ދިވެހި ވެރިކަމުގެ އާދަތަކުގައި (ނަމުންކިޔާފަ ނެތަސް) އެތަކެއް ގަރުނެއް ކުރީއްސުރެ އަށަގެންފަ ހުރީ ބަރުލަމާނީ ސިފަތައް
ދިވެހި ވެރިކަމުގެ އާދަތަކުގައި (ނަމުންކިޔާފަ ނެތަސް) އެތަކެއް ގަރުނެއް ކުރީއްސުރެ އަށަގެންފަ ހުރީ ބަރުލަމާނީ ސިފަތައް
ނަމުން ކިޔައި އުޅެފަނެތަސް، އެތަކެއް ގަރުނެއް ކުރީއްސުރެ
ދިވެހި ވެރިކަމުގެ އާދަތަކުގައި އަށަގެންފަހުރީ ބަރުލަމާނީ ސިފަތައް ކަމުގައި
ތާރީޚް ހެކިދެއެވެ. ބަރުލަމާނީއޭ މިދެންނެވީ ރައްޔިތުންގެމަންދޫބުންގެ މަޝްވަރާއައި
ރުއްސެވުމާ އިރުޝާދުގެ މައްޗަށް ދައުލަތުގެ އެންމެ މަތީ ވެރިކަން ހިންގެވުމުގެ
ސިފަތަކަށެވެ. އެކި އިރާއި ހާލަތާ ހުރެމެ ނަމަވެސް އެތަކެއް ގަރުނެއް ކުރީއްސުރެ މިހާތަނަށްވެސް
މިރާއްޖޭގެ އެންމެ މަތީ ވެރިކަމުގެ އާދަކާދަ ތަކުގައި އަށަގަނެފަހުރީ ބަރުލަމާނީ
ސިފަތަކެވެ.
އެވޭލާ ޒަމާނުގައި ދައުލަތުގެ އެންމެ މަތީވެރިން
ކަމުގައި ވެވަޑައިގެންނެވި ރަސްރަސްކަލުންނާއި ރަނި ރަނިކަނބަލުންވެސް، ވެރިކަން
ހިންގަވާފަވަނީ، އޭރަކު ރައްޔިތުންގެ މަގުބޫލުކަން އޮންނަ މަންދޫބުންގެ ގޮތުގައި، އަދި
"ވެރިކަމުގެ ބޮޑުން"ގެ ނަމުގައި ދެކެވަޑައިގަންނަވާ މަޖިލިހެއްގެ
ލަފައާއި ރުހުން ހޯއްދަވައިގެންނެވެ. ބޮޑުންގެ ބަޔަކު ނުވަތަ އޭގެން ބޮޑަކު
ނުރުހިވަޑައިގެން، ގަނޑުވަރު ދޫކުރައްވައި ވަޑައިގެންފިނަމަ ނުވަތަ އެތެރެ
ކޮއިލުން ލުހި ވަޑައިގެން، ރާއްޖެދޫކުރައްވައި އަވަށްޓެރި ގައުމެއްގައި ހުންނަވާން
ފަށްޓަވައިފިނަމަ ދިވެހި ވެރިންނަށް އެކިބާވަތުގެ ފޯރިގަދަ ކުރިމަތިލެއްވުންތައް
މެދުވެރިކުރައްވައި، އެފަދަ ބޭފުޅުން ސުލްހަކުރައްވާން ވެރިން ކުރައްވާފަ ހުރި
މަސައްކަތްޕުޅުތައް ތާރީޚުން ފެންނާން އެބަހުއްޓެވެ.
ދިވެހިރާއްޖޭގެ އެކިކަންކޮޅުގައި މީހުން
ވަޒަންވެރިވެ، ދެން އެކިރަށް އެކުވެރިވެ އުފެދުނު ސަރަހައްދުތަކުގައި، އެކި
އަތޮޅާއި، މަޑުލު ތަކާއި ފުށިތަކުގައި، ދިވެހީންގެ އަމިއްލަ ވެރިކަން ޒަމާންތަކަށް
ވަކީން ހިންގާފައިވެއެވެެ. ރާއްޖޭގެ މުޅިއާބާދީ އެއީ އިސްލާމުންކަމުގައި މީގެ
ނުވަވަރަކަށް ގަރުނު ކުރީން ދިވެހިވެރީން ވިދާޅުވެ އަންގަވާންފެށްޓެވި ފަހުން، މުޅިރާއްޖެ
އެކުލެވޭގޮތުން ދިވެހިރާއްޖޭގެ މުސްތަޤިއްލު ރަސްކަމެއް އުފައްދަވައި، ރަހުންނާއި
ރަނިން އޭރުއްސުރެ މި ފަހުޒަމާނާ ހަމައަށް ވެރިކަން ހިންގަވަމުން ގެންދަވާފައި
ވެއެވެ. މަރުކަޒީ ނުފޫޒާ ދެކޮޅު އެކި ސަރަހައްދުގައި އެކި ފަހަރުމަތިން އެބަޔަކު
ވަކީންވެސް ވެރިކަން ހިންގައި، ފަހުން މަރުކަޒީ ވެރިންނާއެކު އަހުދު ސުލްހަނާމާ
ވެސްހެެދިފައި އެބަހުއްޓެވެ.
