ޝޭޚް އިމްރާން ނަފްރަތާއި ދުޝްމަނީ ފަޅިން ނުކުމެވަޑައިގަންނަވަން ޖެހޭ !

 

ޝޭޚް އިމްރާން ނަފްރަތާއި ދުޝްމަނީ ފަޅިން ނުކުމެވަޑައިގަންނަވަން ޖެހޭ !

     12 ޖުލައި 2021 - ތިބާފަދަ އަނެއް ވާދަވެރިޔާ ނުވަތަ ވާދަވެރިންވެގެން އެހެން ސިޔާސީ ވާދަވެރިޔަކުގެ ފުރާނަދުއްވާލުމަށް ބޮމެއް ގޮއްވާލީއެވެ. މަތިވެރި އިރާދަފުޅާއެކު އެ ވާދަވެރިޔާގެ ފުރާނަ ސަލާމަތް ވިޔަތީ، ލޭއޮހޮރެމުން ދިޔަ އެތަކެއް ވޭނީ ޒަޚަމަށް ފަރުވާދެވެން ފެށުނު ތަނާހެން އެ ވާދަވެރިޔާގެ ހާލަތު ދެކެވަޑައިގަންނަވަން ޚުދު ތިބާވެސް ވަޑައިގެންނެވިއެވެ.

     އެ ދަނޑިވަޅުގައި ތިބާއަށް އިޚްތިޔާރުކުރެއްވިދާނެ ދެ ގޮތެއް އެބަވޭކަން އެހެންމީހުނަށްވެސް ވިސްނޭނެއެވެ.

     އެއްވަނަގޮތަކީ ސިޔާސީ ވާދަވެރިޔާ އެއީ ޖާނީ ދުޝްމަނެއް ނޫންކަމާ އެހެންކަމުން ވާދަވެރިޔާ އަށް ވެސް ހެޔޮ ޞިއްހަތަށް އެދިވަޑައިގަންނަވަން ވާނެ ކަމަށާ، އަދި އެ ވާދަވެރިޔާގެ ފުރާނަ ދުއްވާލުން ކީއްތޯ އެއްވެސްކަހަލަ ކުޑަވެސް ޖިސްމާނީ ގެއްލުމެއް ދެވިގެން ނުވާނެކަމަށާ، ދުޝްމަނީ ގޮތުން ހަމަލާއެއް ދެވިގެން ނުވާނެ ކަމަށާ، އެ ވާދަވެރިޔާގެ އެންމެ އިސްތައްޓަކަށްވެސް ގެއްލުމެއް ދިނުން އެއީ ވަރަށް ނޭދެވޭ އަދި ވަރަށް ބޮޑުވެގެންވާ ޖަރީމާއެއް ކަމުގައި ވިސްނެވުމެވެ.   

     ދެވަނަ ގޮތަކީ، ލޭ އޮހޮރި އޮހޮރި އެއޮންނެވީ ސިޔާސީ ވާދަވެރިއެއް ކަމަށާ، ދެންވެސް ތިބި އެހެން ވާދަވެރިން އެއޮތީ އޭނަ މަރާލަން އުޅެފަކަމާ، ދެރައީ ފުރާނަ ނުދިޔަ ކަމޭ، އެކަމަކު މިކަމާ ދެކޮޅަށް މާބޮޑު ފޯރިއެއް އުފެދުނަ ނުދިނުމަކީ ދެންވެސް ތިބި ވާދަވެރި ބައިވެރިން އެދޭނެ ގޮތް ކަމާ، މީނާގެ ދެކޮޅުވެރީންނަކީ ހަމަ ތިބާފަދަ އެހެން ދެކޮޅުވެރީން ކަމުން، އެ ފަޅީގައި ހުންނެވުމަށް ޓަކާ ނަފްރަތާ ދުޝްމަނީ ފަޅި، ސިޔާސީ ވާދަވެރިކަން ކަމުގައި އަނިޔާވެރިކަމާ އަގަލުކުޑަކަން އިޚްތިޔާރު ކުރެއްވުމެވެ.    

