މަރާލުމުގެ ސަބަބުތައް ދީނާއި މަތިކޮށް ނަޒަރު އަނބުރާލަން އުފައްދާފަ ހުރީ ހީލަތްތެރި ބުހުތާން ދޮގު

 

މަރާލުމުގެ ސަބަބުތައް ދީނާއި މަތިކޮށް ނަޒަރު އަނބުރާލަން އުފައްދާފަ ހުރީ ހީލަތްތެރި ބުހުތާން ދޮގު

ސިޔާސީ ގަދަފަދަކަން ދެއްކުމުގެ ބޭނުމުގައި ލޭއޮހޮރުވުމާއި މީހުން މެރުމުގެ އަނިޔާވެރި އަދި މަކަރުވެރި ޖަރީމާތައް ދިވެހިރާއްޖޭގެ ފަހުގެ ތާރީޚްގައި މުޅިންހެން މަތިކޮށްފައި ހުރީ ދީނާއެވެ. ކުރީގެވެރިޔާގެ ތިރީސްއަހަރުގެ ދައުރުން މިހާތަނަށް ފެނިފަހުރި މަރުތަކަށް ބަލާއިރު، ސިޔާސީ ވާދަވެރިކަން ހަސަދައަށް ބަދަލުވެ، ވާދަވެރިޔަކު މަރާލުމަށްވެސް ފަސްނުޖެހޭނެ ބޮޑެތި މުޖުރިމުން، ފުރަތަމަ ފުރިހަމަކުރަނީ ނަޒަރު އަނބުރާލުމުގެ ޜޭވުންތައްކަން މިހާރު އެނގެއެވެ. ފައިސާ ޚަރަދުކޮށްގެނާ ނުފޫޒުފޯރުވާ މީޑިޔާތަކުގެ އެހީގައި އެކަމަށް ބޭނުންވާ 'އުންސުރުތައް'،އުފައްދަނީއެވެ. އިސްލާމްދީނުގައި ނުވެސް އޮންނަ "ހަރުކަށި ފިކުރު" ކިޔާ ބާވަތެއްގެ ބަޔަކު މިތާވެސް އެބައުޅޭ ކަމަށާ، އެއީ ތަގްވާވެރިކަމުގެ ޢަމަލުތައް  ގޮތުގައިދެކެގެން މީހުންވެސް މަރާފާނެ ބަޔަކުކަމުގެ ނަގްލީ ނާމާން ތަޞައްވުރު އުފައްދަނީއެވެ. އޭގެތެރެއިން ލޭ ހޫނު ދެތިން މުވާތިނަކު ފާހަގަކޮށް ބޭނުންވެގެން އުޅޭ ޝިކާރަ އެމީހުންލައްވާ މަރާލުމުގެ ސަބަބުތަކުގެ ދޮގުތައް ނެރެނީ ދެނެވެ. އެ ދޮގުތައް އުފައްދާފަ ހުންނަނީ ބައިފަޅި ހަގީގަތްތައް ބޭނުންކޮށްގެން އޭގެ މައްޗަށް ޔޯލަ ފޮލާ ކޮށްގެނެވެ.

    ޖަލުގައި ހައްޔަރުކޮށް ޖާލިގަނޑަކާ އެއްކޮށް ދެއަތް ވަކީން ފުރަގަހަށް ބިޑި އަޅުވާފަ ބަހައްޓައިގެން ފޯރީން ތަޅާ ޗިސްކޮށް މަރާލި އީވާން ނަސީމް ގެ ޚަބަރުވެސް ފުރަތަމަ މާލެތެރޭގައި ފެތުރީ އެއީ ކީރިތި ގުރުއާނުގެ މުޞްހަފުން ގަނޑު ކެނޑުމާ، އެމާތް ކަލާމްފުޅުގެ ލިޔުންތަކަށް ފާޅުގަ ހުރުމަތް ކަނޑާލާ މީހެއް ކަމަށެވެ.  "އަމުރަށް ނުކިޔަމަންތެރިކަން ދައްކާ މީހަކު ޖަލުގައި ހުރެގެން ނުވާނެ" ކަމުގައި ވިދާޅުވެ ދެއްވި އޯޑަރުން އެ ދެއްކެވި ސިޔާސީ ގަދަފަދަކަމުގައި ލޭއޮހުރުވާލުމަށްވެސް ތައްޔާރުކަން ފާޅުކުރެއްވި ޖަރީމާ ފެށޭ ހިސާބަކީ، ދިވެހިން ނޫން ބަޔަކު ނެތްތާކު ވަޒަނާއެކު ބަޑި ގުދަން ކުރެއްވުމެވެ. ބަޑި ހަދާފަހުންނަނީ [ހަނގރާމައިގެ ހަތިޔާރެއްގެ ގޮތުގައި] އަނެކާގެ ގަޔަށް ޖަހާށެވެ. ފުރަތަމައިނުންވެސް ދިވެހިންގެ ގަޔަށް ބަޑިޖައްސަވަން ގަޞްދުކުރައްވައިގެން މެނުވީ، ދިވެހިންނޫންބަޔަކު ނޫޅޭ، ނެތް ތަނަކު ލޭ އޮހޮރުވުން ނޫން ދެންއެހެން ކީއްކުރައްވަން ތޯއެވެ؟ އީވާން ނަސީމް މަރާލުމާ  ޖެހިގެން އައިދުވަހު ޖައްވަށް ފަޒާއަށް ހަވައަށާ މީހުންގެ ގަޔަށް ބަޑި ޖައްސުވައިގެން އަނެއްކާވެސް އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވައި، ދާއިމީ އައިބުތައް މެދުވެރިކުރުވައި، އިތުރު ދެ ދިވެއްސަކު މަރާލީއެވެ.

