ވާދަވެރި ސިޔާސަތު ތަކެއްގެ ބަދަލުގައި ނެރުއްވާ ނަފްރަތުގެ އެކި އަވައިގަ ސިފައިން ދެނެއް ނުޖެހޭނެ

ވާދަވެރި ސިޔާސަތު ތަކެއްގެ ބަދަލުގައި ނެރުއްވާ ނަފްރަތުގެ އެކި އަވައިގަ ސިފައިން ދެނެއް ނުޖެހޭނެ

7 ޖުލައި 2021 – ދިވެހިރާއްޖޭގެ ވެރިކަމަށް ގިނަ ސިޔާސީ ޕާޓީތަކުން ވާދަކުރެވޭނެ ނިޒާމް 2008 ވަނަ އަހަރު ތަޢާރަފް ކުރެވުމާއެކު ފެނިގެން ދިޔައީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓް، މާލޭ ގަލޮޅު ކެނެރީގޭ މުހަންމަދު ނަޝީދު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، ކުރީގެ ވެރިން އެބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ތަކަށްް ރުޖޫއުވެވަޑައިގެން ދެން އޮންނާނެ އިންތިޚާބުތައް ކާމިޔާބުކުރެއްވުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވާންވީ މަރުހަލާއެވެ. އެ މަރުހަލާގައި އެކަން ނުކުރެއްވި ކުރީގެ ވެރިކަމަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނަށް އަދިއިހަށް ޖެހިވަޑައިގަތީ އޭރުގެ ޕާޓީ، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އަށް ލޮޅުން ތަކެއް އައިސް، ޕާޓީ ދެބައިވެ އުވުމަކާ ހަމައިން ޕީޕީއެމް އުފައްދަވައި، ދެން ތިބި ވާދަވެރި ޕާޓީ ތަކާ ކުރީގެ ވެރިޔާ އާއިއެކު ގުޅިވަޑައިގެން ވެރިކަން ވައްޓާލުމުގެ މަސައްކަތް ފައްޓަވާށެވެ.

     ޑިމޮކްރެޓިކް އަދި ގިނަ ސިޔާސީ ޕާޓީ ހިމެނޭ ނިޒާމެއްގައި ވާދަކުރަނީ ރައްޔިތުންގެ ރުހުން، ޔައުނީ ވޯޓް ހޯދުމަށެވެ. އެކަން ކުރަނީ ރައްޔިތުންނަށް އެއްބަޔަކު އަނެއްބަޔަކާ އަޅާކިޔޭނެ ވާދަވެރި ސިޔާސަތުތައް ނެރެ އާންމުކޮށްގެނެވެ. މީއަކީ ކުރީގެ ވެރިކަމަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން އަދި ކިއެއްތަ އެމްޑީޕީ ފިޔަވައި އެހެން އެއްވެސް ޕާޓީ އަކުން އިންތިޒާމްވެގެން އަދި ކުރައްވާތަން ނުފެންނަ ވާދައެކެވެ. މީގެ ކުރީގައި އެކަންކަން ކުރައްވާން ޖެހިވަޑައިގެންފަ ނެތުމުން ފަހަރުގައި ޑިމޮކްރަސީގެ މަގު އިޚްތިޔާރުކުރައްވަން އަދި ބޭނުންފުޅު ނުވަނީ ތޯއްޗެކެވެ. ނުވަތަ ހަމަ އެފަދަ ވާދައިގެ ހުނަރުތަކާ ބީދަ އެނގިވަޑައި ނުގަންނަވަނީއެވެ. ރައްޔިތުންގެ ސަރުކާރު، ރައްޔިތުންގެ ކިބައިން  ރައްޔިތުންނަށްޓަކާ ހިންގެވުމުގެ އާޖުފާޖާ ވައްޓަފާޅިއާ އެނގިވަޑައިނުގަންނަވާތީ، ބޭނުންވެވަޑައި ނުގަންނަވަނީއެވެ. ސިޔާސީ މަންފާ ސުލްހަވެރިގޮތުގައި ހޯއްދަވަން އެނގިވަޑައިނުގަންނަވަނީއެވެ. މައް ދިވެހިބަހުން ދަންނަވާނަމަ ކުރީގެ ވެރި ބޭފުޅުންނެއްކަމަކު، ހަމަ ގޮފަޅީއެވެ.  

