ފުރިހަމަ ބާރާއި ކޮންޓްރޯލް އޮތްކަމުގެ ގުނބޯ ނެއްޓެވުމާ ޖަމަލުފޮޑި ކަަޑަ !... ބޭޒާރުވީ ނިކަމެތިކަމާ ބަލިކަށިކަން !

 

ފުރިހަމަ ބާރާއި ކޮންޓްރޯލް އޮތްކަމުގެ ގުނބޯ ނެއްޓެވުމާ ޖަމަލުފޮޑި ކަަޑަ!  ... ބޭޒާރުވީ ނިކަމެތިކަމާ ބަލިކަށިކަން!

    ތިމަންމަނިކުފާނު މިހުންނެވީ މަޖިލިހުގެ މެޖޯރިޓީ އާއި ބާރުވެރިކަމާއެކުގައޭ ވިދާޅުވެ މީޑިއާތަކުގެ ކުރިމަތީގަ ރައީސްމީހާގުނބޯ ނެއްޓެވީމަ ކަޑައީ އިންތިހާއަށެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞޯލިޙް އެއީ މި ދައުރުގަ އެމްޑީޕީގެ އެންމެ އިސް ލީޑަރެވެ. އެންމެ މެމްބަރުން ގިނަ އެޕާރޓީ އުފެއްދުމަށްޓަކާ ދެވަނައަށް ސޮއިކުރެއްވީވެސް އެމަނިކުފާނެވެ. ރައީސް ނަޝީދުގެ އެންމެ އަރިސް އެއް ރަޙްމަތްތެރިޔާއެވެ. ޕާރޓީގެ ހުރިހާ މެމްބަރުންމެ ފަޚްރުވެރިވާ، އަދި ލޯތްބާ އިޙްތިރާމް އިންތިހާއަށް ލިބިވަޑައިގެން ހުންނެވި އެމްޑީޕީގެ ޗެމްޕިޔަނެކެވެ. މީޑިޔާ ކުރިމައްޗަށް ބަޔަކުމީހުންވެގެން  އެފަދަ ލޮބުވެތި މަނިކުފާނު ނެރުއްވައި އެޒާތުން ގަޅަހެއްދެވުނީމަ.. ހަމަ ދެންނެވޭނީ ބޮޑުވަރުކަމަށެވެ.

    ދެތިން މަހެއްގެ ހިމޭންކަމަކަށްފަހު ބާރު އަޑުފައްގަނޑަކާއެކު ބަސްފުޅުން މޮޅު، ކަމުން ދެރަ، ތިފަދަ ލަދުވެތިކަމަކަށް މަނިކުފާނު ހުށަހޮޅިވެ ތިޔަވަޑައިގެންނެވީ ހަމަ މަޖުބޫރުން ކަން ގިނަބަޔަކަށް ގެޓްވެ، މެސެޖް ނެގިއްޖެއެވެ. މެދުއިރުމަތީގައި ވަކި ދުވަސްވަރަކު އުޅުއްވާފަ ވަޑައިގެންނެވި ބޭފުޅުން ދެނެވަޑައިގަންނަވާ، ވަހެއް ގެއްލުމެއް، ނުރައްކަލެއް، ކުއްލި ބިރެއް ފަދަ އެއްވެސްކަމެއް ނެތި، ބާރު އަޑުފައްގަނޑަކާއެކު ވީއްލާލާ ޖަމަލު ފޮޑި އެއް ވީއްލަވަން ޖެހިވަޑައިގަތުމުން، ހާމަވެގެންދިޔައީ ހަޖަމު ކުރެއްވުމުގެ ގޭސްގަނޑެކެވެ. ބޭޒާރުވެގެން ދިޔައީ ތިޔަ ލޮބުވެތި މަނިކުފާނު ކޮއެލިޝަނުގެ ވަކިތަކުގައި ފިތިވަޑައިގެން ވަޑައިގަންނަމުން، އެވަޑައިގެންނެވިގޮތަށް ވަޑައިގެން، ބާރުބޮޑުވެ، އަޑުބާރު ޖަމަލު-ފޮޑިއެއް ޖެއްސެވުނީކަމަށެވެ.

