައީސް ނަޝީދަށް
ކުރިމަތިވެވަޑައިގެންފާނެ އެއްވެސް ނުރައްކަލަކާމެދު އަޅާނުލެއްވުމުގެ ރޫހު، އިސް
އޮފިސަރުންނާ މަދުބަޔަކު ހިމެނިގެން ހީލަތްތެރިކަމާއެކު ސިފައިންގެ ތެރޭ އަށަގަންނުވާފަ
އޮތް، ސިޔާސީ އަޑީ ޕާޓީއިން ފަތުރައްވަވާފަ ވާތީކަން އެއީ މިހާރު ޝައްކެއްނެތް
ހަގީގަތެކެވެ. އަޅާނުލެއްވުމުގެ ނަތީޖާ ވެގެންދަނީ އިހުމާލަށެވެ.
ސިފައިންގެ ކުރީގެ
ބައެއް ވެރިންގެ ސިޔާސީ ދަހިވެތިކަމުގައި ސިފައިންގެ ތެރެއަށް އެކިބާވަތުގެ
ނުފޫޒުތައް ފޯރުވާކަން ހާމަވެގެންދިޔަ އެއް ގަޑުބަޑަކީ 2012 ފެބްރުއަރީ 7 ވަނަ
ދުވަހު މާލޭ ގައި ނުކުރާކަމަށް ބުނާ ބަގާވާތެވެ. ސިފައިންގެ އާއި ފުލުހުންގެ
އެތައް ޚިދްމަތްތެރީންނެއް ވެރިންނަށް ނުކިޔަމަންތެރިކަން ފާޅުކޮށް، އެކިތަނަށް
ފެތުރި، ސިޔާސީ ޕާޓީއެއްގެ (އެމްޑީޕީގެ) އެތައްބަޔަކަށް ވޭންދެނިވި ހާނީއްކަކޮށް، އެޕާޓީގެ އޮފީހަށާއި
ތަކެއްޗަށް އިއާދަނުކުރެވޭފަދަ ގެއްލުންދީ، ޓީވީ މޯލްޑިވްސް އަށާއި ފޮރިން
މިނިސްޓްރީ އަށާއި އެއަރޕޯރޓަށް އަރައިގަނެ ހެދިއިރު އަމުރުތައް ހިންގަވަން
ތިއްބެވީ ރިޓައަރޑް ކާނަލް އޮނަރަބްލް މުހަންމަދު ނާޒިމް، އޮނަރަބްލް ޢަބްދުﷲ
ރިޔާޒު ފަދަ، މިހާރު ސިޔާސީ ދާއިރާގައި ހިމެނިވަޑައިގަންނަވާ އަދި ފުލުހުންނާ ސިފައިންގެ ކުރީގެ ވެރިންނެވެ.
އެހުރިހާކަމެއް ހިންގިއިރު، ސިފައިންގެ ގާނޫނީ އަމުރުވެރިޔާ ނުވަތަ ކޮމާންޑިންގ
އޮފިސަރ ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާ އަދި މަގާމުގައި ހުންނެވިއެވެ.
އެމަނިކުފާނު އިސްތިއުފާ ދެއްވީ އެދުވަހު، ގާނޫނާ ޚިލާފް އެހުރިހާކަމެއް ހިންގިތާ
އެތައްއިރެއް ފަހުންނެވެ.
ރާއްޖޭގައި އެންމެ
ފަހުން ބޭއްވުނު (2019 ގެ) އާންމު އިންތިޚާބުގައި ސިފައިންގެ ތެރެއިން
ވަކިވެވަޑައިގެން ތިއްބެވި ކުރީގެ އެތައް އޮފިސަރުންނެއް ވާދަކުރެއްވިއެވެ.
އެއްތާކު ވަޒީފާ އަދާކުރެއްވި ބަޔަކު، ގިނަ ދާއިރާތަކަކުން އެއްފަހަރާ ރައްޔިތުންގެ
މަޖިލީހަށް ކުރިމަތިލެއްވި ކަމީވެސް، އެ ޚިދްމަތްތެރިން އެއްކޮށްލައްވައިގެން
ސިޔާސީ އެކުލަވާލުމެއް (އަޑީ ނުވަތަ އަނޑަރގްރައުންޑް ސިޔާސީ ޕާޓީއެއް) ބޭނުންވެވަޑައިގެން
އުޅުއްވާ ވާގިވެރިން ފަހަތުގައި ތިއްބަވައިގެން ކަމީ އޮޅުމެއް ނެތްކަމެކެވެ.