    ދީނުގައި ނުވެސް އޮންނަ ހަރުކަށީންކަމުގައި ވެގެންއުޅޭ ބަޔަކާއެކު 2012 ވަނަ އަހަރު ބާގީން ގުޅުން ބަދަހިކޮށްލީ ދާރުލް އާސާރުގައި ހުރި އާސާރީ ބައެއް އެއްޗެތި ފުނޑުކޮށްލުވައިގެނާ، އެމީހުންގެ އެކި ޚަރަދު ބައެއް މަހުޖަނުންނާ ސިޔާސީލީޑަރުން ފާޅުގައި އުފުއްލަވައިގެނެވެ. ކުރައްވަމުންގެންދެވި ހިންމަތަކީ މާލޭގެ މަގުތައްމަތީ އައިސިސް ދިދަ ހިފައިގެން ބަޔަކުލައްވާ މުޒާހިރާކުރުވައިގެނާ ހަޅޭއްލައްވާ ހެއްދެވުން ކަހަލަ ކުރިން ދެންނެވި ހީލަތްތެރި ފަސްމަންޒަރާ ގުޅުންހުރި ކަންކަމެވެ. ފަޅުރަށްރަށުގައި އަސްކަރީ އެކި ކަސްރަތުކުރުވުމުގެ ޕިކްނިކް ދަތުރު ތައް ބައެއް މުއްލާއިން ބާއްވަވައި މުސާރައަށް ހަނގުރާމަވެރިން ބޭނުން ޓެރަރިސްޓް ދައުލަތާ ގުޅުންތައް އޮތް މައި އެހެން މުއްލާއިން މެދުވެރިކޮށް ޕާކިސްތާނަށާ ސީރިޔާއަށް މިމީހުން މަގުފުރެއްދިބައަކު "މުޖާހިދުން"ގެ ނަމުގައި ފޮނުވުމާ، ބޮލަކަށް އެތައްހާސްޑޮލަރުގެ ބައިފަޅި ނެންގެވުން ފަދަ ނުސިޔާނު ކަންކަން އެއީ އަޅައިނުގަންނަ ކަންކަންކަމުގައި ހެދުމަށް މަގުފަހިކޮށްދީ ފުރުވާލަދީ ހައްދަވައިގެނެވެ. މި ހުރިހާ ސަކަރާތެއްގެވެސް ބޭނުމަކީ ރައްޔިތުންނަށް އޮޅުވާލުމާ، ފިލާތިބި ސިޔާސީ އެމުޖުރިމުން މަރާލަން ބޭނުންވާ އަމާޒަށް ހަމަލާންދޭން ބޭނުންވާ ދަނޑިވަޅު އުފެއްދެވުމުގެ މިންނަތެވެ.

    ޝެއިޚް އަފްޜާޝީމް ޢަލީ، އަޙްމަދު ރިލްވާނު، ޔާމީން ރަޝީދުގެ މަރުތައްވެސް މުގޫކުރެވިފައިހުރީ އޭރުގެ ވެރިޔާގެ ސިޔާސީ ގަދަފަދަކަން ދައްކަވާލެއްވުމާކަމުގައި ބެލެވެއެވެ. ދެން ފެނުނީ ޚުދު އެމަނިކުފާނަށްވެސް ސިޔާސީ ގަދަކަމުގެ، މަރާލުމެއްގެ، ހަމަލާ ކުރިމަތިވެވަޑައިގަތް ތަނެވެ.