     އެހެންނަމަވެސް ދިވެހި ވެރިކަން ބޭނުންފުޅެވެ. ވާދަވެރި ސިޔާސަތުތަކެއް ނެރުއްވުމުގެ ބަދަލުގައި ފަތުރުއްވާން ފެއްޓެވީ އެކި ނިހާއީ ނަފްރަތާ ތަކްފީރުކުރެއްވުމެވެ. ދެން ފެނިގެންދިޔައީ ނުކުރައްވާކަމަށް ކިޔާ ބަގާވާތެވެ. މިކަމުގައި ފުލުހުންނާއި ސިފައިންގެ ބަޔަކުވެސް ނެރުއްވިއެވެ. މޫނުތަކަށް ހުތުރު ވައްތަރު ޖައްސަމުން ތަކްބީރު ކިޔަމުން މާޗް ކޮށްފައި ކަޅުތުއްކަލާ ކޮށީން ޖުމްހޫރީ މައިދާނަށް އައި ސިފައިންގެ ބައިގަނޑަކާ، އެމްޑީޕީގެ ހަރުގޭގެ އެތައް ސާމަނެއް ހަލާކުކޮށް އެތައްބަޔަކަށް ވޭނީ ހާނީއްކަ އާއި އަނިޔާކޮށް، ޓީވީއެމް ހިފި ބައިގަނޑުގެ ލީޑަރަކަށް މިހާރުގެ ހޯމް މިނިސްޓަރު ހުންނަވައިގެން ހިންގެވި ބަގާވާތުގައި، ބާރުވެރިންނަށް ތިއްބެވީ ފުލުހުންނާ ސިފައިންގެ (ނިސްބަތުން) މަދު ބޭކަލުންކޮޅެކެވެ. އެޖަރީމާތައް ހިންގެވީ އަދި އޭރު ތާންނުކެނޑި ތިއްބެވި، އޭރުގެ ވެރިން ކަމުގައިވި (މިހާރުގެ މަޖިލިސް މެމްބަރުން ކަމުގައިވާ) އޮނަރަބްލް މުހަންމަދު ނާޒިމާއި، އޮނަރަބްލް ޢަބްދުﷲ ރިޔާޒުގެ އަމުރުވެރިކަމުގައެވެ. އޭރު އަދި އެއީ އޭރުގެ ވެރިންނެވެ. ނަމަވެސް މިހާރު އެއީ ކުރީގެ ވެރިންނެވެ.

      ނަމެއް އަމުދުން ނެތި، ކަމުން ނުފެނި، ނުހިންގާ ކަމަށް ދައްކަވާ، ހީލަތްތެރި އަޑީ ސިޔާސީ ޕާޓީއެއް، ނޫންކަމަށް ހެއްދެވިތިއްބަވައި ސިފައިންގެތެރޭ ކުރީގެ ވެރިން އެހިންގަވާ މަކަރުވެރިކަމުގައި އެމްއެންޑީއެފް ގައި ތިއްބެވި ސަތޭކައެއްހާ ބަޣާވަތްތެރިން ވެގެން މިއީ އެއްބަޔަކު ކަމުގެ އަވާމެންދުރު ދެއްކެވިއަސް، އެ މަދު ސިފައިން އިސާހިތަކު އެކަހެރި ކުރެވި، ބޭޒާރު ކުރެވި، ފަލީހަތްވެގެން ދާނެއެވެ. ބާގީންގެ ދަފްތަރު (ފަހުން ނަމަވެސް) އާންމުކުރުން އެއީ ސެލްވަމަކަށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް ހުއްޓުވޭނެ ކަމެއް ނޫނެވެ. ޒަމާނާ ތާރީޚަށް ޓަކައި ބާގީންގެ ދަފްތަރެއް ޝާއިޢު ކުރާނޭ ދިވެހީން މިހާރުވެސް އެކަމަށް އެބަ ތައްޔާރުވެއެވެ. މި ބޮޑުވެގެންވާ ފަލީހަތުގެ ވޭނާ ކުރިމަތިލާން ތިބޭނީ އެ ލަދުވެތި ޖަރީމާގައި އެކިގޮތަށް ޝާމިލްވި މަދު ބައިވެރިންގެ ޢާއިލާތަކެވެ. މިހާރުގެ އުންމީދީ އެތައްހާސް ސިފައިން، އެ މުވާތިނުންގެ ޢާއިލާތަކަށް އެފަދަ ގިލަންވެރިކަން މެދުވެރިވާފަދަ ލަދުވެތި ފަލީހަތް ތަކުން ދުރުހެލިވާނެއެވެ.