2012 ފެބްރުއަރީ 7
ވަނަދުވަހު ފުލުހުންނާ
ސިފައިންގެ ބަޔަކު ވެރިންނަށް ނުކިޔަމަންތެރިވެ، ގާނޫނާ ޚިލާފް އެތަކެއް ކަމެއް ހިންގިއިރު،
ގާނޫނުގައި ބަގާވަތް ކުރެވެން އޮންނަނީ ސިފައިންނަށެވެ. ބަގާވަތްކުރުމުގެ މާނަ
މިހާރުވަނީ ފުޅާކުރެވި، އެ ކުށުގައި ފުލުހުންވެސް ހިމެނޭގޮތަށް ގާނޫނު
ފާސްކުރެވިފައެވެ. އާންމު މާނައިގަ ފުލުހަކު ނުވަތަ ސިފައިންގެ މީހަކު ވިޔަސް ބަގާވާތް ކުރި ކަމަށް ބެލެވޭނީ، ވެރިއަކުގެ ނުވަތަ މުޅި މުއައްސަސާގެ ބާރެއް
ނިގުޅައިގަތުމާއި، ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތެއްގައި ވެރިންގެ
އަމުރުތަކަށް ނުކިއަމަންތެރިވުމާއި، އެހެން ޚިދްމަތްތެރިއަކު ނުވަތަ ޚިދްމަތްތެރިން
ވާޖިބް އަދާކުރުމަށް ހުރަސްއެޅުމެވެ. އަދި އެހެން ޚިދްމަތްތެރިއަކު
ޑިޔުޓީގައި ބަހައްޓާފައިހުރި ތަނަކަށް ގަދަކަމުން ވަނުމާއި، ޚިދްމަތްތެރިއެއްގެ ހަތިޔާރާއި
އާލަތްތައް ގަދަބާރުން އަތުލުމުންވެސް ބަގާވާތް ކުރި ކަމަށް ބެލެވޭނެ އެވެ. އާންމުންގެ ލޯތައް ކުރިމަތީ އަދި އެތަކެއް ޓީވީކެމެރާ އާއި ނޫސްވެރިންގެ
ކެމެރާތައް ކުރިމަތީ ކުރިންދެންނެވި ހުރިހާކަމެއް ހިންގައި، އަނިޔާއާއި
ގެއްލުންދެނިވި ޢަމަލުތައް ހައްދުންނެއްޓިއިރު ވެސް، އެދުވަހު އެހިންގީ ބަގާވާތެއް
ނޫންކަމުގައި، އޭރުގެ ރިޔާސީ ކޮމިޝަނަށް ގެނެވުނު ފަނޑިޔާރު ސިންގަޕޫރުގެ ސެލްވަމް،
ވިދާޅުވެފަ އޮންނަ ހަމައެއް އޮވެއެވެ. އެއީ ކޯލިޝަނަށް ބުރޫ އަރައިފިނަމަ ދެން އެހިންގާ ގަޑުބަޑަކީ
ބާގާވާތެއް ނޫންކަމަށެވެ. އެ ދުވަހު އަނިޔާއާއި ހާނީއްކަ ހިންގި
ޚިދްމަތްތެރިންނާމެދު އިޞްލާހީ ފިޔަވަޅު އެޅުމަށް އޭނާ ނެރުނު "ކޯނީ
ރިޕޯރޓް" ގައި ލިޔެފައި އޮވެއެވެ. އެކަން އޮތީ ނުކޮށް ކަމުންނާއެކު، ފިޔަވަޅު
އެޅެންޖެހޭ ގިނަ ޚިދްމަތްތެރިން ތަކެއް މިހާރުވެސް ތިއްބެވީ ނުފޫޒުގަދަ މަގާމް
ތަކުގައެވެ. ބަގާވަތް ކުރުމުގެ ތަމްރީނުތައް ބަނޑޮސް ރިސޯރޓް ގަ ހިންގީ
ދުވަސްކޮޅެއް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މުހައްމަދު ޒާހިރު ބަނޑޮހުގައި
ހުންނަވައިގެނެވެ. ބަގާވަތް ނިމި ބަނޑޮހުގެ މާލުވެރިޔާއަށް ނައިބް ރައީސް ކަމާ
އިތުރު ރިސޯޓްރަށެއް ދިނުމުގެ ފަހަށްވެސް ޒާހިރު އެ ހުންނެވީ އެތާ އެވެ.
