ފަނޑިޔާރުންގެ އިޚްތިޔާރުތަކާ އިމްތިޔާޒު ތައް މަހުޖަނުންގެ ޝޭހުން ފޭރުނަ ނުދެއްވާ
26
ޖޫން 2021 – ދިވެހިރާއްޖެއަށް އިސްލާމް ދީން
ތަޢާރަފް ވި ކަމަށް ބެލެވޭ މީލާދީ އަހަރު ކަމުގައިވާ 1153 ވަނަ އަހަރުން ފެށިގެން 1968
ވަނަ އަހަރާ ހަމައަށްވެސް އިސްލާމް ދީނުގެ އެންމެ މަތީ ވަލީ ދިވެހިރާއްޖޭގައި އޮތީ
އުއްތަމަ ފަނޑިޔާރު އަދި ފަނޑިޔާރުންގެ ކިބައިގައެވެ. 1968 ވަަނަ އަހަރު ރައީސް
ނާޞިރުގެ ދައުރާއެކު، ރާއްޖެއަށް ބޭންކް ގެ ޚިދްމަތްތަކާ ޓުއަރިޒަމް ފަދަ ވިޔާފާރީގެ
ޒަމާނީ ވަޞީލަތްތައް ތަޢާރަފް ކުރެއްވި ދުވަސްވަރު އެޅުއްވި ފިޔަވަޅުތަކެއްގެ
ގޮތުގައި ފެނިގެން ދިޔައީ ދީނީ ފަތުވާ ދެއްވުން ފަނޑިޔާރު މަނިކުފާނަށާއި ޢިލްމުވެރިންނަށް
އެކި މުއްދަތަށް ބަންދުކުރެވުނު ދުވަސްތަކެކެވެ. ފަނޑިޔާރުންގެ އިޙްތިޞާޞް ތަކަށް ސިޔާސީ
ވެރިޔާގެ ނުފޫޒު ފޯރުވަން ފެއްޓުނީ އެހިސާބުންނެވެ. 1978 ވަނަ އަހަރުން ފެށި، 2008
ގެ ގާނޫނު އަސާސީ ފާސްކުރެވުމާ ހަމައަށް އިސްލާމްދީނުގެ, އަދި ކިއެއްތަ ފަނޑިޔާރުކަމުގެވެސް އެންމެ މަތީ ވަލީ އާއި
ޙަވާލުވެވަޑައިގެން ހުންނެވީ ގައުމުގެ ސިޔާސީ ވެރިޔާ ރައީސް އަލްއުސްތާޛު މައުމޫނު
ޢަބްދުލްޤައްޔޫމެވެ.
ތާރީޚުން އެނގޭ ގޮތުގައި އިސްލާމް
ދީނުގެ އެންމެ މަތީ ވަލީ އުއްތަމަ ފަނޑިޔާރަށާއި ފަނޑިޔާރުންނަށް އޮތް އޮތުން ސިޔާސީ
ވެރިންގެ އަތްޕުޅު މައްޗަށް ނެންގެވުން ފެށިފައޮތީ އަޒްހަރީ އިލްމުވެރިއެއް
ކަމުގައިވާ ޝެއިޚް މޫސާ ފަތުހީ އުއްތަމަ ފަނޑިޔާރު ކަމާ ހަވާލުވެވަޑައިގަތް 1968 ގައެވެެ.
އޭގެ ފަހުން 1978 ވަނަ އަހަރު ފެށުނު ރިޔާސީ ދައުރު ހަގުނަކުރެވުނު ދިގު ތިރީސް އަހަރު
ފާއިތުވެ ދިޔައީ ގައުމުގެ ސިޔާސީ ވެރިޔާ، އެއީ ދަންނަބޭކަލެއްގެ އަދި ދީނީ ޢިލްމުވެރިއެއްގެ
ނަމުގައި އަޒްހަރީއަކު އިސްލާމްދީނުގެ އެންމެ މަތީ ވަލީއާއި ޙަވާލުވެ ވަޑައިގެން
ހުންނަވައެވެ.
އުއްތަމަ ފަނޑިޔާރުގެ މިނިވަން
ކަމާ ފަނޑިޔާރުންގެ އިޚްތިޞާޞް ކަނޑައެޅި، ދައުލަތުގެ ތިންބާރު ވަކިކުރެވުމާއެކު
އިސްލާމްދީނުގެ އެންމެ މަތީ ވަލީ ވަނީ 2008 ގެ ގާނޫނު އަސާސީ އިން ފަނޑިޔާރުންނަށް އަލުން ރުޖޫއަ
ކުރެވިފައެވެ.
