ޕާޓީ މަގާމްތަކުގަ ތިއްބަވާ މެމްބަރުން އެހެން މަގާމްތަކަށް ވޯޓްދެއްވާ ދެއްވުމާއ،ި އެމްޑީޕީ އާންމު މެމްބަރުން މަގާމްތަކަށް ދެއްވާ ވޯޓްގެ ޖުމްލައިން ނެރުއްވާ މާނަ ތަފާތުވާނެ

    ޕާޓީ މަގާމްތަކުގަ ތިއްބަވާ މެމްބަރުން އެހެން މަގާމްތަކަށް ވޯޓްދެއްވާ ދެއްވުމާއ،ި އެމްޑީޕީ އާންމު މެމްބަރުން މަގާމްތަކަށް ދެއްވާ ވޯޓްގެ ޖުމްލައިން ނެރުއްވާ މާނަ ތަފާތުވާނެ

     ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާޓީ މަގާމް ތަކުގައި ތިއްބަވާ މެމްބަރުން އެހެންވެސް އެޕާޓީގެ މަގާމްތަކަށް ދެއްވާ ވޯޓުން ޖުމްލަވާ މާނަ އަށްވުރެ، ޕާޓީގެ މަގާމްތަކަށް މެމްބަރުން ހޮއްވެވުމުގައި އާންމުމެމްބަރުން ވޯޓްދެއްވައިގެން ނެރުއްވާ ޖުމްލަ ނަތީޖާގެ މާނަ ވަރަށް ތަފާތު ވާނެކަމީ އޮޅުމެއް އޮތް ކަމެއް ނޫނެވެ. އެއީ ދިމާއަށް ފެންނަން އޮތް ތަފާތު ދެ މައިގަނޑެއް ކަމުގައި ވާތީ އާއި އެއީ މުޅިން ދެކަމެއް ކަމުގައި ފާހަގަވާތީވެސް މެއެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ ނޮން-ގްރާސްރޫޓަށް ނޮން-ގްރާސްރޫޓް މެމްބަރުން ދެއްވާ ވޯޓާއި، ނޮން-ގްރާސްރޫޓަށް ސީދާ ގްރާސްރޫޓް އާންމުމެމްބަރުން ދެއްވާ ވޯޓުން އެމެމްބަރުން ނެރުއްވާނެ ނަތީޖާ ތަފާތުވާނެކަން ކަށަވަރެވެ.   

     އިއްޔެ ބާއްވަވައި ނިންމެވި އެމްޑީޕީގެ އިސްތިއުނާފް މަޖިލީހުގެ އިންތިޚާބަކީ ޕާޓީ މަގާމްތަކުގަ ތިއްބެވި މެމްބަރުން، ޕާޓީގެ އެހެންވެސް މަގާމްތަކަށް ވޯޓްދެއްވި އިންތިޒާމެކެވެ. ވޯޓްލިބިވަޑައިގެން ހޮވި ވަޑައިގަތް ބޭފުޅުންވެސް ދެން ހިމެނިވަޑައިގަންނަވާނީ ޕާޓީ ގެމަގާމް ތަކުގައި ކަމަށް ވާނެއިރު، ވޯޓް ދެއްވި ފަރާތްތަކުގައި އާންމުމެމްބަރުންނެއް ނުހިމެނެއެވެ. އެހެން ކަމުން މި އިންތިޚާބުގެ ނަތީޖާއާމެދު އެކިފަރާތުން އެކި މާނަކުރައްވާއިރު، ޔަގީންވެ އެނގޭ އެއްޗަކީ އެއީ އާންމު މެމްބަރުން ދެއްވި ސީދާ ވޯޓެއްނޫންކަމާ، އެމްޑީޕީއިން ގައުމީ އަދި ތާރީޚީ މަގުފާހަގަތައް ރުކުރަވާލައްވައި، ފަޚްރުވެރި ނަތީޖާތައް ނެރުއްވާފައި ހުރީ، އެކުވެރިވެލައްވައި އެކުއެކީގައި އާންމުމެމްބަރުން ނުކުންނަވައި، ޖުމްލަކުރައްވާ ވޯޓުންކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެއް ކަމެވެ.

     ބައެއް މީޑިޔާއިން އިއްޔެގެ ނަތީޖާ މާނަކުރައްވާފަވަނީ އެމްޑީޕީ ދެފެކްޝަނަކަށް ބެހިގެން ވަކި ފެކްޝަނަކަށް ލިބުނު ކާމިޔާބެއްގެ ގޮތުގައެވެ. ވަކިބޭފުޅަކުގެ ނުފޫޒު ނެތިހިގައްޖެ ކަމަށެވެ.