ލިޔެވި
ނަކަލުކުރެވިފަވާތީ މިހާރު ބެއްލެވެން އޮތް އެންމެ ދުރުކަމަށް ބައެއް ތާރީޚު ލިޔުއްވުން
ތެރިން ނާރެސްކުރައްވާ 12 ވަނަ ޤަރުނުގެ ވަރަށް ކުރީން ފެށިގެން ދިވެހިރާއްޖޭގައި
ރަސްކަމެއް އޮތެވެ. ގިނަ ފަހަރަށް ވިރާސީ ރަސްކަމެއްގެ ސިފައިގައެވެ. އަނެއްބައި
ފަހަރު އިންތިޚާބީ ރަސްކަމެއްގެ ގޮތުގައެވެ. މި ގޮތުގެ މަތީން 1952 ވަނަ އަހަރުގެ ނިޔަލަށް
ޝާހީ ވެރިކަން ދެމިއޮތީވެސް ރައްޔިތުންގެ މަންދޫބުންގޮތުގައި އެ ވެރިކަންކަމުގައި ތިއްބެވި
ބޮޑުންގެ މަޝްވަރާއައި ރުއްސެވުމާ އިރުޝާދުގެ މަތިންނެވެ.
ކޮންމެއަކަސް، ނުވަވަރަކަށް ގަރުނަށްވުރެ ގިނަ
ދުވަހަށް ދެމިގެން އައި ރަސްކަން، 1953 ގައި، މާލޭގައި ތިއްބެވި މަރުކަޒީ
ވެރިކަމުގެ ބޮޑުން ނުކުމެވަޑައިގެން ޖުމްހޫރިއްޔަތަކަށް ބަދަލުކުރެއްވީ
އޭރުގެ ވެރިޔާ ގެ ބަސްފުޅުންނަމަ "ޚާންދާނީ" ވެރިކަން ހިންގެވުމުގެ ނިޒާމު ރާއްޖޭގައި ނިންމަވާލެއްވުމަށާއި، ވިސްނުމާއި ފިކުރު އެއްގޮތް ބަޔަކު
އެކުވެރިވެ އުފައްދާ އެއްބައިވުމުން، (ނުވަތަ ސިޔާސީ ޕާޓީ އިން)
ހިންގާ ވެރިކަން ތަޢާރަފުކުރައްވާށެވެ.
ޖުމްހޫރީ
އަދި ރިޔާސީ ފުރަތަމަ ވެރިޔާ، އޭރުގެ ނިސްބަތުން ޒަމާނީ ތައުލީމު ލިބިވަޑައިގެން
ހުންނެވި (ރައީސް އަލްމަރްހޫމް މުހަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ) ޤައުމީ
ތަޞައްވުރެއް ހާމަކުރެއްވިއެވެެ. ޢުމްރާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުންނާއި
އިޤުތިޞާދީ ރޮނގުތަކުން ރާއްޖެ ކުރިއަށް ގެންދަވާނޭ އަމާޒުތަކެއް ވިދާޅުވެދެއްވައި
ހިންގަވާން ފެއްޓެވިއެވެ. އެހެންކަމުން މުޙައްމަދު އަމީނަށް އެންމެ މަތީ
ވެރިކަމުގައި ހުންނަވައިގެން މި ކަންކަން ކުރެއްވެން އޮތީ، ރާއްޖެ
ޖުމްހޫރިއްޔަތަކަށް ބަދަލުކުރައްވައިގެން، ރިޔާސީ ޚުދުމުޚުތާރު ވެރިކަމަކުން
ކަމަށް ދެކެވަޑައިގެން، ރާއްޖޭގައި ޒަމާނުއްސުރެ ހިނގަމުންއައި ރަސްކަން ޖުމްހޫރިއްޔަތަކަށް
ފުރޮޅައިލެއްވީ ކަމުގައި ދެކެވަޑައިގަންނަވާ ނަޒަރުގެ ލިޔުއްވުންތެރިންވެސް އެބަތިއްބަވައެވެ.