މި ރާއްޖޭގެ ވެރިކަމުގައި
ހުންނަވައި އިސްލާމް ދީން ގަބޫލުކުރެއްވި ރަސްގެފާނު ދޮވެމީ، ފަހުން މުހަންމަދު
އިބްނު ޢާދިލް (ދަރުމަވަންތަ ރަދުން) ގެ ރަސްކަމުގެ ފަހަށް ހިނގި 815 ވަރަކަށް
އަހަރު ވަންދެން (1153 އިން 1968 އަށް) މި ރާއްޖޭގެ ރަނިންނާއި ރަސްރަސްކަލުންގެ ނަންފުޅުތައް
ލިޔެވިފައި ހުރި ތާރީޚީ ތަރުތީބާއި އެއްވަރަށްް މި ރާއްޖޭގައި އުއްތަމަ
ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންގެ ތަރުތީބުވެސް ލިޔެވިފައި އެބަހުއްޓެވެ.
ރައްޔިތުން ހެނދުން އަޅާންވީ ގޮތްގޮތުން ފެށިގެން ދީނުގެ އެކިކަންކަން
ރައްޔިތުންނަށް އޭރުއްސުރެ އަންގަވައިދެއްވުމުގައިވެސް އިސްވެ ތިއްބަވާފަވަނީ އުއްތަމަ
ފަނޑިޔާރުންނާއި، ގާޒީންނެވެ. ދީނުގެ ހުކުމްތަކާމެދު ޢިލްމުވެރިޔަކު ވާހަކަ
ދެއްކެވުމުގެ ނުތަނަވަސްކަން ރާއްޖޭގެ ފަހުގެ ތާރީޚުން ފެނިގެން ދިޔައީ ނާއިބު
ބޭކަލަކު ވެލާބިސް ފަރީއްކުޅުއްވަންވެގެން 'ހަރާމީ ވެލާ މަހޭ' ވިދާޅުވި
ހިސާބުންނެވެ. އޭގެ އަހަރުތަކެއް ފަހުން އަނެއްކާވެސް އެފަދަ ޚިލާފެއް ފެނިގެން
ދިޔައީ ކުރިން ދެންނެވި ނާއިބު ޞާހަބުގެ ދަރިކަލަކު މި ރާއްޖޭގެ ވެރިކަމާމެދު ފާޑު
ވިދާޅުވުމުގައި 'ބަނގުރާ އެތެރެ ކުރާ މީހެކޭ، ވިއްކާ މީހެކޭ، އަދި އެ ބޮއި އުޅޭ
މީހެކޭ ހަރާމް ކަންކަމަށް އަރައިގަތުމުގައި އެއްވަރޭ' ވިދާޅުވެ ޅިޔަން
ބޭފުޅުންނަށް ދަރުސް ދެއްވި ހިސާބުންނެވެ. އެ ފިތުނަ އުފެއްދެވުމުގެ ކުށުގައި އެ މަނިކުފާނު
ހދ. މާމަކުނުދުއަށް އަރުވާވެސް ލެއްވިއެވެ. އެކަމަކު، ދެންފެށުނު ޚުދު
އެމަނިކުފާނުގެ ވެރިކަމުގައި، ބަނގުރާ އެތެރެ ކުރެއްވުމާ ވިއްކެވުމާ އަދި ފުރަދާނަ
ފެންވަރުގެ އަރިސް ބޭފުޅަކު އެ ހިއްޕަވާ އުޅުއްވުމަކަށް ބަދަލެއް ނާންނަ ކަމުގެ
ދެފުއްކެހެރިކަންވެސް ދިވެހިން ވަނީ ދެކެފައެވެ.