     ކޯނީ ރިޕޯޓް ގައި އޮންނަ ފިޔަވަޅު އެޅުމުގެ ބައި ކޯލިޝަނުގެ ނުފޫޒުން އަދި ހިފެއްޓެވިއަސް، އެދުވަހު ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ނުދެއްވަނީސް އެމްޑީޕީ އޮފީހަށް އަރައިގަނެ އެތައްބަޔަކަށް ހާނިއްކަކުރި މަންޒަރުތަކާ، ޓީވީ މޯލްޑިވްސް އާއި އެއަރޕޯޓް އަދި ފޮރިން މިނިސްޓްރީ ފަދަ ތަންތަނަށް އަރައިގަނެ އަދި ކަޅުތުއްކަލާ ކޮށިން ބަނޑޭރިގެއަށް މާޗްކުރި ސިފައިންގެ ފޮޓޯ ތައް އެތައް ބަޔަކުގެ އަތުގައި އެބަހުއްޓެވެ. ފޮޓޯއިން ފެންނަ މީހާ އާއި ނަން ދިމާކުރުމުގެ މުބާރާތެއް ބާއްވައި، ފައިސާގެ އިނާމުތައް ދީގެން ނަމަވެސް، އެއީ ކޮން ރަށެއްގެ ކޮން ގެއެއްގެ ކާކުކަން އިންޓަރނެޓް ގައާއި މި ރާއްޖޭގައި ތަންކޮޅެއްފަހުން ނަމަވެސް ހާމަކުރެވި ބޭޒާރު ކުރެވިގެން ދާނެއެވެ.

     ސިފައިންގެ ތެރެއަށް ނަޖާއިޒު ނުފޫޒުހިންގަވަނީ ކުރީގެ ދެ ވެރިއަކާ އަދި ބަގާވަތްތެރިން، ޔައުނީ ބާގީން ކަމުގައިވި މަދުބަޔެކެވެ. މަދު ބަޔެކޭ، މުޅި ސިފައިންގެއެއް އެބޭފުޅުންގެ ފަހަތަކު ނެތޭ، މިދަންނަވަނީ ސިފައިންގެ  މާތް މަގްޞަދާއި، އަޒުމް އާއި ކުރިއެރުންތައް ހާޞިލްކުރެއްވުމުގެ މަތިވެރި ހިންމަތް ތަކަކީ ސިފައިންގެ ޚިދުމަތުގައި ތިއްބެވި އެގާރަހާހުން (ބަގާވަތްތެރީން ފިޔަވައި) އެތައްހާސް މުވާތިނުންނަށް ޢާންމު ސިފައެކެވެ. އެ މުޑުދާރު ބަގާވާތެއް ނޫން ބަގާވާތުގައި ބައިވެރިވެނުލައްވާ އަދި ނަފްސުގެ އިއްޒަތްތެރިކަން ޚަރާބުވެނުލައްވައި ތިއްބެވި ޢިޚްލާޞްތެރި ސިފައިން، އޮނަރަބްލް ނާޒިމް އާއި އޮނަބްލް ރިޔާޒު ފަދަ ކުރީގެ ވެރިންނާ، ބައިވެރިންގެ ގޮތުގައި އެތެރޭގައި ތިއްބެވި ސަތޭކައަށް ވުރެ މަތިން ގުނާލެވުނަސް މާ މަދު، ބާގީންނަށް ނުވާ ބާގީންނާ ގުޅުވައި، އެކުޖުމްލަ ކުރެއްވިޔަކަ ނުދެއްވާނެއެވެ.