    ތިމަންމަނިކުފާނަށް ވެރިކަން ދިނީ ރައްޔިތުންނޭ (ވަރަށް ސާފު ހަގީގަތެއް)، އެހެންވީމަ އަޅުގަނޑު މަޝްވަރާކޮށް ތަބާވާނީ ރައްޔިތުންގެ އެއްވެސް ތާއީދެއް، (ހަމަ ގައިމު މަޖިލިހުން ނުފެންނަ) އަދި ރައްޔިތުންގެ (ނިސްބަތުން ވަރަށް) ކުޑަ ތާއިދެއް މަޖިލިހުން ފެންނަ ކޮއެލިޝަނުގައި ތިއްބެވި ލީޑަރުންނާ ކަމަށް މޭރުން ކުރެއްވުމަކީ ކޮންފަދަ ނިކަމެތި ކަމެއްތޯއެވެ؟ މަޖިލީހުގެ މެޖޯރިޓީ އޭ ތިޔަޒާތުން ވިދާޅުވެދެއްވަމުން ގެންދަވާފަ އެންމެ ފަހުން އޮތީ ރައީސް ޔާމީނެވެ. ތިޔަ ވިދާޅުވެވެވުނީ އެމަނިކުފާނު ހިންގެވިފަދަ ނުތާހިރު ކޮރަޕްޝަނުގެ ކަންތަންގަނޑު ފަހިކޮށްދެއްވުމަށް މެމްބަރުންގެ ބަޔަކު މަގު ފުރެއްދިއްޖެ ވާހަކަ ފުޅުތޯ އެވެ. ކޮންފަދަ ލަދުވެތި ބަލިކަށި ވާހަކަފުޅެއްތޯއެވެ.

    ފަސްދޮޅަސް ސާޅީހުގެ ވިޔަ ނުހިފެއްޓެވިއްޖެ ނަމަ ބަންގަޅީސް ކަމުގެ ބިރުފުޅުން އުޅުއްވަން ޖެހިވަޑައިނުގަންނަވާވަރު، އިރާދަފުޅާއެކު ދެންވެސް ކޮށްދެއްވަން ތިއްބެވީ ހަމަ އެމްޑީޕީގެ މެމްބަރުންނެވެ. އެމްޑީޕީގެ ފުޅާވެގެންވާ މާނަ އެންމެ މޮޅަށް މަނިކުފާނު ދެނެވަޑައިގަންނަވާނެއެވެ. އަދަލު އިންޞާފު ލަސްވެ ގެއްލި ދާކަށް ދުލެއް ނުދެއްވާނެކަމާ، އަނިޔާވެރި ޖަރީމާތަކުގެ ޝިކާރައިގެ ގޮތުގައި އަދި ނަފްރަތު އުފެއްދުމުގައި ޝަރިއަތަށް ސާބިތުނުކުރެވޭ، ނުހުއްޓުވުނު، އަދި ނުހުއްޓުވި އަނިޔާވެރި ސިލްސިލާގައި ރާއްޖޭގެ މަގްބޫލް ދީނީ ޒަމާނީ ޢިލްމްވެރިޔަކާ މޮޅު ދެ ނޫސްވެރިޔަކުގެ ފުރާނަ ދުއްވާލި ކަމާ، ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮންގޮއްވީމަވެސް، އިރާދަފުޅާއެކު އަދިވެސް ދިވެހިރައްޔިތުންނަށް ޚިދްމަތްކޮށްދެއްވުމަށް ވަޑައިގަންނަވާނެކަމާ، ކޮރަޕްޝަނުގެ ވާހަކަތަކާ އެމްއެމްޕީއާރުސީ އާ، ވެންޓިލޭޓަރުތަކުގެ ވާހަކަޔާ، ތިޔަމަނިކުފާނު އިސް މަގާމުގަ ބަހައްޓަވައިގެން ދައުލަތުން އެކުރައްވާ ބޭކާރު ގެއްލުން ދެނިވި ޚަރަދުތަކާ މެދު ގޮތްނުކިޔައި، ކަމެއް ނުކޮށް، ނުތިބޭނެ ބަޔަކީ އެމްޑީޕީ ގެ އާންމު މެމްބަރުންކަމާ، އެމްޑީޕީގެ ހަގީގީ މާނައަކީ އެއީ ކަމާ، އެ މާނަ ނެތި އެމްޑީޕީގެ ކޮން ތާއީދެއްގެ ވާހަކަފުޅެއްތޯ އާއި އެ ވާހަކަފުޅުގައި އެއްވެސް މާނައެއް ނޯންނާނެކަމާއި އެފަދަ ވާހަކަ ފުޅަކީވެސް ހަމަ ހަޖަމުގެ ސަކަރާތްކަމާ ބަލިކަށިކަން ނޫން ކަމެއް ނެތް ޖަމަލު-ފޮޑި ކަމާމެދު އޮޅުމެއްނެތެވެ.