އަޒުހަރީންގެ ބޭފުޅުން ވެރިކަމަށް
ވަޑައިގެންނެވީ އޭރުގެ ރައީސް ނާޞިރުގެ ޒަމާނީކުރެއްވުމުގެ ސިޔާސަތާ ދެކޮޅަށް
އިސްލާމްދީން ވިއްކަވައިގެންނެވެ. އެކަމަކު އަޒްހަރީންގެ ދިގު ތިރީސް އަހަރުގެ
ވެރިކަމުގައި، ޖާއިޒު
ނަތީޖާނެރުއްވޭފަދަ ގޮތްތަކަކަށް އެކަންކަމާމެދު މެދު އިހްތިރާމް ކުރައްވާފައެއް
ނުވެއެވެ. ދިވެހިރާއްޖޭގެ ހުރިހާ ސްކޫލް އަދި މަދަރުސާތަކުގައި ސިލަބަސް
ކުރެވިގެން މަޖްބޫރު މާއްދާއެއްގެ ގޮތުގައި ދީނީ ތައުލީމް ދެވެމުން ދިޔަ ސިލަބަސް
އުވާލެއްވުމާ، ދީނީ ތަޢުލީމް ވަކިމާއްދާއެއްގެ ގޮތުގައި، މާލޭގެ ސްކޫލްއަކާ މަޢުހަދު ގައި ހިންގަވައި، އެތަނުން އުފެއްދެވި
ޢާލިމުންނާއި ގާޒީންގެ މައްޗަށް ނާޖާއިޒު ނުފޫޒު ފެތުރެއްވިއެވެ. 815 އަށް ވުރެ ގިނަ އަހަރު
(1153 އިން 1968 އަށް) ލިޔެވިފައިވާ ދީނީ ކަންކަމުގެ އެންމެ މަތީ ވަލީ އޮންނަ އުއްތަމަ
ފަނޑިޔާރުންގެ ތެރެއިން އެންމެފަހަށް ހުންނެވި ފަނޑިޔާރުމަނިކުފާނު ލިޔުއްވި ދީނީ
ދަރުސްތައް ކަމުގައިވާ "ތަޢުލީމުއް ދިޔާނާ" ގާދޫ ކޮލުން
ބޭރުކޮށްލައްވައި، ހަމަ އެހާމެ ދިގު ތާރީޚެއްގައި ދިވެހީން އުޅެމުން އައި
މެދުމިނުގެ އާންމު ދިވެހިވަންތަ ގޮތްފޮތް އުވާލައްވައި، ދީނީ އެންމެ މަތީ ވަލީއާ ހަވާލުވެވަޑައިގެން، ރާއްޖެއަށް މަޒުހަބީ
ގިނަކަން ތަޢާރަފު ކުރެއްވުން ވެގެންދިޔައީ އޮބެހެއްޓެވޭވަރަށްވުރެ ބޮޑު
ފިތުނައިގެ ވިއުގައަކަށެވެ. އޭގެ ބައެއް ޢާލިމުންނާ ބޭރުގެ އިސްލާމީ ނަންނަމުގެ މަގުފުރެދިފައިވާ
ޖަމިއްޔާތަކުން ގުޅިގަނެ، މިސުލްހަވެރި މާހައުލުގައި ލޭއޮހުރުވަނިވި ހަމަލާ ތައް
ފެށުނު ހިސާބުން އެބޭފުޅުންގެ ދީނީ ސިޔާސަތު އަތްޕުޅަށް ގޮވީއެވެ.
އެހާހިސާބުން ދެން ފެއްޓެވީ ޗިލީ
ސޯސް އުނގުޅުއްވައިގެން ޝޭޚުންގެ ތުބުޅި ބޭލުއްވުމުގެ އުނދަގޫ މަސައްކަތްޕުޅެވެ.
އޭރު އެމަނިކުފާނު މިއޮތީ ސިޔާސީ
ވެރިއަކަށް ހުންނަވައި ދީނުގެ ވަލީއާއި ހަވާލުވެވަޑައިގެން "ދީނުގެ
މަގާ" އެކިކަހަލަ ދީނީ ފަތުވާ އާއި ހުކުމް ތަކާ ނެރުއްވާފައެވެ. ދެން
ފެންނާންފެށީ ޢަރަބިއްޔާއިންނާ މަޢުހަދުން މައުމޫނީ އިރުޝާދު ލިބިވަޑައިގެން
ބޭރުގެ އެކި ޔުނިވަރސިޓީތަކުން އެމަނިކުފާނަށް ވުރެ މަތީ ދީނީ ފާސް ނެންގެވި
ބޭފުޅުން، ހަމަ އެ ބީދައިން ދީނީ ހުކުމްތައް ނެރުއްވާން ފެއްޓެވި ތަނެވެ. ފައިސާގެ
ބާރާއި ސައުދީ ޞަދަގާތާ ޕާކިސްތާނު އިރުޝާދު ތަކުން މިރާއްޖޭގެ (ސަނަދު ނެންގެވި)
ފަނޑިޔާރުންނަށް އޮންނަ އިޚްތިޞާޞް ގެ ތެރެއަށް (ފަނޑިޔާރުކަމުގެ ސަނަދު ނެތް) ޝޭޚުންތައް
މަތިންބައިން ވަންނަވާން ފެއްޓެވީއެވެ. މީސްމީހުންގެ ލޭ ހުއްދަކުރައްވައި ކާފަރަކީ
ކާކުކަންކަނޑައަޅުއްވާން ފެއްޓެވުމުގެ ނަތީޖާގެ ގޮތުގައި އެބޭކަލުންގެ (ނާޖާއިޒު) (އަ)ނިޔާތައް
ތަންފީޒުކުރާނެ އަގަލެއް ކުލުނެއްނެތް ބަޔަކު ދީނުގެ ނަމުގައި ހައްލާލެވި ގާތިލުންނަށް
ވެގެން ދާ ތަނެވެ.