މަކަރުވެރިކަމާ ހީލަތުން
ސިފައިންގެ ތެރޭ އަޑީ-ސިޔާސީޕާޓިއެއްގެ ޣައިރުގާނޫނީ ރޫހް އަށަގަންނުވަން
ފެއްޓިފައިވަނީ، ނުކުރައްވާކަމަށް އެވިދާޅުވާ އޭރުގެ ބަގާވަތުގައި ހިންގެވި ނުފޫޒާއި
އަމުރުވެރިކަން ދެމެހެއްޓުވުމަށެވެ. ނުކުރައްވާކަމަށް ވިދާޅުވާ ބަގާވާތުގެ
އަމުރުވެރިން މިހާރު އެތިއްބެވީ ގިނަރައްޔިތުންތަކެއްގެ ރުހުމާ ވޯޓާއިއެކު
ރައްޔިތުންގެ މަޖިލީހުގައެވެ. ނުކުރައްވާ ބަގާވާތުގެ ގިނަ ބައިވެރިންތަކެއް
އަދިވެސް ތިއްބެވީ ފުލުހުންނާއި ސިފައިންގެ ބާރުވެރި މަގާމުތަކުގައެވެ. އެ ކަޅު
ދުވަހު އެބޭފުޅުންގެ ޒާތީ ދުޝްމަނީ ނާރެސް އަމާޒުކުރެއްވީ ރައީސް ނަޝީދަށެވެ.
އެދުވަހުވެސް އެމަނިކުފާނުގެ ގައިކޮޅަށް އަރައިގަނެވޭތޯ އާއި އަވަހާރަކޮށް ލެވޭތޯ
ބަޔަކު ބެލިއެވެ. އެކަންނުވީ އެވަގުތު އެމަނިކުފާނު އަރިހުގައި ތިއްބެވި އެމްޑީޕީ
މެމްބަރުންގެ ހިކްމަތުންނެވެ. އެހެންކަމުން، ރައީސް ނަޝީދުގެ ފުރާނަފުޅަށް
ގެއްލުމެއް ދީފާނެކަމުގެ އެކި އިންޒާރާމެދުވެސް އަޅާނުލުމުގެ ރޫޙް އޮންނާނީ ސިފައިންގެތެރޭ ފަތުރުއްވަވާފަކަން އެނގެއެވެ.
ވެރިކަމެއް ދަމަހައްޓާ
އެއްގޮތަކީ ބާރުވެރިކަމުގެ ބޭނުން ދަމަހައްޓުވައިގެނެވެ. މިހާރުގެ ވެރިކަމުގައި
ބާރުވެރިކަމުގެ ބަރުދަން ބޮޑީ އެމްޑީޕީ ފިޔަވައި ކޯލިޝަނުގައި ހިމެނޭ
ބައިވެރިންނަށެވެ. ޖޭޕީ އާއި އެމްއާރުއެމް އާއި އަދާލާތު ޕާޓީ އާއެކު އޮނަރަބްލް
ނާޒިމް އާއި އޮނަރަބްލް ރިޔާޒު ތިއްބެވީ ކޯލިޝަނުގެ ނުފޫޒުގަދަ ބައިވެރިންގެ
ގޮތުގައެވެ. އޮނަރަބްލް ގާސިމްގެ އައުވާނުންގެ ގޮތުގައެވެ. ނުކުރައްވާ ބަޣާވާތުގެ
އެތަކެއް އިތުރު ބައިވެރިންނަށް ފުލުހުންނާއި ސިފައިންގޭގަ ސަލާމަތުން ތިއްބެވެނީ
މިބޭފުޅުންގެ ސަބަބުންކަމުގެ ދޮގާއި ކުށްހީ ވަނީ ވަރަށް ބޮޑަށް ފަތުރާފައެވެ.