    މިފަދަ ހަމަލާތަކުގެ އާންމު ބަހާއަކީ ސިޔާސީ ހަތުރުވެރިންނެވެ. ދީނީ އެއްވެސް ބަޔަކުނޫނެވެ. ދީނީ އެކި ޝެއިޚުން މެދުވެރިކުރައްވައިގެން ދީނުގައި ނެތް އެކި 'ޙަރުކަށި' ފަތުވާ ނެރުވަނީ ކުރިންދެންނެވި އަޞްލެއްނެތް ފަސްމަންޒަރު ފުރިހަމަކޮށްގެން މެރުމާމަތިކޮށްފައިތިބި މުޖުރިމުންނަށް ދަނޑިވަޅު ހޯދަދެއްވާށެވެ.

    އެމްޑީޕީ ފިޔަވައި ދެންތިބި އެހެން ޕާޓީތަކުގައި ހިމެނޭ ހީލަތްތެރި ވާގިވެރިން އެހާތަނަށް ގެންދިޔައީ މީހުން މެރުމުގެ ސަބަބުތައް ދީނާ މަތިކުރުމުގެ އަޞްލެއްނެތް ދޮގުތައް ގިނަބަޔަކަށް ތެދުހެން ހީވާނޭހެން ފަތުރަމުންނެވެ. މީހުންގެ ބުރަކަށީގައި ޓާގެޓް ކުރެހެވުމަށާ ލާދީނީ މަރުކާ ކުރުވަން މަހުޖަނުންނާ އެމްޑީޕީގެ ވާދަވެރިންގެ ދީލަތި އެހީ ލިބިވަޑައިގަންނަވާ މުއްލާއިންނާއި ޝޭޚުން ތިއްބަވަނީ އެކަމުގެ ފާޑެއްގެ ވަޚުޝީ ވާދައެއްގައެވެ. އެއް ޝޭޚަކަށްވުރެ އަނެކާ ގެ ނާމާންކަން އަމާޒުކޮށް ތުހުމަތުކުރަންއެފަށާ ޝިކާރައަށް މަތިކޮށްގެންވެސް، މާލުވެރިޔާގެ ރުހުން އިތުރުކޮށް ފައިސާ ތަކުރާރުކުރުމުގެ ދަހިވެތިކަމުގައެވެ.

    ސިޔާސީ ގަދަފަދަކަން ދެއްކުމުގެ ކުރި ހޯދުމުގެބޭނުމުގައި ވާދަވެރިޔާ މަރާލައިގެންވިއަސް އެކަން ކުރުވައި އެ އަނިޔާވެރިޢަމަލު ދީނާއި އަދި ”ހަރުކަށީން"ނާ މަތިކުރުމަށް އެމްޑީޕީގެ ވާދަވެރިން އުފައްދައިގެން އުޅޭ ހީލަތްތެރި ފަސްމަންޒަރުގެ އަމާޒެއްގެ ގޮތުގައި ރައީސް ނަޝީދުގެ ގައިކޮޅުގައި ޓާގެޓް ފަވާތާ ކިތަންމެ ދުވަހެކެވެ. ބޭނުމަކީ ކުރިންދެންނެވި ދަނޑިވަޅު ފަހިވުމާއެކުހެން ކަންކޮށްލުވައި ދީނާ "ހަރުކަށީންނާ" އެކަން މަތިކުރުވުމެވެ. އެބޭނުމުގައި އުފައްދާ ބިނާކޮށް ވަރުގަދަކޮށްފައިހުރި ރޯ މަރު ބުހުތާން ދޮގުތަކާމެދު ރ.ނ އެއްވެސް އިރެއްގައި ރައްދެއް ނުދެއްވައެވެ. ހައްތަހާ އޭގެން އެކިކުރިފެޅުވުން ފަދަ ސަކަރާތެއްވެސް، ރައްދެއް ދެއްވުމުން ފަށައިދާނެތީވެސް މެއެވެ.

