ޒީރޯ ޓޮލޮރެންސް ؟ ތުކި އަދި މިހާރު ހައްޕު ވީ؟

(މެހެމާނެއްގެ ކޮލަމް)

ލިޔުނީ: މަންދޫބީ ނަޒަރު

ޒީރޯ ޓޮލޮރެންސްގެ ބަހަވީ މާނައަކީ (ބުނާ ވަކި) ކަމެއް ތަހައްމަލު ކުރުމުގައި ސުން % ކެތްތެރިކަމެވެ. ނުވަތަ ބުނާ ވަކިކަމެއް ތަހައްމަލުކުރާނީ މިންވަރެއްނެތް އަދަދެއްކަމުގައިވާ ސުމަކަށް ކަމަށާ އެހެން ކަމުން އެކަމެއް ތަހައްމަލުކުރުމުގެ އެއްވެސް ކެތްތެރިކަމެއް ނޯންނާނޭކަމެވެ. ޔައުނީ ޒައްރެއްގެ މިންވަރަށް ވެސް އެބުނާ ކަމެއް ތަހައްމަލުނުކުރާނެ ކަމެވެ.

 މީގެ އިޞްތިލާހީމާނައަކީ މިވެނި އެވެނި ބާވަތުގެ ނޭއްގާނީ ކަންކަން ކުރުމަށް، ނުވަތަ ކުރާތަން ބެލުމަށް، ނުވަތަ ކޮށްފާނެ ކަމަށް ކިރިޔާ ހީވިޔަސް އެކަންކަމާމެދު ކެތްތެރިކަމެއް އިސްނުކޮށް، ފަސްޖެހުމެއްނެތި ކުރިމަތިލައި ފިޔަވަޅު އަޅާނޭ ކަމެވެ.

މިއީ އަދުގެ ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއް ކަމުގައިވާ، ވައްކަމާއި ކޮރަޕްޝަނާއި އެހެންވެސް މިފަދަ ވިޔާނުދާ ކަންކަން ހުއްޓުވުމުގެ ތަރުތީބު ރަމްޒުކޮށްދޭން ބޭނުންކުރާ ޝިއާރެކެވެ.

މިއީ ރައްޔިތުން ވަރަށް އުއްމީދާއެކު ބަލައިގަތްވެސް ޝިއާރެކެވެ. އެހެނީ އޮޑިދޯނިފަހަރާއި ކެފޭ ރެސްޓޯރަންޓަށްވެސް މިނަންދީ ހަދާފައި އެބަހުއްޓެވެ.

އެހެނަސް ދައުރު ދެބައިވެގެން ދިޔައިރު ފެންނަ މަންޒަރާއި އިވޭ އަޑާއި ކުރެވޭ ކަންކަމުން މިހާތަނަށް ފެނިހާމަވާން އޮތް ނަތީޖާ ހަމަ ވަރަށް ތަފާތެވެ.

ޝިއާރު ލިޔެ އިއްވައި ހިންގާން ވަޢުދުވީ މީހުންގެ ފުށުން ފެންނަނީ ކޮރަޕްޝަނާ ވައްކަމާ ނަޖާއިޒު އަނިޔާތައް ތަހައްމަލް ނުކުރާން ބުނެ އެންގި، އަދި އެކަންކަމާ އެއްވެސް ކެތްތެރިމަކެއް ނޯންނާނޭ ކަމަށް ދޭހަކޮށްދޭ ސުން% ކެތްތެރިކަމުގެ ބަދަލުގައި، އާދަޔާޚިލާފު ބޮޑު ކެތްތެރި ކަމެވެ. ޒީރޯ ޓޮލަރެންސް އޭ ކިޔައި ބުނެ ހެދި މީހުން އެހެންބުނާ ކޮންމެފަހަރަކު ސިއްޔާތުގައި ތުކި ކިޔައި މިހާރު ހައްޕު ކިޔައިގެން ތިބެނީއެވެ. މިވަޢުދު ރައްދުވާ، އަދި މިވަޢުދު ފުއްދާތަން ކެތްތެރިކަމާއެކު ބަލައި ދެކެން ހިމޭންކަމުގައި ތިބޭންވީ ރައްޔިތުންގެ ފުށުން މެނުވީ މިހާރަކު ޒީރޯ ޓޮލޮރެންސެއް ނުފެނެއެވެ. ފެނިހާމަވަނީ އެބުނުންމިހާރު ތުކި އަދި ހައްޕުވީ ކަމުގެ ހިތި ހަގީގަތެވެ.  