     އެމީހެއްގެ ހަޔާތުގަ ކުރިމަތިލާންޖެހޭ ކުއްލި ކަމަކަށްފަހު އޭނާ ދެން އިޚްތިޔާރު ކުރާ ގޮތް އެއީ އޭނާގެ ޒާތާއި ޝަޚްޝިއްޔަތު ދުނިޔެއަށް ހާމަވެދާ އެއްގޮތެވެ. ޝައިޚް އެކޭ އެއްފަދައިން ފުރަދާނަ ފަންތީގައި އަދި ވާދަވެރިފަޅީގައި ހުންނެވި އޮނަރަބްލް އާދަމް ޝަރީފް އިސްކުރެއްވީ ސިޔާސީ ދަހިކަވާ ހިތްޕުޅަށް ވުރެ ލަމީރުގެ މަތީ މަގެވެ. އިންސާނެއްގައި ހުންނާންޖެހޭ މާތްކަމަކީ އެއީއެވެ. ނަމަވެސް، އެ ނާޒުކް އަދި ޚައްޞާޞް ދަނޑިވަޅުގައި ޝައިޚް އިމްރާން އެރުއްވީ އިހުމާލުތަކާއި ނަފްރަތުގެ ފަޅިއަށެވެ. "މިނިވަންކަން އިޙްޞާޞް ވަނީ އަނިޔާވެރިކަމާ ދެކޮޅު މަސައްކަތުން" ކަމުގައި ތަކުރާރު ކުރައްވައި ވިދާޅުވާ ވިދާޅުވުމުން ސިޔާސީ މަގްބޫލްކަން ހޯއްދަވަމުން ގެންދަވާ ޝައިޚް އެ ދަނޑިވަޅުގައި މޭރުން ކުރެއްވީ " އޮހޯ، މާބޮޑުކަމެއް ނުހިނގާ" ކަމަށެވެ. ބަޑީގެ ވަޒަންތަކެއް ފަދައިން ރ.ނ ހަށިކޮޅަށް އަރާފައިހުރި އެގާރަ ފުން އަދި ވޭނީ ޒަޚަމަކުން ލޭ އޮހޮރި އޮހޮރި އޮންނަވިނިކޮށް، ޝެއިޚް އިމްރާން ނުކުމެވަޑައިގެން ވިދާޅުވީ "އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވާފަދަ ގެއްލުމެއް ލިބިވަޑައިގެންފަ ނެތް" ކަމަށެވެ. "ހާލުކޮޅު ރަނގަޅު" ކަމަށެވެ.

     އަދާލަޓު ޕާޓީގެ ސިޔާސީ ވާގިވެރިންނަކީ ޒަޚަމްތައް ލިބިވަޑައިގަތް ވާދަވެރިޔާގެ ސިޔާސީ ދެކޮޅުވެރިންކަމުގައި ވާތީ، ނުވަތަ "ސަރުކާރުގެ ކޮއެލިޝަން" ދެމެހެއްޓެވުމުގެ ނަގްލީ އިޙްޞާޞް ގައި ނަމަވެސް އެމަނިކުފާނު އިސްކުރެއްވީ ލަމީރުގެ މަތީމަގެއް ނޫނެވެ. ދަށު އަޑީމަގާއި، ނަފްރަތާއި ދުޝްމަނީ ފަޅިއެވެ.

     އިދިކޮޅީންގެ އެއްބައިވަންތަ ގުޅުމެއް މާލޭގައި އުފެދުމުގެކުރިއަށް 2017 ވަނަ އަހަރު އުފެދުނު ދިވެހި ބަދަހި އިދިކޮޅީން ނުވަތަ "މޯލްޑިވްސް ޔުނައިޓެޑް އޮޕޮސިޒަން" (އެމް.އޯ.ޔޫ) ސްރީލަންކާގައި އެކުވެރިވުމުން، އިންޓަރނެޓް މެދުވެރިކުރައްވައި ރ.ނ ބާއްވަވާން ފެއްޓެވި ހިޔަނި ކެބިނެޓް ގެ ޖަލްސާއެއް ގެ ހަވާޞާގައި، އެމަނިކުފާނުގެ ނިޔަނެތި ތޫނު އަޑުފުޅު ތޫލިވެގެންދާ އިޚްލާޞް ތެރި ކަމާއެކު "ޝައިޚް ދެން އަޅުގަނޑުމެން ދޫކޮށް ނުލައްވާތި!" އެހެން ވިދާޅުވި އިރު އަޅުގަނޑަށްވެސް އެތާ ހުރެވުނެވެ.  "އިންޝާ ﷲ" ޝައިޚް ދެއްވި ޖަވާބު ވަރަށް ކުރެވެ.