    ބައިފަޅި ހަގީގަތްގަތް ބޭނުންކޮށްގެން އެޒާތުން އުފައްދައި ބިނާކުރި ބައެއް ދޮގުތަކުގެ ފަހަތުގައިވާ ހަގީގަތްތަކަށް މި ބަލާލަނީ، ހެޔޮއެދިލައްވާ ބައެއް ފަރާތްތަކަށްވެސް މިހާރަކަށްއައިސް އޮޅިވަޑައިގަންނަވާ ހިސާބަށް އެކަންކަން ވާދަވެރިން ގެންދަވައި، ރ.ނ އަވަހާރަކޮށްލަން ބަަޔަކުއުޅުނީ ސިޔާސީ ހަތުރުވެރިޔަކު ފަހަތުގައި ނެތި ހަމައެކަނި ރ.ނ "ލާދީނީ" ކަމުން ކަމުގެ ހީލަތްތެރި އޮޅުވާލުން ތަޞައްވަރުކުރުވަން، ބަޔަކު ގަދަފައި ވިއްދާތީ، އެއީ ހެއްވާ ކަމަކަށް ވާތީއެވެ.

    2008 ހާތާ ރ.ނ އާއި ނިސްބަތްކުރައްވައި ވިޔަފާރިވެރިޔަކު ވަރަށް ހަޑި ހުތުރު ތުހުމަތުތައް ކުރައްވައި އައަުގުރާނަ މޭރުމުން ވާހަކަ ދައްކަވާ އަޑު ރެކޯރޑް ކޮށްގެން ބަޔަކު އެމަނިކުފާނަށް އެރުވިއެވެ. "މިފަދަ ވަރެއް މި އެރީކީ ކޮން ގެއްލުމެއްވީތޯ" ރ.ނ ވިދާޅުވުމުން އެގެނައިމީހާ ދެންނެވީ އެވިޔަފާރިވެރިޔާ ހުންނެވީ ހަމަޔަކު ނޫން ކަމަށެވެ. ރ،ނ އަރިހުގައި ހުރި ސެކެރެޓަރީއަކު ދެންނެވީ، ވެފަ އެހަރަ ވަރުން، އޭނަހަމައިން ނެއްޓިނެއްޓީނުން ދެމޭނީ ކަމަށެވެ.

    "އެހެންވީމަ، ބާރުގަދަ މަސްތެއްވެގަނެގެންވެސް ނިދޭނީއޭތާ ތިބުނީ، މަސްތެއް ނުވެވެސް ނިދާ ބަޔަކު ތިބޭނެނުން؟ އެބުނި ހަމައަކުން އެނެއްޓިގަތީ ނިދުމުގެތެރޭގަތާ!" ސަމާސާ ރާގަކަށް ރ.ނ ވިދާޅުވިއެވެ. ކޮންމެ 24 ގަޑި އަކުން ފަސް ހަގަޑިއިރަށްވުރެ ގިނައިރު ކޮންމެ މީހަކުވެސް ނިދާނެއެވެ. އެންމެނަކު 24 ގަޑިއިރަކު ހަމައިގަ ތިބެދާނެކަމަކަށް ބަލާކަށް ނުޖެހެއެވެ. ކޮންމެމީހަކުވެސް ނިދާނެއެވެ. މަސްތުވެގެން ނުވަތަ ނުވެ ވިޔަސް، ނިދިފަ އޮންނާނީ އެކިވަރަށް ޚަބަރު ހުސްވެފައެވެ.