     އެެކަން ހާމަވެގެންދިޔަ އެއްކަމަކީ، ބޮން ގޮއްވި ޖަރީމާއާބެހޭ ސުވާލުކުރެއްވުމަކަށް ވަކި ވަކި ސިފައިން މަޖިލީހަށް ހާޒިރު ވުމަށް އެންގުމުންނެވެ. ކުރީގެ ބަގާވަތްތެރިންތެރޭ ހިމެނޭ މަދުބަޔަކުގެ ހިމާޔަތުގައި ތިބި ކޮއެލިޝަނުގެ ބާރުގައި މަޖިލިހަށް ޖަވާބުދާރީވާނީ މުައައްސަސާއިން ކަމަށް ބުނެގަދަފައި ވިއްދިއެވެ. ނަމަވެސް އެދެކޮޅުވެރިކަމާ ތަބާނުވެ، ނަފްރަތުގެ އަވައިގަ ނުޖެހި ވަކި ވަކި ސިފައިން މަޖިލީހަށް މިހާރު އެބަ ހާޒިރު ވެއެވެ.

     ކުރީ ޒަމާނުގައި ރައީސް މުހަންމަދު އަމީނަށް ރައްޔިތުންގެ ބަޔަކު މަގުމަތީ ހާނީއްކަކޮށްް އެމަނިކުފާނު އަވާރަވެދާފަދަ އަނިޔާތައް ކުރިއިރު ސިފައިން އެކަން ހުއްޓުވާން ނޫޅެ، ވެފައިވާކަމަށް ގިނަބަޔަކު ގަބޫލުކުރާ ލާއިންސާނީ އިހުމާލަކީ، އޭރުގެ ގާނޫނު ތަކަށް ތަބާވެގެންތިބި ސިފައިންގެ ވެރިން ތިއްބެވިގޮތެވެ. ސިޔާސީ ގޮތުން އިންތިޚާބީ ރައީސް ފިޔަވައި އެހެން ބަޔަކުގެ އަވައިގައެވެ. އޭރު ސިފައިންނަކީ ސިޔާސީ ގޮތުން މިނިވަން އަދި ވޯޓް ދެއްވޭ ޚިދްމަތެއް ނޫނެވެ.

     ނަމަވެސް މިޒަމާނުގައި، ރާއްޖޭގެ އިންތިޚާބުތަކުގައި ވޯޓް ދެއްވުމުގައި ދިވެހި ސިފައިންނާ ފުލުހުންނަށްވުރެ ސިޔާސީ މިނިވަންކަން ލިބިފައިވާ ފަރުދުންގެ އެހެން ބަޔަކު ނުތިބޭނެއެވެ. އެއީ (މަނާ ކަންކަމަށްވެސް ވާތީއާއިއެކު) ވަކި ޕާޓީ އަކަށް ނިސްބަތްވާކަން ހާމަކުރެއްވުމެއްނެތި، ސިޔާސީ ދެއްކެވުންތެރިކަމެއްނެތި، އެކި ޕާޓީތަކުގެ ސިޔާސަތުތަކަށް ބައްލަވައި، ކޮންމެ ޕާޓީއަކަށްވިޔަސް (މުޅިން ޕްރައިވެޓް ކޮށް) މިނިވަންކަމާއެކު ސިއްރު ވޯޓްދެއްވޭނެތީއެވެ.