އަޅުގަނޑު މަރާލުމަށް ހާދަ ރޭވުމެކޭ! ގިނަ ރޭވުން 2018 ގެ ފަހުން! އެންމެ ރޭވުމެއްވެސް ތަޙުގީގު ކޮށްފަ ނެތް! އަޅުގަނޑު މި ސަރުކާރަށް ތާއީދު ކުރުމުގަ ދެމިހުންނާނެގޮތެއް ވިދާޅުވެދެއްވާ! މިއީ އަޅުގަނޑުގެ ހިތުގެ ޚާލިޞްކަމާއެކު އެމްޑީޕީ ގާތު އަހާ ސުވާލެއް!

-  241 ރިޕޯޓަށް ފަހު އެމްޑީޕީ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުންނާ މުޚާތަބުކުރައްވައި ރައީސް ނަޝީދު، 9 ޖުލައި 2020

     މީލާދީން 2004 ހާތާ ކުރެވެމުންދިޔަ ސިޔާސީ ބަހުސް ތަކުގައި ދީނީ ބައެއް އިލްމްވެރިން އިސްކޮށް ތިއްބަވައިގެން އިސްލާމީ އުޞޫލީ އަދި ސިޔާސީ ޕާޓީއެއްގެ ނަމުގައި އަދާލާތު ޕާޓީ އުފެއްދުމުގެ ވާގިވެރިން ވަކާލާތުކުރެއްވީ މާތް މަގްޞަދުތަކެކެވެ. ގައުމީ ސިޔާސީ ކަންކަމުގައި ދީނުގެ އިލްމްވެރިންނަށް އާންމު އަދި ހުޅުވާލެވިފައިވާ އުސް އަށްޓެއް ދައުލަތުން ފަހިކޮށްދެއްވުމުގެ އެންމެ މުހިންމު ބޭނުމަކަށްވީ މީސްތަކުންގެ ރުހުން ހޯއްދެވުމަށް ޔައުނީ ސިޔާސީ މަސައްކަތްޕުޅުތައް ބިމުއަޑި ވިޔަ ނުދެއްވުމަށާ، އެކި ބާވަތުގެ ހަރުކަށި އަދި ސިއްރު ނުރައްކާތެރި އަނިޔާވެރި ހަރަކާތްތައް ދީނުގެ ނަމުގައި ބަޔަކު ހިންގުމުން ފޭ ކުރުމެވެ. އެކަމަށްޓަކައި ނިޒާމެއް އެކުލަވާލައްވައި ހިންގެވޭނެއެވެ އެކަމަކު ނުހިންގަވައެވެ. އެކި ފިކުރުގައި ދީނީ ގޮތުން މަގުފުރެދޭ ދިވެހީންގެ ދަފްތަރެއް ތަރުތީބުކުރައްވައި އޭގެތެރެއިން ހެޔޮ ނަޞޭހަތް ގަބޫލު ނުކުރިބަޔަކު އެއީ ނުރައްކާ ބަޔެއްކަމުގައި ކަމާ ގުޅުންހުރި ފަރާތްތަކަށް އެންގެވޭނެއެވެ. ނަމަވެސް ނާންގަވައެވެ. މިހިރަ މިހިރަ ކަންކަމާ އުޅުއްވުމުގެ ބަދަލުގައި ޕާޓީގެ ވެރިންގެ ވިސްނެވުން ހުރީ ލާދީނީ ކާޑު ކުޅުއްވާ ޝޭޚުންނާއެކު ވަޒީރު ތަރާވީސް ސައިފޮދު ގައި އިންނަވާ ތަޞްވީރުތައް އާންމުކުރެއްވުމާ ޕާޓީގެ ޢިލްމުވެރީންގެ މަޖިލީހުގެ މެމްބަރުން ގޮތުގައި ތިއްބަވައި އަންހެނުންގެ ނާޒުކް ގުނަވަން ޚިތާނުކުރެއްވުމަށް ފާޅުގަ ކުރަފަތް ހަނުލައްވަމުން ގެންދަވާ އަދި އިލޮށި ބުޑުގައި މާމުއި ހާއްކަވައިގެން ރުގްޔާއޭ ވިދާޅުވެ އަންހެނުންގެ ދައްބަނޑުގައި ލިޔެ އުޅުއްވާ ޝޭޚުންނާއެކު ވަޒީރު ގަޔާވެވަޑައިގެން ހުންނަވާ ފޮޓޯތައް އާންމުކުރައްވާށެވެ.