އޭރު އެހާތަނަށް ދިވެހި ރައްޔިތުންނަށް ވެރިކަމުގެ
އެހެން ގޮތެއް، އެހެން ނިޒާމެއް ފެނިފައެއް ނެތެވެ. ރާއްޖޭގެ ތަޢުލީމީ ޙާލަތު އޮތީ
ވަރަށް ދަށުގައެވެ. ރަށެއްގައި ދިރިއުޅޭ ރަށްރަށުގައި ތިބި ލިޔަންކިޔަން ދަންނަ
މީހުން ނިސްބަތުން ވަރަށް މަދެވެ. ރައްޔިތުން ތިބީ ރަސްކަމަށް ހޭނިފައެވެ. އެއީ
އެކަން އޮންނާން ޖެހޭ ގޮތް ކަމަށް ގަބޫލުކޮށްގެންނެވެ. އެހެންކަމުން ރައްޔިތުންގެ
އިތުބާރާއި ޤަދަރު ދެވިފައި އޮތް ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުކުރެއްވީ،
ރައްޔިތުން ބޭނުންވެގެންނޭ ދެންނެވޭކަށް ނެތެވެ.
ކުރީން ދިވެހީންނަށް ނުފެންނަ ކިތަންމެ ކަމެއް
އަވަސް ގޮތެއްގައި ވެރިކަމުގެ ފަރާތުން ހިންގަވާން ފަށްޓަވައިފިއެވެ. ރަސްމީ
ނަމުގައި ރައްޔިތުންގެ މަޖިލީހެއް އެކުލަވާލައްވައިފިއެވެ. ރައްޔިތުންގެ
މަންދޫބުންގެ ބަސް ރަސްމީގޮތުގައި ޔައުމިއްޔާކުރައްވައި ހިންގަވާން ފައްޓަވައިފިއެވެ.
ރާއްޖެއަށް އަވަސް ބަދަލުތަކެއް ގެންނެވުމުގައި އެތައް ޤާނޫނުތަކެއް
އަވަސްއަވަހަށް އެ މަޖިލިހުން ފާސްކުރައްވަން ފައްޓަވައިފިއެވެ. މި ފަދަ ބަދަލުތަކަށް
ހޭނިފައި ނެތް ރައްޔިތުންނަށް މި ކަންކަންވީ ނުރުހެވޭ ތަކުލީފުތަކަކަށެވެ.
ތަޙައްމަލުކުރާން ދަތި އުނދަގޫތަކަކަށެވެ. މި ބަދަލުތަކާ ދިމާވީ ދުނިޔޭގެ ދެވަނަ
ބޮޑު ހަނގުރާމައިގެ ފަހުން ދުނިޔެއަށް ކުރިމަތިވި އިޤްތިޞާދީ ވެއްޓުމުގެ ދުވަސްވަރާއެވެ. ހުރި
ތަނަވަސްކަމެއް ބޭނުންކޮށްގެން ވެސް ދަތުރުފަތުރުކޮށް، ރާއްޖެއަށް ކާޑު
އެތެރެކުރެވޭނެ މާޙައުލެއް ނެތް ބިރުވެރި ދުވަސްވަރަކާއެވެ. އެ ދަނޑިވަޅުގައި ޚުދުވެރިޔާގެ
ނާއިބުރައީސް އާއި އެޕާޓީގެ ވެރިޔާކަމުގައި އެ މަނިކުފާނު ވެވަޑައިގަތް "ދިވެހި
ރައްޔިތުންގެ މުތަގައްދިމް ޕާޓީ"ގެ އިސް ބައެއް މެންބަރުން ރައްޔިތުންނަށް ވިސްނައިދެއްވަން
ފެއްޓެވީ ހުރިހާވެސް ދަތިކަމަކާއި އުނދަގޫތަކެއް އެއީ ޖުމްހޫރިއްޔަތަކަށް އަދި
ރިޔާސީ ވެރިކަމަކަށް ވެރިކަން ބަދަލުކުރެއްވުމުގެ ސަބަބުން ރައްޔިތުންނަށް މެދުވެރިވަމުންދާ
މުޞީބާތްތަކެއް ކަމުގައެވެ.