    އަޑުފުޅަށް ބާރު ލައްވައި ތިޔަ ވިދާޅުވި މަޖިލިސް މެޖޯރިޓީ ހިފަހަހައްޓަވާގޮތުގައި، ބަގާވަގަތަކުން މަގުފަހިކުރި، އަދި ބަގާވަތުގައި ހިމެނުނު މިހާރުގެ ކޮއެލިޝަނުން މަނިކުފާނު ގުނބޯ ނެއްޓެވުމުގައި ޔާމީނީ ކާމިނީ އަދި އަޒްހަރީ ސިފަތައް ފެންނަމުން އެބަދެއެވެ.

    ދިވެހިރާއްޖެއިން ބޮޑު އަހައްމިއްޔަތުކަމެއް ދޭން އަދުގެ ޒަރޫރީ ހާލަތު ލާޒިމް ކުރާ މޫސުމީ ގެއްލުންތަކާ ތިމާވެށި ހިމާޔަތްކުރެއްވުމަށް ދައުލަތަށް ލިބޭހާ ބޭރުގެ އެހީގެ ފައިސާއިން ބޮޑު ނިސްބަތެއް ސަލާމަތްކުރެއްވުމަށްޓަކާ، ބަގާވަތުގައި ހިމެނުނު ބާގީ ލީޑަރުންނާއި ބަގާވަތުން މަގުފަހި ކުރި ޔާމީނީ ސަރުކާރުތަކުން މަތިއަރުވާލައްވާފަހުރި ލޯނު ތަކުގެ އޮނިގަނޑުތައް އަލުން ކަނޑައެޅުއްވުމަށް (އުޅުއްވިޔަނުދެއްވާތީ) ނޫޅުއްވައި، އެފައިސާތައް ބޭކާރުކުރެއްވުމާ، ގެދަބުޅީގެ ދުންހޮޅިތަކާއެކު އެކަށީގެންވާ މިނަށްވުރެބޮޑެތި އަދި ނިސްބަތުން ގިނައިން ތެޔޮ އަންދާ ޖެނެރޭޓަރުތައް ރައްޔިތުން އަދާކުރާ ފީ ތަކުންނާ ޓެކްސް ފައިސާއާއި ދައުލަތުގެ ލޯނުތަކުން ހޯއްދެވުމުމުގެ ގެއްލުންތައް ރާއްޖެއަށް ލިބެމުންދާއިރު، ނާޖާއިޒު ފައިސާ ކޮއެލިޝަން ނަގަހައްޓާ މަހުޖަނުންނަށް ފަހިކޮށްދެއްވަމުންގެންދެވުމަކީ ދެއުޅި އެއްނުވާ ސިޔާސަތުތަކެކެވެ. އެ ފަދަ ސިޔާސަތުތައް ހިންގަވާކަމީ އެއީކީ ގަދައީކީ ނޫނެވެ. ކެރިވަޑައިގަތުމުގެ ދަރަޖަ ދެރަވަރުކަމާ ނިކަމެތިކަމެވެ. އެކަންކަން އަދި މާ ފުއްޕަވައިގެން، ނެތްބާާރުވެރިކަން ބަޔަކުގެ ބަހަށް ދައްކަވާން އުޅުއްވުމުން ލަދުވެތި ބޭޒާރުތަކެއް ނޫނީ ނުވެއެވެ.