     އެންމެ ފާޅުގަ ފާހަގަވާ މައިގަނޑަކީ ނަފްރަތާއި ނާޖާއިޒް ދުޝްމަނީ ޝުއޫރުތައް އަމާޒުކުރައްވަނީ ހަމައެކަނި އެމްޑީޕީ އަށެވެ. ރައީސް ޔާމީން ގެ ދައުރުގަ ނަފްރަތާ ލޭބޮވައިގަތުން ހިލިގެނެއް ނޫޅުއްވަމެއްނޫންތޯއެވެ. މި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީ އެއްގައި އެންމެނަކީވެސް އިސްލާމުން ކަމުގައިވާތީ، ހުރިހާ ޕާޓީއަކީވެސް އިސްލާމްދީނަށް ނަޞްރުދޭ ޕާޓީތަކެވެ. އެއްވެސް ޕާޓީއެއްގަ އިސްލާމަކު ނޫން މީހަކު ނޫޅެއެވެ. ނަމަވެސް ކުރީގެ ވެރިޔާ ނިސްބަތްވެވަޑައިގަންނަވާ އަޒުހަރީންގެ ވާއިޒުން ހުއްދަ ކުރައްވައި ފައްޓަވައިދެއްވި ލާދީނީ އޭ ގޮވުމުގެ ނަފްރަތާ ހީލަތްތެރި ރޭވުމުގައި މިހާރު ހިއްޕަވައިގެން ތިއްބެވީ ކުރީގެ މުސްކުޅި ވެރިޔާ އާއި އެމަނިކުފާނު ބަލަހައްޓަވާ މުސްކުޅި ސޭޓާ، އެ ސޭޓް ގެ ދީލަތި އެހީފުޅު ލިބިވަޑައިގަންނަވާތީ އަދާލާތު ޕާޓީ އާއި ބައެއް އެހެން ޝޭޚުންނެވެ. ކުރީގެ ވެރިޔާއާއި ސޭޓް އެއީ ބޯދާ ޚިޔާލާއި، ކޮންމެގޮތެއް ހައްދަވައި ކޮންމެ ޚަރަދެއް ކުރައްވައި ވެރިކަން އިއާދަކުރައްވާން މުޅިގައުމު އެތައްދިހަ އަހަރެއް ފަހަތެއް ޖެއްސުވި ބަގާވާތެއް ހިލުވާލައްވައިގެންވެސް، ހަމަ ކުރީގެ އިހުގެ ބޭފުޅުންނެވެ. ޕާޓީ ހިންގަވާނެ ފައިސާ ޒަރީއާ ކުރެއްވޭފަދަ ގާބިލް ބޭފުޅުން މިހާރު އަދާލާތު ޕާޓީ ގައި އެބަތިއްބެވިއެވެ. އެހެންކަމުން ވެނިމިދިޔަތަން ދޫކުރައްވައި ޒަމާނީ ކުރިއެރުއްވުމުގައި އަދާލާތު ޕާޓީ އަކީ މުޅި ދުނިޔެއަށް ނަމޫނާ ޕާޓީއަކަށް ވެވަޑައިގަންނަވާންވީ ވަގުތަކީ މިއެވެ. އިސްލާމްދީނަކީ ހުރިހާ ޒަމާނަކަށް ބާއްވަވާލެއްވި އެންމެ ޒަމާނީ ދީންކަމުގައި ވާތީއެވެ. ސިޔާސީ ވާދަވެރިންނާ މެދު ނަފްރަތު އުފެއްދެވިދެވީނުން، ތަގްވާވެރިބަޔަކުގެ މެދުގައި އޮބިނޯންނަހާ ނަފްރަތު އުފައްދައިގެން ހަނގުރާމަވެރިވެ ޖައްވަށް ފަޒާއަށް ބަޑި ޖައްސަވައި ބޮން ގޮއްވުމަކީ ކުރީގެ މުސްކުޅި ވެރިޔާއާއި އެމަނިކުފާނު ބަލަހައްޓަވާ ސޭޓުގެ ބޯދާ އަދި މިހާރުގެ އަދާލާތު ޕާޓީއާއި ނުގުޅޭ ގަބޫލުކުރެއްވުންތަކެވެ. އޮނަރަބްލް މުހަންމަދު ނާޒިމް އާއި އޮނަރަބްލް ޢަބްދުﷲ ރިޔާޒުވެސް މިހާރު ފެއަށް ވަޑައިގަންނަވައިފިއެވެ.   