ކޯލިޝަނުގައި ހިމެނޭ އެމްޑީޕީ ފިޔަވައި، ދެން ތިބި ޕާޓީ ތަކުގެ ނުރުހުން އަމާޒުވެ،
ކޯލިޝަނަށް ބުރޫ އެރީ ކަމުގެ ކާރޫބާރޫ ހިންގަވާލެވިއްޖެ ނަމަ ނުވަތަ އޭގެން
ޕާޓީއަކުން ނޭދޭ ކަމެއް އެމްޑީޕީ އިން ކުރިއަށް ނެރެފިނަމަ، ކޯލިޝަނަށް ބުރޫ
އެރީކަމުގެ ހަލަބޮލިކަން ހިލުވާލައްވައި، ޖުމްހޫރީ މައިދާނަށް ޖަމާވެލައްވައި،
ވެރިކަން ވައްޓާލައްވާނެ ކަމުގެ (މިހާރަކު) ނެތްބާރާއި ނުފޫޒު ދައްކަވަނީ، މި
ބޭފުޅުންނާ މުޅި ސިފައިންގެ ތަބާވާނެކަމުގެ މަކަރުވެރި ދޮގު ދޭހަކުރެއްވުމެއްގައެވެ.
2008ގެ އިންތިޚާބުގެ ދުވަސްވަރު ކޯލިޝަން އުފެއްދެވީ އެމްޑީޕީ އަށް ސަތޭކައަކުން
ސާޅީސް އެއީ ބޮޑު ބަޔޭ، ޖޭޕީ އަށް ފަންސަވީހޭ، އެމްއާރުއެމް އަށް ވިއްސޭ އަދި އަދި
އަދާލާތަށް އެންމެ ފަނަރައޭ ވިދާޅުވެފަ އެވެ. ޓީމް ތަކާ ކެބިނެޓް ނަންގަވާ
ހިސާބުން އެމްޑީޕީގެ ސާޅީހަށްވެސް ވަނީ، ދެން ތިބި ޕާޓީތަކުގެ ހިއްޞާ އެއްކޮލުމުން
ޖުމްލަވާ، ފަސްދޮޅަހުގެ ނުފޫޒާއި ބާރުވެރިކަން ފޯރުވާފައެވެ. މިހާހިސާބުން ރައީސުލްޖުމްހޫރިއްޔާ
އެހުންނަވަނީ ބޮޑުފަޅިން ހިޞޯރުކުރެވި ރަހީނު ކުރެވިފައެވެ. ކޯލިޝަނަށް ބުރޫ
އަރަތްޕޭ ކިޔައި ބޮޑުފަޅިން ކަންކަން ހަލަބޮލިކުރަން ހަމަފެށުމާއެކު ނުކުންނާނީ
އެއްކަލަ ޕްރެކްޓިސް ލިބިފައިތިބި ބަގާވަތްތެރިންނެވެ. ބާގީންނެވެ. މިއީ ބަގާވާތެއް ކަމުގައި
ނުބުނެވޭނެ ކަމަށް ފަނޑިޔާރު ސެލްވަމް އަޅުއްވާފަ އޮތް ހަމަ އާއި އަނެއްކާވެސް ހަވާލާ
ދެއްވަމުންނެވެ. މިހާރުގެ ވެރިކަމުގެ ތެރޭ ބާރުވެރިކަމުގެ ބޭނުން ދަމަހައްޓުވާ
ގޮތަކީ އެއީއެވެ.
މިކަން ފެނިގެން ދިޔައީ
ބޮން ގޮއްވި ޖަރީމާއާބެހޭ ސުވާލުކުރެއްވުމަކަށް ވަކި ވަކި ސިފައިން މަޖިލީހަށް
ހާޒިރު ވުމަށް އެންގުމުންނެވެ. އެ ކަމުގެ ހުރަހަކަށްވި ގަރާރު ހުށައެޅުއްވީ
އޮނަރަބްލް ނާޒިމެވެ. ރ.ޖ ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕް
ގެ ބަޔަކުގެ އަތް އަނބުރާލައްވައިގެން ވިޔަސް އެކަންކުރެއްވީ އެއްކަލަ ސެލްވަމްގެ
ހަމައިގެ ދަށުން، ކޯލިޝަނުން (އޮނަރަބްލް ނާޒިމް ގެ ނުފޫޒު އޮންނަކަން 2012
ފެބްރުއަރީ 7 ގައާއި މިހާރުވެސް ހީލަތްތެރިކަމާއެކު ދައްކަވަމުން ގެންދަވާ
ސިފައިންގެ ބާގީންނަށް ނުވާ ބާގީން) ބަގާވާތެއް ނޫން ބަގާވާތެއް ކޮށްފާނެ ކަމުގެ ބިރާއި
އަވައިގައެވެ. އެކަން އެނގެނީ، ވަކި ވަކި ސިފައިން މަޖިލިހަށް ހާޒިރު ކުރުމަށް
ހުރަސް އަޅުއްވަނީ ރ.ޖ ކަމުގައި ރައީސް ނަޝީދު ދޭހަކުރެއްވުމާއެކު، ތިމަން މަނިކުފާނު
އެހެން އެކަން ނުކުރައްވާނެކަން ރ.ނ އަށް އެނގިވަޑައިގަންނަވާނެ ކަމުގައި
ވިދާޅުވުމުންނެވެ. މާނައަކީ ޚުދު އެމަނިކުފާނެއް ނޫނޭ، ވެރިކަމުގައި ހިމެނޭ
އެހެންބަޔަކު ކަމެވެ. (ނަމަވެސް އެ ތުހުމަތަށްފަހު ވަކިވަކި ސިފައިން މަޖިލީހަށް
މިހާރު އެބަ ހާޒިރު ވެއެވެ).