    މަސްތުވުމަށް ދެވިހިފައިގެން ފަރުވާހޯދަމުންދިޔަ ބައެއް ދިވެހިންގެ މައިންނާ ބައްދަލުކުރައްވަން އޮތް ޖަލްސާއަކަށް ރ.ނ. ތައްޔާރުވެވަޑައިގަންނަވަނީއެވެ. އަފިހުން ކުނޑިން އުފައްދާ 'ހަކުރު' ނުވަތަ ބްރައުން ޝުގަރ ގެންގުޅުމުގެ ކުށުގައި ބޮމްބޭގައި ހައްޔަރުކުރެވި ދޫކޮށްލާފައިތިބި ދެ ދިވެއްސަކާ އެމަނިކުފާނު ބައްދަލުކުރެއްވިއެވެ. އޭގެ ދެމީހުން ދެންނެވީ ފަހަރަކު ބައިގްރާމް އާވީގެ ގޮތުގައި ދުވާލަކު ދެތިންފަހަރަށްވުރެ ގިނައިން ބްރައުން ޝުގަރ އިސްތިއުމާލުކުރަން ދެވިހިފާފަހުރި މީހަކަށް އެއްވެސް ސަބަބަކާއި ހުރެ އެ ނުލިބި މެދުކެނޑޭ ގޮތްވެއްޖެ ނަމަ ވަރަށް ބޮޑަށް ބަލިވެ "ސިކް" ވެ، ހީ ކަރުވާ ދާހިއްލާ، ތުރުތުރު އަޅާ، ނޭވާ ކުރުވެ އަވަސްވުންކަހަލަ ނުރައްކާ އަދި ވޭނީ ކެކުޅުންތައް މެދުވެރި ވާތީ އަމިއްލައަށްވެސް ފުލުހުންނާ ހަވާލުވާކަމަށެވެ. "ސަބަބަކީ، ޖަލަށް ލުމާއެކު ލަސްނުކޮށް އެމީހުން ބައިގްރާމް ބްރައުން ސުގަރ ނުވަތަ އޭގެ ނަކަލު ވައްތަރެއް ކަމުގައިވާ އެމްފަޓަމިން ދޭނެ. އެހެން ހަދަނީ، ކުއްލިއަކަށް އެ ނުލިބުމުން އެފަދަ ބޮޑަށް ބަލިވެ ނިސްބަތުން ގިނަ މީހުން މަރުވެސް ވާތީ! އެހެންކަމުން ހިފައި ހައްޔަރު ކޮށް ފަރުވާލިބެންދެންވެސް - ބޯންޖެހޭ، ބޮވެންވާނެ، ... ނުލިބިއްޖިއްޔާ މަރުވެދާނެ!"

    ރ.ނ ގެ ރަސްމީ ދަތުރުފުޅަކަށް ވަޑައިގަންނަވާތީ އަރިހުގައި ފުރުމަށް އަވަސްކޮށްލާފައި ލޯންޗްކޮޅަށް އަރަނިކޮށް އެމްޑީޕީގެ ޝެއިޚް ހެސެއިން ރަޝީދު އަޙްމަދު ފާލަންކައިރީގައި ހުންނަވާފަ އަޅުގަނޑަށް ވިދާޅުވިއެވެ. " ޔޫރަޕްގަ ރ.ނ ދައްކަވައިގެން މި އުޅުއްވަނީ ކޮންވާހަކައެއްތޯ؟". "ޝެއިޚް، މި ވަގުތު ކުރުކޮށް ދަންނަވާލާނަން، އެއީ ފިއުޒް ގޮސްގެން ކަރަންޓް ހިގައްޖެ ނަމަ ދުޢާ ދަންނަވައި ގުރުއާން ކިޔެވުމަށްފަހު، އެނޫން އޭގެ އިތުރު ވިދާޅުވެދެއްވުންތަކެއް ނުވަތަ ގޮތްތަކެއް ވިދާޅުވެދެއްވަން ޖެހޭ ވާހަކަ، އެއީ އެ ދެކަންތައް ކޮށްފާމެ، ފިއުޒްވެސް ޖަހަންޖެހޭނެކަމަށް ވިދާޅުވެދަެއްވަން ޖެހެއޭ! ނޫނީ ކަރަންޓެއް ނުލިބޭނެޔޭ" އެހެން ދަންނަވާފަ އަޅުގަނޑު ލޯންޗަށް އެރީއެވެ. އޭގެ އަނެއް ދުވަހު ޝައިޚް އާ ބައްދަލުވުމުން ވިދާޅުވިއެވެ. " އޭ، ރ.ނ އެ ވިދާޅުވި އެއްޗަކަށް ބާރު ލިބިދޭ ހަދީސްފުޅެއްވެސް އޮވޭ! އަސް ދަތުރެއް ތެރޭ ނަމާދަށް އެރި ބަޔަކު ކޮންމެހެން އަސްތައް އައްސާނެކަމެއް ނެތެއްނޫންތޯ ދެންނެވުމުން، ނަމާދަށް އަރާނީ އަސްތައް އައްސާފަކަމުގައި ހަދީސްކުރައްވާފަ އޮންނަކަމުގެ އިތުބާރު ރިވާތައް އޮވޭ". މާނައަކީ އިލާހީ މަދަދު އަދައި ކަމަކު އެދިގެން އެކަމެއް ހައްލުކުރާން އޮންނަ ޢަމަލީ ކަންކަންވެސް ކުރުން އެއީ އެންގެވި ގޮތްކަމެވެ.