ވައްކަމާއި ކޮރަޕްޝަން ނުބެލި ދިގުލައިގެން ދަނީ އެކަންޏެއް ނޫނެވެ. އާހަރުފަތް ތަކަކަށް އެކަންކަން މައްޗަށް ޖެހެމުންދަނީއެވެ. މަރުތަކާއި މީހުން ގެއްލުވާލުމުގެ މައްސަލަތަކަށް ހުރަސްތައް މެދުވެރިކޮށް ހުއްޓީ ބުރެކިޖެހިފައި ހަމައެކަނި ހުރީކީ ނޫނެވެ. އެކަންކަން ފާލުން ނައްޓައި. ބޮން ގޮއްވައި، ދައުލަތުގެ ވެރީންގެ ފުރާނަ ހިފާށާ، އޭނަމީނައަށް ބެލުމެއްނެތި މައުޞޫމް ބައެއްގެ ފުރާނަ ހިނގައިދާފަދަ ވޭނީ ޒަޚަމްތައްކުރުވާނެ ކުއްލިހަމަލާތައް ރާވާ، ހިންގާ ހިސާބަށް ނާމާންކަން ފެތުރި ފުޅާވެގެން ދަނީއެވެ.

އެހެނަސް އަދިވެސް ވެރީންނާއި ޤާނޫނު ނަގަހައްޓާ ފަރާތްތަކުން އިސްކުރާތީ ފެންނަނީ ކަހާތަން ހިރުވާވެސް ނުލުމުގެ އަދި މިހާރުގެ ހާލަތުގައި ލަދުވެތި، އާދަޔާޚިލާފު ކެތްތެރިކަމާއި ކެތްގަދަކަމެވެ.

ޒީރޯ ޓޮލޮރެންސް ފެންނަނީ ރަށުތެރެއިންނެވެ. އާއްމުންގެ ކިބައިންނެވެ. ޓުވިޓާ، ފޭސްބުކް އަދި ވައިބާ ގްރޫޕްތަކުންނެވެ. މަގުމަތިންނާއި ހޮޅުއަށިތަކުންނެވެ. އެކަމަކު ސަރުކާރުގެ ވެރީންގެ ކިބަޔަކުން ނޫނެވެ.

މިހެންވާންފެށުމުން އަސްލުގައި ވާގޮތަކީ ޤާނޫނީ ހުކޫމަތު އެކޮޅުކޮޅުން ޖެހިދަނީއެވެ. ޤާނޫނު ނަގަހައްޓަން ތިބި ވެރިކަމުގެ ދަތެއް ނެތްކަން ހާމަވެދަނީއެވެ. މުޖްތަމައު އަކީ ޤާނޫނެއް، އެއްވެސް ނިޒާމެއް އިންތިޒާމެއް ދަށުން ތަރުތީބުވެފައި ނެތް ބޮއްސުންލީ ތަނަކަށް ބަދަލުވެ ނިމެނީއެވެ.

އެހެރަ ކަންކަމުން ހުޅުވާލަދޭ ނާޖާއިޒު ހުރިހާ ފަހިކަމެއް ނުވަތަ ހުރިހާ އެޑްވާންޓޭޖެއް ކުށްވެރީންނާއި ކުށްކުރުވާ މީހުންނަށް ލިބިދަނީއެވެ. އަމާން އޮމާން ސުލްހަވެރިކަމުގެ ދިވެހިރާއްޖެއަކީ ދުނިޔެމަތީގެ ‘ސުވަރުގެ’ ކަމުގައިވެ، މިހާރަކަށް އައިސް ޖަރީމާގެ ‘ނަރަކަ’ އަކަށް ބަދަލުވަނީއެވެ. //

(އެޑިޓަރު ގެ ނޯޓް: ދިވެހި އާދަކާދައިގަ "ތުކި" އެއީ ވަކިއެއްޗެކޭ ބުނުމާއެކު، އެހެން ނުބުނޭ ކަމަށް ދެކޭށޭ ބުނުމުގެ ބޭނުމުގައި ބުނެލާ ލަފްޒެކެވެ. ހައްޕު އެއީ ވަކިކަމަކާމެދު އަނގަނުހުޅުވާ ހިމޭނުން ހުރެދާނެކަމަށް ދޭހަކޮށްދޭން ބުނެލާ ލަފްޒެކެވެ.) 

Comments

Popular posts from this blog

ލާދީނީ އޭ ގޮވުމަކީ އަޒުހަރީން ހިފި ހީލަތްތެރި ބަދަލެއް، އަދިވެސް އެކަންކުރުވަނީ އެބާހުން

ދިވެހިރާއްޖޭގެ ސިޔާސީ ތަރުތީބު ހަރުދަނާ ބިންގަލެއްގެ މައްޗަށް ނަގައި ހިމުންކޮށްދޭ ކަށަވަރަކީ އެމްޑީޕީގެ ގައުމީ މަޖިލިސް ..... ގާނޫނު އަސާސީ އަށް އިޞްލާޙް ގެންނާންހުރި ކަންކަމަށް ވިސްނާލުމަށް މިވަގުތު މިއީ އެމްޑީޕީ އަށް އޮތް ވަރަށް ފަހި ފުރުޞަތެއް

ދިވެހި ވެރިކަމުގެ އާދަތަކުގައި (ނަމުންކިޔާފަ ނެތަސް) އެތަކެއް ގަރުނެއް ކުރީއްސުރެ އަށަގެންފަ ހުރީ ބަރުލަމާނީ ސިފަތައް