މަދު ބަޔެކޭ، މުޅި
ސިފައިންގެއެއް އެބޭފުޅުންގެ ފަހަތަކު ނެތޭ، މިދަންނަވަނީ ސިފައިންގެ މާތް މަގްޞަދާއި، އަޒުމް އާއި ކުރިއެރުންތައް
ހާޞިލްކުރެއްވުމުގެ މަތިވެރި ހިންމަތް ތަކަކީ ސިފައިންގެ ޚިދުމަތުގައި ތިއްބެވި އެގާރަހާހުން
(ބަގާވަތްތެރީން ފިޔަވައި) އެތައްހާސް މުވާތިނުންނަށް ޢާންމު ސިފައެކެވެ. އެ
މުޑުދާރު ބަގާވާތެއް ނޫން ބަގާވާތުގައި ބައިވެރިވެނުލައްވާ އަދި ނަފްސުގެ
އިއްޒަތްތެރިކަން ޚަރާބުވެނުލައްވައި ތިއްބެވި ޢިޚްލާޞްތެރި ސިފައިން، އޮނަރަބްލް
ނާޒިމް އާއި އޮނަބްލް ރިޔާޒު ފަދަ ކުރީގެ ވެރިންނާ، ބައިވެރިންގެ ގޮތުގައި
އެތެރޭގައި ތިއްބެވި ސަތޭކައަށް ވުރެ މަތިން ގުނާލެވުނަސް މާ މަދު، ބާގީންނަށް
ނުވާ ބާގީންނާ ގުޅުވައި، އެކުޖުމްލަ ކުރެއްވިޔަ ނުދެއްވާށެވެ. ވެލެއްވި ވަރަކުން
އެކަހެރިވެވަޑައިގެން، އެ ބޭފުޅުންގެ ޒާތީ ސިޔާސީ ދަހިވެތިކަމުގެ އެދުން ތައް
ފުރިހަމަކޮށްދެއްވަން ބައިވެރިވެ ނުލައްވާށެވެ.
ރާއްޖޭގެ
އިންތިޚާބުތަކުގައި ވޯޓް ދެއްވުމުގައި ދިވެހި ސިފައިންނާ ފުލުހުންނަށްވުރެ ސިޔާސީ
މިނިވަންކަން ލިބިފައިވާ ފަރުދުންގެ އެހެން ބަޔަކު ނެތެވެ. އެއީ (މަނާ ކަންކަމަށްވެސް
ވާތީއާއިއެކު) ވަކި ޕާޓީ އަކަށް ނިސްބަތްވާކަން ހާމަކުރެއްވުމެއްނެތި، ސިޔާސީ ދެއްކެވުންތެރިކަމެއްނެތި،
އެކި ޕާޓީތަކުގެ ސިޔާސަތުތަކަށް ބައްލަވައި، ކޮންމެ ޕާޓީއަކަށްވިޔަސް (މުޅިން
ޕްރައިވެޓް ކޮށް) މިނިވަންކަމާއެކު ސިއްރު ވޯޓްދެއްވޭނެތީއެވެ. ދާއިރާ ފުޅާ އެ މިނިވަންކަން
ހަނިކޮށްލަނީ މަކަރާއި އޮޅުވާލުމުގެ ތެރެއިން "ސިފައިން ވޯޓް ދެއްވަންވާނީ
ކުރީގެ އޮފިސަރުންނަށޭ، ޚިދްމަތުން ވަކިވިޔަސް މިއީ އެއްބަޔެކޭ" ފަދަ
އޮޅުވާލުންތަކާއެކު ކުރީގެ ވެރިންނާ ކުރީގެ ކޮމާންޑިންގ އޮފިސަރުގެ ނުފޫޒު ސިފައިންގެ
ތެރޭ ނާޖާއިޒުގޮތުގައި ދެމެހެއްޓުމަށެވެ. އުންމީދީ އެންމެހާ ސިފައިން
ވިސްނަވާށެވެ. ކުރީގެ އޭ މިދެންނެވީ އޮޅުމަކުންނޫނެވެ. ކުރީގެ މާނައަކީ
ވެނިމިފައިވުމެވެ. ތިޔަ ޚިދްމަތްތެރީން ކުރީގެ ވެރިންނަށް މިހާރު ތަބާވެލައްވާކަށް
ނުޖެހޭނެއެވެ. ތިޔަ މުވާތިނުން ހަރަކާތްކުރައްވަންވާނީ މިހާރު ގެ ވެރީން ގެ