ދިވެހިރާއްޖޭގައި އުފެދުނު ފުރަތަމަ
ޖުމްހޫރިއްޔާއަށް އެންމެ ހަތްމަހާއި ސަތާރަ ދުވަސް ވީތަނާ، އެވެރިކަމުގެ ރައީސް
ނުވަތަ ވަލިއްޔުލްއަމްރު އަވަހާރަކޮށްލީ، ބައެއް ސިފައިންނާ، އެމަނިކުފާނު
އަރިސްކަމުގައި ޕާޓީ އިން ދެކެވަޑައިގެންނެވި ބައެއް މެންބަރުން ހިންގެވި
ބަގާވަތެއްގައެވެ. ރައްޔިތުންގެ ބަޔަކު އޭރުގެ ބާގީން ނެރެ ފުރަމާލޭގެ
މަގުތައްމަތީ އެމަނިފާނު ހަށިކޮޅަށް ކުރެއްވި ހާނީއްކަ އާއި އަނިޔާ ތައް އޭރުވެސް،
މިހާރުވެސް ދިވެހިންގެ ގިނަބަޔަކު ދެކެނީ ލަދުވެތިކަމާއެކުގައެވެ.
ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް އަވަހާރަކޮށްލައި
ރިޔާސީ ވެރިކަން މި އުވުނީކަމަށް އޭރުގެ ބާރުވެރިން ވިދާޅުވެ އެންގެވި ފަހުން
ދުވަސްކޮޅަކަށް ރާއްޖޭގެ ވެރިކަން ކޮމިޓީއަކުން ހިންގެވުމަށް ފަހު، ދިވެހިރާއްޖޭގެ
ވެރިކަމުގެ ގޮތުގައި އަލުން ރަސްކަމެއް ޤާއިމުކުރެއްވީ މިދެންނެވި ކޮމިޓީއިންނެވެ.
ވެރިކަމުގެ ތަޚުތުގައި ވެޑުވީ ރާއްޖޭގެ
އެންމެ ފަހުގެ ރަސްގެފާނު ގޮތުގައި ވެރިކަން ހިންގެވި، ޖަލާލަތުލްމަލިކު
މުޙައްމަދު ފަރީދުލްއައްވަލު ކީރިތި މަހާރަދުންނެވެ. ރިޔާސީ ޚުދުމުހުތާރުކަމާ
ދެކޮޅަށް ވެރިކަމުގައި އެރަދުން އިސްކުރެއްވީ ބަރުލަމާނީ ސިފަތަކެކެވެ. ސަރުކާރު
ހިންގެވުމުގައި ބޮޑުވަޒީރެއްގެ ދައުރާއި މިނިވަންކަން އިތުރު ކުރައްވައި
އިޚުތިޔާރާއި ބާރުތައް ވަރުގަދަ ކުރެއްވިއެވެ. ރަދުންގެ ނަންފުޅުގައި ދެ
ބޮޑުވަޒީރަކު ސަރުކާރު ހިންގެވިއެވެ. އެއީ ފުރަތަމަ ސުމުއްވުމްއަމީރު
(އަލްމަރުޙޫމް) އިބްރާހިމް ފާމުލަދޭރިކިލެގެފާނާއި ދެން ސުމުއްވުލްއަމީރު (އަލްމަރްޙޫމް) އިބްރާހިމް ނާސިރު ރަންނަބަނޑޭރިކިލެގެފާނެވެ.
ފަހުގެ ބޮޑުވަޒީރު އިޖުތިމާއީ ގޮތުންނާއި
އިގްތިސާދީ ގޮތުން ވަރަށް ގިނަގުނަ ބަދަލުތައް ރާއްޖެއަށް ގެންނަވަން ބޭނުންފުޅުވިއެވެ.
އެ ބޭނުންފުޅުތަކާއެކު، ޚުދުމުޚުތާރުކަމާ ރިޔާސީ
ހުރިހާ ބާރުތަކެއް އެއްމެދުކުރެއްވުމަށާއި އަމިއްލަފުޅު ބާރުވެރިކަމާއެކު
ވެރިކަން ކުރެއްވުމުގެ އެދުންފުޅާއެކު އަނެއްކާވެސް ރަސްކަން އުވާއިލައްވައި ރާއްޖޭގެ
ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުކުރެއްވީ އެމަނިކުފާނުގެ މޭސްތިރިކަމުގައެވެ. 7 މާރޗް 1954 ގައި
އިޢުލާނުކުރެވުނު ރަސްކަން، ސާދަ އަހަރާއި އަށް މަހާއި ހަތަރު ދުވަހަށް ފަހު އުވި
ދިޔައީއެވެ. މިއީ ދެވަނަ ޖުމުހޫރިއްޔަތުގެ ފެށުމެވެ. އެ ދުވަހުން ފެށިގެން
ރާއްޖޭގައި ހިނގަމުން މި އަންނީ ޖުމްހޫރީ، އަދި ރިޔާސީ ނިޒާމުގެ ވެރިކަމެވެ
ދިވެހި ވެރިކަމުގެ ސިފައަށް އިތުރު ކުރެވުނު
ނަންއިތުރު ކަމުގައިވި "ޔުނިޓަރީ ދައުލަތުގެ" ވާހަކަ، އެމަނިކުފާނުގެ
ރިޔާސަތަށް މަގުފަހިކުރެއްވި ގާނޫނުއަސާސީގައި ލިޔެވި ނެތަސް، އެކަމުގެ
ބާރުވެރިކަން ގަދަކުރައްވާން ފެއްޓެވުނީ އެހާހިސާބުންނެވެ.