    ބައިފަޅި ހަގީގަތްބޭނުންކޮށްގެން އުފައްދާފަހުރި ވަރުގަދަ މިފަދަ ދޮގުތަކުން ނަފްރަތު ފަތުރާއިރު، ކުރީގެ ވެރިޔާއަށް މިވެގެންއުޅޭގޮތާ އެކަމާ ގުޅުވާ ހުރިހާ އޮޅުވާލުމަކާ، ހުރިހާކަމެއް ސާފުވެވަޑައިގަންނަވާނެއެވެ. ނަމަވެސް އެކަންކަން ނަފީ ކުރައްވައި، ވާދަވެރިއަކު މަރާލަފާނެފަދަ ދޮގުބުހުތާނުން ނިހާޔީ ނަފްރަތު އުފެއްދިޔަ ނުދިނުމަށް، އެމަނިކުފާނު ހަގީގަތް ވިދާޅުދެއްވާފައެއް ނުވެއެވެ. ދީނާ މަތިކޮށް ރ.ނ އާއި އެމްޑީޕީ އާއިމެދު ނަފްރަތު ބޮއްސުންލެއްވުން ހުއްޓުވިދާނެ އެއް ބާރަކީ އެމަނިކުފާނެވެ.

    ލިޔުންތެރިއަކު ފާހަގަކުރައްވާފަވާފަދައިން ހޭލައްވާލެވޭނީ ހަގީގަތުގައިވެސް ނިދިފަ އޮތް މީހެކެވެ. އަމިއްލަ މަކަރެއްގައި ނިދާފަކަމަށް ހެދިގެން އޮންނަމީހަކު ހޭލައްވައެއް ނުލެވޭނެ އެވެެ.

    އެއަށްވުރެވެސް ބާރުގަދަ ފަރާތަކީ ރައްޔިތުންނެވެ. ޝަރިއަތަށް ސާބިތު ނުކުރެވޭ ދޮގު ތުހުމަތުތައް ދީނާއި ގުޅުވައިގެން ފެތުރުމާ، ނަފްރަތު އިންތިހާއަށް ގެންދިއުމާ، ލޭ ހުއްދަކުރުމާ، ލޭ އޮހޮރުވުމާއި، ފުރާވަރަށް ނާރާ ކުދިން މީހުނާ ދެވުމާ، ދައުލަތް ގަބޫލުނުކުރުމާ ވާދަވެރިޔާ މަރާލުމަކީ ގިނަދިވެހިން ގަބޫލުކުރާނެ އަގީދާއެއްނޫނެވެ. ރައްޔިތުންގެ ގިނަބަޔަކު އެފަދަ އަނިޔާވެރި ފިކުރުތަކާ ދެކޮޅަށް ނުކުންނަވައި ވޯޓް ދެއްވައި، ސިޔާސީ ނާޖާއިޒް ބޭނުމުގައި ފަތުރަމުން ދާ ނަފްރަތުގެ ނާމާން ރޯޅިތަކުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވައި، އުފާވާ ޒަމާން ތަޢާރަފްކޮށްދެއްވާނެއެވެ.  މުޅީން އާ ފާގަތި އަދި ރޯޝަނީ ރަންޒަމާނަކަށް ވޯޓް ދެއްވުމަށްޓަކާ ގިނަ ދިވެހީ ތިއްބެވީ އިންތިޒާރުގައެވެ.

    އެންމެ ބާރުގަދަ ފަރާތަކީ ހެއްދެވި ފަރާތްކަމާމެދު ޝައްކެއް ނެތެވެ. //


Comments

Popular posts from this blog

ދިވެހިރާއްޖޭގެ ސިޔާސީ ތަރުތީބު ހަރުދަނާ ބިންގަލެއްގެ މައްޗަށް ނަގައި ހިމުންކޮށްދޭ ކަށަވަރަކީ އެމްޑީޕީގެ ގައުމީ މަޖިލިސް ..... ގާނޫނު އަސާސީ އަށް އިޞްލާޙް ގެންނާންހުރި ކަންކަމަށް ވިސްނާލުމަށް މިވަގުތު މިއީ އެމްޑީޕީ އަށް އޮތް ވަރަށް ފަހި ފުރުޞަތެއް

ލާދީނީ އޭ ގޮވުމަކީ އަޒުހަރީން ހިފި ހީލަތްތެރި ބަދަލެއް، އަދިވެސް އެކަންކުރުވަނީ އެބާހުން

ދިވެހި ވެރިކަމުގެ އާދަތަކުގައި (ނަމުންކިޔާފަ ނެތަސް) އެތަކެއް ގަރުނެއް ކުރީއްސުރެ އަށަގެންފަ ހުރީ ބަރުލަމާނީ ސިފަތައް