އެންގެވުންތަކަށެވެ. ނަމެއް އަމުދުން ނެތި، ކަމުން ނުފެނި، ނުހިންގާ ކަމަށް
ދައްކުވާ، ހީލަތްތެރި އަޑީ ސިޔާސީ ޕާޓީއެއް، ނޫންކަމަށްހެއްދެވިތިއްބަވައި ސިފައިންގެތެރޭ
ކުރީގެ ވެރިން އެހިންގަވަނީ މަކަރުވެރިކަމާއި ހީލަތްތެރި ރޭއްވެވުމުންނެވެ. ތިޔަ
މުއައްސަސާ ގައި ތިއްބެވި ސަތޭކައެއްހާ ބަޣާވަތްތެރިން ވެގެން މިއީ އެއްބަޔަކު
ކަމުގެ އަވާމެންދުރު އެދައްކަވަނީ ސިފައިންގެ އަދަދު އެގާރަ ހާހުން ގުނޭތީ އާ، ޢާއިލާއަކަށް
ފަހެއް ގުނިޔަސް ބައިލައްކައަށް ވުރެ ވޯޓް ގިނަވާނެތީ، ހުރިހާ މިނިވަން ސިފައިންނާ
މެދު ވެސް ބާރު ހިންގަވަނީ އެބޭފުޅުންކަމުގެ މަކަރުވެރި، ވެބޫ ދޮގުތަޞައްވުރު
ފަތުރުއްވަވާށެވެ.
ކޯނީ ރިޕޯޓް ގައި އޮންނަ
ފިޔަވަޅު އެޅުމުގެ ބައި ކޯލިޝަނުގެ ނުފޫޒުން ހިފެއްޓެވިއަސް، އެދުވަހު
ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ނުދެއްވަނީސް އެމްޑީޕީ އޮފީހަށް އަރައިގަނެ
އެތައްބަޔަކަށް ހާނިއްކަކުރި މަންޒަރުތަކާ، ޓީވީ މޯލްޑިވްސް، އެއަރޕޯޓް ފޮރިން
މިނިސްޓްރީ ފަދަ ތަންތަނަށް އަރައިގަނެ އަދި މޫނުތަކަށް ހުތުރު ވައްތަރުތައް ޖައްސަމުން، އަޑުގެކޮޅަށް ތަކުބީރު ގޮވަމުން ކަޅުތުއްކަލާ ކޮށިން ބަނޑޭރިގެއަށް
އައިހާ މީހުންގެ ފޮޓޯ ތައް އެތައް ބަޔަކުގެ އަތުގައި އެބަހުއްޓެވެ. ފޮޓޯއިން
ފެންނަ މީހާ އާއި ނަން ދިމާކުރުމުގެ މުބާރާތެއް ބާއްވައި، ފައިސާގެ އިނާމު ދީގެން
ނަމަވެސް، އެއީ ކޮން ރަށެއްގެ ކޮން ގެއެއްގެ ކާކުކަން އިންޓަރނެޓް ގައާއި މި
ރާއްޖޭގައި ހާމަކުރެވި ބޭޒާރުވެގެން ދާނެއެވެ. ބާގީންގެ ދަފްތަރެއް އާންމުކުރުން
އެއީ ސެލްވަމަކަށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް ހުއްޓުވޭނެ ކަމެއް ނޫނެވެ. ޒަމާނާ
ތާރީޚަށް ޓަކައި ބާގީންގެ ދަފްތަރެއް ޝާއިޢު ކުރެވޭނެއެވެ. މި ބޮޑުވެގެންވާ ފަލީހަތުގެ
ވޭނާ ކުރިމަތިލާން ތިބޭނީ އެ ލަދުވެތި ޖަރީމާގައި އެކިގޮތަށް ޝާމިލްވި
ބައިވެރިންގެ ޢާއިލާތަކެވެ. މިހާރުގެ އުންމީދީ އެތައްހާސް ސިފައިން، އެ
މުވާތިނުންގެ ޢާއިލާތަކަށް އެފަދަ ގިލަންވެރިކަން މެދުވެރިވާފަދަ ލަދުވެތި
ފަލީހަތް ތަކުން ދުރުހެލިވާނެއެވެ.