    ފަސްދޮޅަސް ސާޅިހުގެ ވިޔަހިފެހެއްޓެވުމުގެ އަޞްލެއްނެތް ގޮފަޅުކަމުގައި، ތިޔަމަނިކުފާނުގެ އޮފީހުގައި ވަޒީރުންގެ މަޖިލީހުގައި (ކެބިނެޓްގައި) ނުހިމަނުއްވާ އިތުރު (9) ނުވަ ވަޒީރަކާއި، ކުރައްވާ ޚިދުމަތެއްގެ އަޑެއް ބަޑެއް ނީވޭ އެތަކެއް ސްޓޭޓް މިނިސްޓަރުން ނުވަތަ ދައުލަތުގެ ވަޒީރުންނަށް މުސާރައައި އިނާޔަތްތައް ދެއްވަމުން، ޖަދުވާނީ ދޮލަނގު ހިއްޕަވައިގެން ތިޔަ އުޅުއްވާ ބޭޗާރާ އުޅުއްވުމުގެ ނަތީޖާ ހިތިވެދާނީ ހިތިކަމަކަށްނޫންކަމުގައި ވިސްނެވިޔަވެސް އެއޮތީ އަޞްލު ބާރުވެރިން ނުދެއްވާފައެވެ.

    ތިޔަވިދާޅުވާ ބާރުވެރިކަމުގެ ފަސްމަންޒަރުގައި އޮތީ ބަފައިބެއާ އިލިޔާހާ ސޭޓާއި މުސްކުޅި މައުމޫނީ ތަރިކަ ކަމުގައިވާތީ އެކަންކަން ދޫކޮށްލެއްވުމުން ނޫނީ ހަގީގީ މާނައިގާ އެމްޑީޕީގެ އަދި ރައްޔިތުންގެ ޒަމާނީ ތާއީދެއް ނޯންނާނެ ނޫންތޯއެވެ. ސަބަބަކީ މުސްކުޅިބެއަށް އޮބިނޯވެގެންގޮސް މިހާރު އެތަރިކަތައް ވެފަ އެއޮތީ ދީނުގައި ނުމެ ނެތް އަގަލުކުޑަ އަނިޔާވެރި ހަރުކަށި ފިކުރަށާ، ފުރާވަރަށް ނާރާ ކުދިން މީހުނާ ދެވުމަށާ، އަންހެނުން ނަކަތްގެ ލެއްވުމަށާ، ކުޅިވަރާއި ދީނުގަހުއްދަކަންކަމާއި މިޔުޒިކާއި ފަންނުވެރިކަން ހަރާމް ކުރުމަށާ، އަންހެނުންގެ ބިކުރުވެރިކަން ފުލުހުންލައްވައި ބެއްލެވުންފަދަ ބޯދާ އަމުރު ހިންގެވުމާ، ސިޔާސީ ވާދަވެރިން ނަފްރަތުކުރާ މީހުނާ މެދު ތަކްފީރުކޮށް، ޚިޔާލު ތަފާތު ކޮންމެ ވާދަވެރިޔަކުގެ ލޭ ހުއްދަކޮށް ބޮންގޮއްވުމާ، ޖައްވަށް ފަޒާއަށް ހަވަޔަށް ބަޑިޖައްސަވާނެ ދިވެހި ސުލްހަވެރި ޒުވާނުން، ނާމާންކަން ފަތުރައި، ދީނުގެ ނަމުގައި މަގުފުރެދިފައި ތިބި ބަޔަކު ހަނގުރާމަވެރިވެގެން ގެއްލުންދެނިވި ހަމަލާތައް ކުއްލި ސިހުމާއެކު ދިނުމާއެވެ. ޚުދު އެމަނިކުފާނުވެސް އެކަންކަމަކީ އެމަނިކުފާނުގެ ތަރިކަ ތައް ކަމަކަށް ވެދާކަށް އުންމީދުކުރައްވާފަ ނެތަސް، އެކަންކަމަކީ ޚުދުއެމަނިކުފާނު ފެއްޓެވި ތަކްފީރީ ކުޅިވަރުގެ ނަތީޖާތައްކަމާމެދު އޮޅުމެއް ނެތުމުން، ހިނިފުޅުވަޑުވާން ހުންނެވީއެވެ.  