ދިވެހި ވެރިންނެކޭ އެއް ބީދައަކުން
ތަރުތީބުކުރެވިފައިވާ އުއްތަމަ ފަނޑިޔާރުންގެ ލިސްޓެއްވެސް ހަމަ އެހާމެ ދިގުކޮށް ތާރީޚް ގައި ލިޔެވިފަ އޮވެއެވެ. އޭރަކު ހުންނަވާ ސިޔާސީ ވެރިޔަކު
އަންގަވައިގެން ނުވަތަ ގަޞްދުކުރައްވައިގެން ފަނޑިޔާރުންގެ ގޮތުގައި ތިއްބަވާ އަދި
އެންމެ އިސް ފަނޑިޔާރަކު، ވަކިކުރައްވަނީ ޖިނާއީ ކުށެއް ސާބިތުކުރެއްވެން އޮވެގެން، ދަންނަވައިގެންނެވެ.
އެނޫންގޮތަކަށް ފަނޑިޔާރުންނަށް ސިޔާސީ އިސްވރިން ނުފޫޒުފޯރު ކުރައްވާފަ އެއް
ނުހުރެއެވެ. އެންމެ ފަހުންހުންނެވި އުއްތަމަފަނޑިޔާރު އައްޝައިޚް މުހަންމަދު
ޖަމީލް ދީދީ ވަކިކުރެއްވުމާއެކު، ސިޔާސީ ވެރިޔާގެ ނޫފޫޒުން ނިޞްބަތުން
މިނިވަންވެވަޑައިގެން، އިސް ފަނޑިޔާރުން ތިއްބެވި ތިއްބެވުން އެހާހިސާބުން ނިމުމަކަށް އައީއެވެ.
ފަނޑިޔާރުގޭގެ އިސްވެރިއަކަށް ރައީސް ނާޞިރު ދެން އިސްކުރެއްވީ މަހަކަމަތުއް ޝަރިއްޔާގެ ޚާއްޞަ ވަކީލްގެ ގޮތުގައި، ފަހުން ވުޒާރާއެއް އުފައްދަވައި ޖަސްޓިސް މިނިސްޓަރު ކަމުގައި އަދި އޭގެ ފަހުން އިސް ފަނޑިޔާރެއްގެ ގޮތުގައި ޚިދްމަތްކުރެއްވި އައްޝައިޚް މޫސާ ފަތުޙީ އަލް އަޒްހަރީއެވެ. އުއްތަމަ ފަނޑިޔާރަކީ ސިޔާސީ ވެރިޔާ، ޔައުނީ ގައުމުގެ ރައީސް އިސްކުރައްވާ އަދި ވަކިވެސް ކުރައްވާ ސިޔާސީ މަގާމެއްގެ ގޮތުގައި، ފަހުގެތާރީޚްގައި ދެކެވެންފެށީ އެހާތަނުންނެވެ. އުފެއްދެވި ޖަސްޓިސް މިނިސްޓްރީގެ ވަޒީރު އެއީ ސިޔާސީ އިސްވެރިޔާ އިސްކުރައްވައި ނުވަތަ ފެނިވަޑައިގެނނެވުމުން ވަކިކުރައްވާ މަގާމަކަށް ހައްދަވައި، ވެރިކަމުގެ އާރާއިބާރު މުޅިރާއްޖޭގެ އެކިކަންކޮޅަށް ރައީސް ނާޞިރު ހިންގެވި ހިންގެވުމުގައި، ޔުނިޓަރީ ދައުލަތެއްގެ މައްޗަށް ކުރައްވާ ވެރިކަން އަނެއްކާވެސް ފެވި ނެގުނީއެވެ.