     ކުރީގެ ވެރިންނޭ އިސްވެ ތަކުރާރުކޮށް ދަންނަވަމުން މިގެންދަނީ އޮޅުމަކުންނޫނެވެ. ކުރީގެ މާނައަކީ ވެނިމިފައިވުމެވެ. ސިފައިންގެ ޚިދްމަތްތެރީން ކުރީގެ ވެރިންނަށް މިހާރު ތަބާވެލައްވާކަށް ނުޖެހޭނެއެވެ. ތިޔަ މުވާތިނުން ހަރަކާތްކުރައްވަންވާނީ މިހާރު ގެ ވެރީން ގެ  އެންގެވުންތަކަށެވެ. ސަބަބަކީ ސިފައިންގެ ހުރިހާ ޚިދްމަތްތެރިންނަށްވެސް އޮޅުމެއް ނުވާނޭ ފަދައިން ކުރީގެ ވެރިންނަށް ބައްލަވާނަމަ އެބެއްލެވެނީ ފަހަތަށެވެ.

     ސިޔާސީ ވާދަވެރިކަމަކީ ކޮބައިކަމާ އެކަން ކުރަނީ ވާދަވެރި ސިޔާސަތުތައް ރައްޔިތުންނަށް އަޅާކިޔޭނެ ބީދައަކުން އާންމުކޮށްގެން ކަމާ، ކެނޑިނޭޅި ބަޔަކު ދުޅަކުރަމުން  ގެންދިޔަ ނަފްރަތުގެ އަގަލުކުޑަކަމާ ހަނގުރާމަވެރި ކުރިމަތިލުން ތަކެއް ބޮއްސުންލައި ތަޅާފޮޅުން މެދުވެރިކުރުވައި ގަދަވެގަނެގެން ނޫން ކަން ހާމަވީ ބަގާވަތުން ގެނައި ސަރުކާރުގެ ވެރިޔާއަށް ފަސް ޕަސެންޓް ވޯޓުވެސް ރައްޔިތުން ނުދިނީތީއެވެ. އެކަމުގެ ހޭލުންތެރިކަމާ ޢިބްރަތްތައް ލިބިލެއްވި އަދި މިހާރުވެސް ޙާޞިލްކުރައްވަމުން ގެންދަވާ ސިފައިންނާ އިޚްލާޞްތެރި ޚިދްމަތްތެރިން މަދެއް ނުވާނެއެވެ. ދިވެހި ސިފައިންގެ ލަޝްކަރަށް އެބާވަތުގެ ނާޖާއިޒު ނުފޫޒު ދެން ފޯރުވިދާނެކަމަކަށް ނުފެނެއެވެ. އާދެ! ވާދަވެރި ސިޔާސަތު ތަކެއްގެ ބަދަލުގައި ކުރީގެ ވެރިން ނެރުއްވާ ނަފްރަތުގެ އެކި އަވައިގަ ދިވެހި ސިފައިން ދެނެއް ނުޖެހޭނެއެވެ. //

Comments

Popular posts from this blog

ދިވެހިރާއްޖޭގެ ސިޔާސީ ތަރުތީބު ހަރުދަނާ ބިންގަލެއްގެ މައްޗަށް ނަގައި ހިމުންކޮށްދޭ ކަށަވަރަކީ އެމްޑީޕީގެ ގައުމީ މަޖިލިސް ..... ގާނޫނު އަސާސީ އަށް އިޞްލާޙް ގެންނާންހުރި ކަންކަމަށް ވިސްނާލުމަށް މިވަގުތު މިއީ އެމްޑީޕީ އަށް އޮތް ވަރަށް ފަހި ފުރުޞަތެއް

ލާދީނީ އޭ ގޮވުމަކީ އަޒުހަރީން ހިފި ހީލަތްތެރި ބަދަލެއް، އަދިވެސް އެކަންކުރުވަނީ އެބާހުން

ދިވެހި ވެރިކަމުގެ އާދަތަކުގައި (ނަމުންކިޔާފަ ނެތަސް) އެތަކެއް ގަރުނެއް ކުރީއްސުރެ އަށަގެންފަ ހުރީ ބަރުލަމާނީ ސިފަތައް