    ކީރިތިވަންތަ ﷲ ގެ އިރާދަފުޅުން ދިވެހިން މިއަދު މާ ހޭލުންތެރިއެވެ. ދެބުޅަލުގެ ކޯޅުން ބަޔަކަށް ދައްކަވާން ދެރައީސުން ދެކޮޅުގައި ތިއްބަވައި ހައްދަވާ ހީލަތްތައް، މުސްކުޅިބެއަކަށްވެސް ނޯޅޭނެއެވެ. ދެން މާލަދުވެތި ކަންކަމަށް އިސްތަށިފުޅު މެހުނަ ނުދެއްވައި، އެމްޑީޕީ އާއި މެމްބަރުން ސަލާމަތްކުރެއްވުމުގެ އަމަލީ ހަރަކާތްތައް ދައްކަވާށެވެ. ނޫންނަމަ، އެމެމްބަރުން އިސްވެ، މަނިކުފާނަށް ލަދުވެތިކަމެއްނެތި ކުރިއަށް ވަޑައިގެންނެވޭނެ މަގު ފަހިކޮށްދޭކަށް، އިރާދަފުޅާއެކު މާގިނަދުވަހެއް ނުނަގާނެއެވެ. އެއަށްފަހު ދެން ފެށިގެންދާނީ ޖަޒީރާ ރަށްވެހި ދިރިއުޅުމާ، ތިޔާގިކަމާ ފާގަތިކަމުގެ ރަން ޒަމާނެވެ. އުފާވާ ޒަމާނެވެ. އެފަދަ ޗާލޫ ނަޔާ ރަން ޒަމާނުގެ އުންމީދީ ބެސްޓް ފުރެންޑާއި އެކު އެޒަމާން ގެނެސްދެއްވުމުގައި އެމްޑީޕީގެ ލޮބުވެތި އިސް ލީޑަރުގެ ހިކުމަތުއަމަލީ އާއި ކެތްތެރިކަން ދެއްކެވުމުގެބައި، މާ ލަދުވެތި ގޮޅިތަކަށް ދެން އިތުރަށް ވަޑައިނުގެން ކުރިއަށް ގެންދެވޭތޯ އަދިވެސް ހިންމަތް ކުރައްވާށެވެ. //      

          

      

 

 

Comments

Popular posts from this blog

ދިވެހިރާއްޖޭގެ ސިޔާސީ ތަރުތީބު ހަރުދަނާ ބިންގަލެއްގެ މައްޗަށް ނަގައި ހިމުންކޮށްދޭ ކަށަވަރަކީ އެމްޑީޕީގެ ގައުމީ މަޖިލިސް ..... ގާނޫނު އަސާސީ އަށް އިޞްލާޙް ގެންނާންހުރި ކަންކަމަށް ވިސްނާލުމަށް މިވަގުތު މިއީ އެމްޑީޕީ އަށް އޮތް ވަރަށް ފަހި ފުރުޞަތެއް

ލާދީނީ އޭ ގޮވުމަކީ އަޒުހަރީން ހިފި ހީލަތްތެރި ބަދަލެއް، އަދިވެސް އެކަންކުރުވަނީ އެބާހުން

ދިވެހި ވެރިކަމުގެ އާދަތަކުގައި (ނަމުންކިޔާފަ ނެތަސް) އެތަކެއް ގަރުނެއް ކުރީއްސުރެ އަށަގެންފަ ހުރީ ބަރުލަމާނީ ސިފަތައް