އޭރުއްސުރެ އިހަކަށް ދުވަހާ ހަމަޔަށް، ނުވަތަ ނުވަވަރަކަށް
ގަރުނުގެ ލިޔެވިފައިވާ ތާރީޚްގައި ޔުނިޓަރީ ދައުލަތެއްގެ ޚުދުމުޚުތާރު ވެރިކަން،
ރަސްމީސިފައެއްގައި ހިންގިފަ އޮތީ މިފަހުގެ ފަންސާހަކަށް އަހަރެވެ. "ޔުނިޓަރީ
ދައުލަތް" ކަމަށް ބުނުމުގެމާނައަކީ، ދައުލަތް
ހިންގުމުގެ ބާރުތައް އެއް ސަރުކާރެއްގައި މަރުކަޒު ކުރެވިފައިވާ، އަދި
އެދައުލަތެއްގައި އެކުލެވިފައިވާ އެއްވެސް ސަރަހައްދެއް ހިންގުމުގެ ބާރުތައް އެ
ބަޔަކަށް ވަކީން ދެވިފައިނުވާ ދައުލަތަށެވެ. |
ބާރުތައް ރައީސް ނާޞިރު
މަސްހުނިކުރައްވައިގެން ވެރިކަން ހިންގެވުމުގައި ދަތިފުޅުވެގެން ދިޔަ މައިގަނޑެއްގެ
ގޮތުގައި އެމަނިކުފާނަށްވެސް މެދުވެރިވެވަޑައިގެންނެވީ އެވޭލާ ޒަމާނުއްސުރެ ދިވެހި
ވެރިކަމުގެ އާދަކާދައިގަ، ނަމުން ކިޔައިއުޅެފަނެތަސް، އަބަދުވެސް އެއަށަގަންނަ
ބަރުލަމާނީ ސިފަތައް، ރިޔާސީ އަދި ޔުނިޓަރީ ދައުލަތް ހިންގެވުމުގެ ޚުދުމުޚުތާރުކަމާހެދި،
ހިފެހެއްޓިފައި އޮތުމެވެ. އެހެން ކަމުން ދައުލަތުގެ ވެރިޔާގެ ގޮތުގައި، ޔައުނީ
ދައުލަތުގެ އެކި މުއައްސަސާ ހިންގެވުމުގެ އިސްދައުރު އަދާކުރައްވާން ރައީސް
ހުންނެވުމަށްފަހު، ސަރުކާރު ހިންގެވުން ބޮޑުވަޒީރަކާ ހަވާލުކުރެއްވިއެވެ. ރައީސް
ނާޞިރުގެ ރިޔާސީ ވެރިކަމުގެ ދައުރުގައި 1972 ވަނަ އަހަރުން ފެށިގެން 1975 ވަނަ
އަހަރަށް ސަރުކާރު ހިންގެވީ ބޮޑުވަޒީރު (އަލްމަރްޙޫމް) އަލްފާޞިލް
އަޙްމަދު ޒަކީއެވެ. ބޮޑުވަޒީރަށް ބަގާވާތެއް ކިރިޔާ ނުކުރެއްވި އޮއްވާ ހައްޔަރުކުރައްވައި
ވަކިކުރެއްވީއެވެ.
ދެންވެސް ދައުލަތުގެ އެންމެ އިސްވެރިކަމާ ސަރުކާރުގެ
އިސްވެރިޔަކަށް ހުންނަވާން ދަތިފުޅުވެ، އޭރުގެ ފުރަދާނަ ފެންވަރުގެ
ބޭފުޅުންކަމުގައި އޭރު ތިއްބެވި (އިއްޒަތްތެރި މަރްޙޫމުން ކަމުގައިވާ) ޢަބްދުއްސައްތާރު މޫސާ ދީދީ
އާއި، އަޙްމަދު ޙިލްމި ދީދީއާއި، އިބްރާހީމް ޝިހާބާއި، ހަސަން ޒަރީރު، އަދި ހަމަ
އެދުވަސްވަރު، ޢަލީ ޢުމަރުމަނިކު ނާއިބު ރައީސުންގެ ގޮތުގައި އިސްކުރައްވައި
ސަރުކާރު ހިންގެވުމަށް އިސްކުރެއްވިއެވެ.
އެހެންކަމުން ރައީސް ނާޞިރަށްވެސް ވެރިކަން
ކުރެއްވިފައޮތީީ ބަރުލަމާނީ ސިފަތަކެއް ރިޔާސީ ޚުދުމުޚުތާރު ވެރިކަމާއި މަސްހުނި
ކުރައްވައިގެނެވެ. |
ދެން އައީ ރައީސް އަލްއުސްތާޒު މައުމޫނު ޢަބްދުލްޤައްޔޫމް 30 އަހަރަށް
ދިގުކުރެއްވި މަރުކަޒީ ވެރިކަމެވެ. 17 އަހަރުން އިޞްލާހުކުރެއްވި ގާނޫނު
އަސާސީއެވެ. އަމިއްލަފުޅު ބާރުތައް އެއްކުރެއްވި "ޔުނިޓަރީ" ދައުލަތުގެ
ވާހަކަ އިތުރަށް ވަރުގަދަކުރެއްވުމެވެ.