     ނަފްތަރާއި، މާރާމާރީއާއި ޖިސްމާނީ ގެއްލުމާއި ހަލާކު ފެތުރެއްވުމަކީ ސިޔާސީ ވާދަވެރިކަމެއް ނޫން ކަމާ، ވާދަވެރިޔާވެސް ހެޔޮޞިއްހަތުގައި ހުންނެވުން އެއީ މަތިވެރި އުންމީދެއްކަމުގައި ހައްދަވައި ދުނިޔޭގެ މިހާރުގެ ސުލްހަވެރި ތަހައްމަލު ކުރެއްވުންތައް އިސްކުރައްވައި ޒަމާނީ ވެވަޑައިގަންނަވާންވީ ވަގުތަކީ މިއީއެވެ.

     ސަބަބުތައް ކިތައްމެހާވެސް އުޖާލާއެވެ. މާތް އަމުރުފުޅާއި އިރާދަފުޅުން ރައީސް ނަޝީދު ދެން ދިވެހިރާއްޖެ އަށް ވަޑައިގަންނަވާ ދުވަސް ވެގެންދާނީ ގައުމުގައި އުފާވެރިކަން އުތުރި އަރާނެ ދުވަހަކަށެވެ. މުޅި މާލެ ބިރިޔާނީވެ ރާއްޖޭގެ ރަށްތައް ރަން ރީނދުލުން ފެވި ދިއްލި ބަބުޅާނެ ދުވަހަކަށެވެ.  ޒަމާނީ ވުމުގެ ރޫހު އެތައްގުނަވެ ނާމާންކަމެއް ފެތުރުމެއްނެތި ދީނަށް ނަޞްރު ދިނުމުގެ އާރޫހެއް އަށަގަނެ، ފެށިގެންދާނެ އާޒަމާނެއް އެދުވަހު ފެށޭނެއެވެ. އުފާވާ ޒަމާން ފެށި ކުރިއަރައިގެން ދިއުމުގައި ނަފްރަތު އުފެއްދުން އެއީ ބޯދާ އަނިޔާއެއްގެ ގޮތުގައި ހާމަވެ، ވާދަވެރިން އެއީ ދުޝްމަނުންނަށް ނުވެ އެކުވެރި ބަދަހި މުވާތިނުންގެ ގޮތުގައި އުފާވެރި ރާގުތަކާއެކު އުފާއުފަލުން އުޅޭނެ "ރަންޒަމާން" ފެށިގެންދާނެއެވެ.       

     

Comments

Popular posts from this blog

ދިވެހިރާއްޖޭގެ ސިޔާސީ ތަރުތީބު ހަރުދަނާ ބިންގަލެއްގެ މައްޗަށް ނަގައި ހިމުންކޮށްދޭ ކަށަވަރަކީ އެމްޑީޕީގެ ގައުމީ މަޖިލިސް ..... ގާނޫނު އަސާސީ އަށް އިޞްލާޙް ގެންނާންހުރި ކަންކަމަށް ވިސްނާލުމަށް މިވަގުތު މިއީ އެމްޑީޕީ އަށް އޮތް ވަރަށް ފަހި ފުރުޞަތެއް

ލާދީނީ އޭ ގޮވުމަކީ އަޒުހަރީން ހިފި ހީލަތްތެރި ބަދަލެއް، އަދިވެސް އެކަންކުރުވަނީ އެބާހުން

ދިވެހި ވެރިކަމުގެ އާދަތަކުގައި (ނަމުންކިޔާފަ ނެތަސް) އެތަކެއް ގަރުނެއް ކުރީއްސުރެ އަށަގެންފަ ހުރީ ބަރުލަމާނީ ސިފަތައް