ސަބަބަކީ، ދުނިޔޭގެ
ލަދާއި ތަދަކީ ފަހުގެ އަޒާބުހާ ދުރުހެލިވާންޖެހޭ ކަންކަން ކަމުގައި ވާތީއެވެ.
ކުރީގެ ރައީސް މުހަންމަދު
އަމީން އަވަހާރަކޮށްލި ހަމަލާތައް ދިނީ ސިފައިން އަޅާނުލާ ތިބެގެނެވެ. އިހުމާލުވެގެނެވެ.
އެއީ އިތުރު ވަސްވާހެއްނެތި
ސާފުކޮށް އެނގޭ ކަމެއްކަމުން، އެތަކެއް ކުރިއެރުމާއެކުވެސް ސިފައިންގެއިން އެ ހަޑި
ލައްގަނޑު އަދިވެސް ނުފިލައެވެ.
ރައީސް މުހަންމަދު
ނަޝީދާއި އަރިހުގަ ތިބެދާނެ ބަޔަކު ފުރާނަދުއްވާލުމުގެ ރޭވުމުގައި ވޭނީ ޒަޚަމްތައް
ކުރުވި ބޮން ގޮއްވާލީ، ނުހިންގާކަމަށް ބުނާ، ނަންނުވެ ކަންނުކުރާކަމަށް ހެދިގެން، ހީލަތުން
ބަނދެލެވޭތޯ ބަލާ ވޯޓް ފުރައިގެ އެގާރަހާސް ދިވެހިންގެތެރެއިން މަޢޫޞޫމް
އެތައްހާސް ބަޔަކު ޝާމިލްވާކަމަށް މަކަރުވެރިގޮތުގަ ދައްކައި، ސިފައިންގެތެރޭ
އަށަގަންނުވާފަ އޮތް ސިޔާސީ އަޑީ ޕާޓީއިން އެމްއެންޑީއެފް ތެރޭ ފަތުރާފައޮތް އަޅާނުލުމާ
އެކުގައެވެ. އިހުމާލުވެގެނެވެ.
އަދިވެސް ތަކުރާރު
ކޮށްލަމެވެ. ރައީސް އަމީނު އަވަހާރަވެޑައިގަތް ހާނީއްކައާއި އަނިޔާ ކުރެވުނީ،
ސިފައިންގެ ބަޔަކު އަޅާނުލުމުންނެވެ. އެބަޔަކުގެ އިހުމާލުންނެވެ.
ރައީސް ނަޝީދު
އަވަހާރަވެވަޑައިގަންނަވާފަދަ ވޭނީ ޒަޚަމް ތައް މެދުވެރިކުރުވީ، ސިފައިންގެ
ބަޔަކުއަޅާނުލުމުންނެވެ. އެހެންކަމުން އެކަމުގައިވެސް ވަނީ އިހުމާލެވެ.
މި ހީލަތްތެރި ސިޔާސީ އަޑީ ޕާޓީގެ
ނުފޫޒުން ރާއްޖެ ސަލާމަތްކޮށްދެއްވާނީ އެމްއެންޑީއެފްގައި ތިއްބެވި ބާގީންނަށް
ނުވާ މަޢޫޞޫމް އަދި އުންމީދީ ސިފައިންނާ، ރައްޔިތުން ގުޅިގެން، މަތިވެރި އަމުރުފުޅާ
އިރާދަފުޅާއެކުގައެވެ. //
Comments
Post a Comment