2004 ޖޫން 9 ވަނަ
ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި ރައީސް މައުމޫން އަބްދުލްގައްޔޫމް ތާރީޚީ ތަގުރީރެއް ދެއްވި އެވެ. އޭރު އޮތީ، އޭގެ
ކުރީ އަހަރު މާފުށީ ޖަލުގައި އީވާން ނަސީމް މަރާލި ހާދިސާއާ ގުޅިގެން ރާއްޖޭގައި ނުތަނަވަސްކަން އުފެދިފައެވެ. އެހެންވެ ބެލެވުނު ގޮތުގައި އެ ތަގުރީރަކީ އެހާތަނަށް 26 އަހަރުވެފައިއޮތް ވެރިކަން
ދިފާއުކުރެއްވުމަށް ސިޔާސީ އިސްލާހުތަކެއް ގެންނަވަންވީ ވަގުތު ޖެހިއްޖެ ކަމުގައި
ރައީސް މައުމޫން އަމިއްލަފުޅަށް ގަބޫލުކުރެއްވިކަމުގެ ނިޝާނެކެވެ. އެ
ތަގުރީރުގައި މައުމޫން ދެއްކެވީ އޭރު އަމަލުކުރަމުން އައި 1998ގެ ނޫ ގާނޫނުއަސާސީ
އިސްލާހުކުރާއިރު ވިސްނަވަން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ހިޔާލުފުޅުތަކެވެ.
އެ ތަގުރީރުގައި
އެމަނިކުފާނު ވާހަކަފުޅު ދެއްކެވީ ވެރިކަމުގެ ނިޒާމާއި ބޮޑުވަޒީރަކު އައްޔަންކުރުމާ ބެހޭގޮތުން ވެސް މެއެވެ. ނިޒާމާ ބެހޭގޮތުން
މައުމޫން އެރޭ ވިދާޅުވީ ރާއްޖޭގެ އޭރުގެ ދައުލަތުގެ އިސްވެރިޔާ އާއި
ސަރުކާރު ހިންގާ އިސްވެރިޔާ އެއީ އެކަކު ކަމަށާއި އެހެނަސް ދުނިޔޭގެ
އެހެން ތަންތަނަށް ވިސްނަވާ ވަޑައިގަންނަވާއިރު، ވަރަށް ގިނަ
ގައުމުތަކުގައި އެ ދެބައި ވަކިކޮށްފައި އޮންނަ ކަމަށެވެ.
ދައުލަތް ހިންގާ އެންމެ އިސްވެރިޔާއަކީ ހެޑް އޮފް ސްޓޭޓް ކަމަށާއި
ރަސްކަލަކަށްވިޔަސް ރައީސަކަށް ވިޔަސް އެއީ ވަކި މަގާމެއް ކަމަށް ވެސް ފާހަގަކުރެއްވި
އެވެ. އަދި ހެޑް އޮފް ސްޓޭޓްގެ ދަށުން ސަރުކާރު ހިންގަވަން ވަރަށް ގިނަ ގައުމުތަކުގައި ބޮޑުވަޒީރަކު
ހުންނަވާ ކަމަށާއި އިނގިރޭސި ވިލާތާއި ފްރާންސާއި އިންޑިއާ އާއި ޕާކިސްތާނާއި ސްރީލަންކާ އާއި ސިންގަޕޫރާއި މެލޭޝިއާ އަށް ބެއްލެވިޔަސް އޮންނަނީ ބަރުލަމާނީ
ނިޒާމު ކަމުގައި މައުމޫނު އެރޭ ވިދާޅުވިއެވެ.
"އެހެންވީމާ، އަޅުގަނޑު ހިތަށް އެރީ، ރާއްޖޭގައި އަނެއްކާ
ވެސް ބޮޑުވަޒީރަކު ހުންނަވާ ގޮތަށް ހަމަޖެއްސުން ކިހިނެއްވާނެބާއޭ. އެ ހިޔާލަކީ،
ކުރިން ދެންނެވި މަގުސަދު ހާސިލުވާ ހިޔާލަކަށްވާތީ، މި ހިޔާލު ހުށަހަޅަން އަޅުގަނޑު
ގަސްދުކުރަނީ. އާދެ! އެކެއްގެ
އަތުގައި މާގިނަ ބާރު ނޯވެ، ބާރުތައް ވަކިކޮށްލެވިފައި އޮތުން،" މައުމޫން އެރޭ ވިދާޅުވި
އެވެ. |
އޭގެ ފަހުން
2007 އޮގަސްޓް
18ގައި ރައްޔިތުންގެ ފެންނަ ނުފެންނަ ނިޒާމީ
ވޯޓުލުމެއް ރައީސް މައުމޫނު ބޭއްވެވިއެވެ. ވޯޓު ބޭއްވެވީ މިހާރު
މި ބޭއްވޭ އުސޫލަކުން ނޫނެވެ.