މީހަކު ދީނާ ޚިލާފް ޢަމަލެއް
ކޮށްފިނަމަ، މިސާލަކަށް ވައްކަން، ނުވަތަ ޒިނޭ ފަދަ ހަރާމް ކުރައްވާފަވާ އެއްވެސް
ކަމެއް ކޮށްފި ނަމަ އެކަމެއް ހުށައަޅަން ޖެހެނީ ޝަރީއަތަށެވެ. ޝަރީއަތުގެ ފުރަތަމަ
މަރުހަލާއެއްގެ ގޮތުގައި އޮންނަނީ ތަޙްގީގު ކުރުމެވެ. މިކަންކަމަށް ފުުލުސް
އޮފީހާއި ކޯޓް ތަކާ ހުއްޓާމެ އަދި ފަނޑިޔާރުންވެސް ތިއްބެވިތާ ތިއްބަވަނިކޮށް، ޑރ.
އަފްރާޝީމް ޢަލީ އާއި، އަޙްމަދު ރިލްވާނާއި ޔާމީން ރަޝީދާއި، އަދި ރައީސް ނަޝީދުގެ
މައްޗަށް މަރުގެ (އަ)ނިޔާ ނެރުއްވައި އެ (އަ)ނިޔާތައް މަގުފުރެދިފައި ތިބި ބަޔަކު
ލައްވައި އެއޮތީ ތަންފީޒު ކުރެއްވުމާހަމައަށް ގެންދަވާފައެވެ. މިޒާތުގެ ހުކުމުގެ
ބިރު މިދައްކަވަނީ ހަމައެކަނި އެމްޑީޕީ އޭ ކިޔުނު ޕާޓީއެއްގެ ދެކޮޅުވެރިންނެވެ.
އެކަން އެނގެނީ ރައީސް ޔާމީނުގެ ދައުރުގައި ހަމަ މިދެންނެވި ޝޭޚުން ތިއްބެވީ ރައީސް
ޔާމީނު އަރިހު އޮރިޔާން ޗަރުކޭސް ބައްލަވާށެވެ. މިހާރަކަށް އައިސް މި ޝޭހުންތަކަށް
ދީލަތި އެހީ ދެއްވުމުގެ މަތީ ފަޑީގައި ތިއްބެވީ މަހުޖަނުންގެ ބަޔެކެވެ. ސަން
ޝިޔާމަކާ، ގާސިމް ސޭޓަކާ، ޗަމްޕާ އަފީފެކޭ ކިޔަސް، ދެން އެތިބަފެންނަނީ މަހުޖަނުންގެ ޝޭޚުންނެވެ.
ކުރުކޮށް ދަންނަވާނަމަ
މަހުޖަނުންގެ ވަރަށް މަދު ބަޔަކު ބޭނުން ވެލައްވާ އެކި ފާޑުގެ ފަތުވާތަކާ ނިޔާތައް
ނެރުއްވައި ތަންފީޒު ކުރެއްވުމުގައި ޝޭހުން ހަބޭސް ވެލައްވަނީ ފަނޑިޔާރުންނަށް
ވެގަނެ، ފަނޑިޔާރުންނާ ގާޒީންނަށް އޮންނަ އިޚްތިޔާރުތަކަށް ފާޅުގަ އަރުއްވައިގަނެގެންނެވެ.
ފަނޑިޔާރުން ނިންމަވާން ޖެހޭ ކަންކަން ޝޭޚުން ލައްވާ ނިންމުވައި ތަންފީޒުވެސް
ކުރުވަނީ އެވެ. ގިނަފަހަރަށް ތަންފީޒުކުރުވަނީ ސިއްރިޔާތުގައި ވަގަށް ފިއްލަވައި
ތިއްބަވައިގެންނެވެ. އެ ގޮތުން، ކައިވެނީގެ ޢުމުރު ހަމަނުވާ އަންހެން ކުދީން މީހުނާ ދެވައި ދެއްވުމާ، ކަނބަލުންގެ ދައްބަނޑުގައި މާމުއިން ޢަރަބި
ލިޔެދެއްވައި ރުގްޔާއޭކިޔުއްވައިގެން އޮޅުވާލައްވާފަ ހުރީ ކިތައްފަހަރުބާއެވެ.