ވަގުތުން ވޯޓު ގުނުމެއް، އިއުލާންކުރުމެއް ނެތެވެ. ސަރުކާރުން އައްޔަންކޮށްފައި
އޮތް އިލެކްޝަންސް ކޮމިޝަނުގެ ބެލުމުގެ ދަށުން ބޭއްވި އިންތިހާބުގައި، ވޯޓް
ގުނާފައިވަނީ ފޮށިތައް މާލޭ ދަރުބާރުގެއަށް ގެނެސްނެވެ. ދާއިމީ ނަތީޖާ
އިއުލާންކުރީ އޭގެ 10 ދުވަސް ފަހުން އޮގަސްޓް 28 ގައެވެ.
އޭރު މާލޭގައި ބޭއްވުނު މުޒާހަރާއެއްގައި އެމްޑީޕީގެ
ބަރުލަމާނީ އެއް މެނޭޖަރަކު ފުލުން، ހާނީއްކަ ކޮށް ލުއްސާލުމުގެ ތެރޭ އޭނާގެ ދަތްޕިލަ
ހަލުވާލައި، ދަތެއް ދުއްވާލައި، ޖަލަށްލާ ހެދުމަށްފަހު، ދެން އެ އިޢުލާނުކުރެއްވި ނަތީޖާ
އެމްޑީޕީން ގަބޫލެއް ނުކުރެ އެވެ. އަދި ވޯޓު އޮޅުވާލި ކަމަށް
ބުނެ، މައްސަލަ ޖައްސައި އެކަމާ ދެކޮޅަށް މުޒާހަރާ ވެސް ކުރި އެވެ.
ރައީސް މައުމޫނަށްފަހު ތިންއަހަރެއްހާ ދުވަހު ރައީސްކަންކުރެއްވި
މުޙައްމަދު ނަޝީދުގެ ވެރިކަން ދައުރު ހަމަނުކުރެއްވިވަނިކޮށް
ބަގާވާތްކޮށްފައިވާތީ، ދެ އަހަރެއްހާ ދުވަހު ވެރިކަން ކުރެއްވި ބާގީ މުޙައްމަދު
ވަޙީދު ޙަސަން މަނިކާއި ފަސް އަހަރު ދުވަހު ރައީސްކަންކުރެއްވި ޢަބްދުﷲ ޔާމީން
ޢަބްދުލްޤައްޔޫމާއި މިހާރު ރައީސްކަމުގައި އެހުންނެވި އިބްރާހީމް މުޙައްމަދު ޞޯލިޙުގެ
ވެރިކަމުގައިވެސް އެއްކަލަ ޔުނިޓަރީ ވާހަކަ އޮތީ ބަދަލު ނުކުރެވިއެވެ. ލާމަރުކަޒީ
ގާނޫނު ފާސްކުރެވި، އަތޮޅުތައް ލާމަރުކަޒީކޮށް ހިންގެވުމާ، އަތޮޅުތަކާ ސިޓީތައް
ކުރިއެރުވުމަށާ ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށް އިތުރު ފާގަތިކަން
ގެނައުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެއީއެވެ.
އެބަޔެއްގެ އާދަކާދަ އާއި ނުލައި ޑިމޮޚްރަސީ އާއި އުފާފާގަތިކަން
ގައުމުތަކަށް ހާޞިލްކުރެވި ތަރައްގީކުރެވިފައެއް ނުވެއެވެ. އެހެންކަމުން، ލާމަރުކަޒީކޮށް
އަތޮޅުތައް ހިންގެވުމުގެ ދަތިކަންވެސްް ފިލުވާލައި ފާގަތިކަމާ އުފާވާ ޒަމާން ގެންނާނީ، ޕާޓީގެ އާންމުމެމްބަރުންގެ
އިސްނެންގެވުމާއެކު، އެމްޑީޕީ އިސްވެއޮވެ ރައްޔިތުންގެ ލޯތްބާއި ރުހުމާ މަތިވެރި
އަމުރުފުޅާއި އިރާދަފުޅާ އެކުގައެވެ. //
Comments
Post a Comment