ސަހަރޯއެވެ. ކިތައް ޖަނގިޔާ ދަރިން މިބަގައިގެ ލަފާގެ މަތީން ލައްވައިފިބާ އެވެ.
ކިތައް ކަނބަލުން މި ބަގަ ފިލާ ތިބެ ޚިތާނުކުރުވައިފިބާއެވެ. އަދި މީގެ ހެއްވާ އަނެއް
ކަމަކީ މުސްކުޅި މައުމޫނު މިހާރު މިބޭފުޅުންނާ (ވަރަށް ސުލްހަވެރިކަމާއެކު
އެއްވެސް މައްސަލައެއް ނުއުފުއްލަވައި) ޖަދަލުކުރައްވައި ކަނބަލުން ޚިތާނުކުރުން
އެއީ ނޯންނަކަމެކޭ ވިދާޅުވެ ބައިތުބާޒީވެސް ކުރައްވަނީ އެވެ. ބޭނުން ފުޅަކީ އެ
ޝޭޚުން ތައް އެ ފޭރެނީ ގާޒީންނާ ފަނޑިޔާރުންގެ އިޚްތިޞާޞް އާއި އިޚްތިޔާރުތަކާ އިމްތިޔާޒުތައްކަން
ރައްޔިތުންނަށް އޮޅުވާލައްވައިގެން އަދިވެސް މި ރާއްޖޭގައި ނަފްރަތާ ހަސަދައާއި
ތަކްފީރުކުރުމާ "ލާދީނީ" ގޮވުން ހަތިޔާރުގެ ގޮތުގައި ބޭނުން ކުރެއްވުމެވެ. (އަންހެންކުދީން ޚިތާނުކުރަން ޖެހޭނަމަ އެކަމެއް އުއްތަމަ ފަނޑިޔާރު އަންގަވާނެއެވެ.)
ހަރުކަށި ވެވޭނީ އެއްބަޔަކަށް
އެކަންޏެއްނޫނެވެ. އަނެއްބަޔަކަށް ވެސް ހަރުކަށިވެވިދާނެއެވެ. ބަޔަކުމީހުންގެ
މަޑުމައިތިރިކަމާ އިޚްލާޞްތެރިކަން އެއީ ބަލިކަށިކަން ކަމުގައި ބައްލަވާކަށް ހެޔޮނުވާނެއެވެ. ޢޭގެން ޝޭޚަކު ފެންނައިރަށް މޫނުފުޅަށް ބައެއްމީހުން ކުޅު ޖަހާފަ ނޫނީ ވާހަކަވެސް
ނުދައްކާ ހިސާބަށް ގެންދެވިދާނެއެވެ. ފެނުނު ތަނަކުން ގޮށްމުށް މަޅައި ފަހައިގަންނަންވެސް ފެށިދާނެއެވެ.
އަދި ދަންނަވަންތޯއެވެ. ތަކްފީރު ކުރައްވައިގެން މަގްބޫލު ސިޔާސީ ވެރިޔަކުގެ
ފުރާނަދުއްވާލުމަށްފަހު ދެން އެކަމެއް އެހާހިސާބަށް ގެންދެވުމުގައި ފާހަގަވާ
މަހުޖަނުންނަށާ އަނބިދަރިންނަށް، އަމުދުން އެންމެނަށް އެނގޭ މުސްކުޅި މުއްލާއަށާ އެމަނިކުފާނުގެ
އަނބިދަރިންނަށް މިރާއްޖޭގައި ސަލާމަތްތެރިކަމާއެކު ހަމަ ފުށްޖައްސަވާލައްވައިގެން، ނަލަހެދިލައްވައިގެން ރީތި ރީތިކޮށް އުޅުއްވިޔަ ނުދޭނޭ ދިވެހިން މިހާރުވާނީ މަދަށްވުރެ
ގިނަ އެވެ.
މަހުޖަނުންގެ ޝޭޚުންތައް ސިޔާސީ ނާޖާއިޒް ބޭނުމުގައި ފަނޑޔާރުންގެ އިޚްތިޔާރުތައް ފޭރޭ ފޭރުންތަކާ މެދު ގާނޫނީ ފިޔަވަޅުތައް ފެށޭނީ
ރައްޔިތުންގެ ތެރެއިން ކެރޭ އަދި އިޚްލާޞްތެރި ބަޔަކު އެކަންކަމާ
ފިޔަވަޅުއަޅުއްވައިދެއްވުން އެދި ކޯޓުތަކުގައި ޝަކުވާކުރައްވާން ފެއްޓެވުމުންނެވެ.\\
Comments
Post a Comment