     ނެތި ނުގޮސް އޮންނާނީ އެމްޑީޕީގެ މައިގަނޑު ފިކުރު ތަކެވެ. އަގުމަތީ އުޞޫލުތަކެވެ. ބޭއިންސާފާއި އަނިޔާ އާއި ވައްކަމާ ދެކޮޅުވެރި ވުމެވެ. އެކަންކަން ނަގަހައްޓަވާ އަބަދުވެސް ހިފަހައްޓަވަނީ އާންމު މެމްބަރުންނެވެ.

     ކާމިޔާބު ލިބުނީ ވަކި ފެކްޝަނަކަށް ނޫނެވެ. ނަމަވެސް ހަގީގީ ކާމިޔާބު ލިބުނީ އެމްޑީޕީއަށެވެ.    

     މި ވޯޓުގެ ނަތީޖާއިން ބައެއް ވިސްނުންތެރިން ނަންގަވާ މާނަތަކަކީ، އެމްޑީޕީގެ މައިގަނޑު އަސާސްތަކަށް ހުރަސް އެޅުމުގެ ބޭނުން ހާމަކުރާ ކޮއެލިޝަނުގެ ޕާޓީތަކުގެ ނުފޫޒުގައި ހުންނަވާން ޖެހިވަޑައިގެންފައިވާތީ، ނުވަތަ އެއަށް ވުރެ ތިލަކޮށް ދަންނަވާނަމަ ދިވެހިރާއްޖޭގެ ގައުމީ ނިންމެވުމެއްކަމުގައި ސިންގަޕޫރުގެ ކުލީފަނޑިޔާރު ސެލްވަމް ވިދާޅުވާ ހަމައިގެ މަތިން، ކޮއެލިޝަނަށް ބުރޫ އަރައިފިނަމަ، އޭރުގެ ހިޔުމަން ރައިޓްސް ކަމިޝަނުން އެވިދާޅުވި ޖަޒުބާތުގައި ކެތްނުކުރެއްވިގެން، ހުވަޔާ ޚިލާފަށް އެތަކެއް ހުވާވެރިންނެއް ކުރައްވާ ބަގާވާތް އެއީ ބަގާވާތަކަށް ނުވާނެކަމުގެ ދެއުޅިއެއްނުވާ ހަމައިގެ ނާމާނަކަން ހާމަކުރަމުންގެންދާ ކޮއެލިޝަނަކާއިއެކު، އެމްޑީޕީގެ ރައީސުލް ޖުމްހޫރިއްޔާއަކު ސަލާމަތުންހުންނެވިދާނެކަމަށް ގައުމީ މަޖިލިހުގެ ބައެއް މެމްބަރުން ކުރެއްވި ތަދުބީރެއްގެ ގޮތުގައެވެ.

     އެއީ މިހާރަށެވެ. އަދި ކައިރި ކުރިމަގަށެވެ.

     އެމްޑީޕީގެ އާންމުމެމްބަރުން އެކީ އެކުވެރިވެލައްވައި މި ސެޕްޓެމްބަރުމަހު ފަހުކޮޅު ނުކުންނަވައި ދެއްވާ ވޯޓު ވެގެން ދާނީ އުޖާލާ ކުރިމަގަކަށާއި ދުރުރާސްތާ އަމާޒުތަކަކަށް ދެއްވާ ވޯޓަކަށެވެ. ވޯޓުގެ ނަތީޖާގެ މާނަތަކަށް ވެގެންދާނީ ވާދަވެރިޕާޓީއެއް ނުވަތަ ޕާޓީ ތަކެއްގެ ނުފޫޒުން އެމްޑީޕީގެ އަމާޒުތައް ތަޣައްޔަރު ނުވާނެ، އަދި ހުރަސްތަކެއްނެތި، ސަތޭކަ އިންސައްތަ އެމްޑީޕީއަށް ހިންގެވޭނެ ވެރިކަމެއް އެމްޑީޕީއަށް ދިވެހި ރައްޔިތުން ދެއްވާނެ ނިޒާމެއް ފަހިކުރެއްވުމުގެ އުންމީދެވެ. އެކިނުފޫޒާއި ބާރުވެރިކަމުން އެވަޑައިގަންނަވާ ވާދަވެރި ސިޔާސީ ލީޑަރަކު، ދީނުގެ ނަމުގައި ހަރުކަށިކަމާ ނަފްރަތާއި އަނިޔާއާއި ހާނީއްކަ ފެތުރުމާމެދު ފަރުވާކުޑަކުރެއްވުން ސިލްސިލާކުރެއްވުމާ، ހުވައިގާ ތިއްބެވި ބަޔަކު އެ ހުވައިގެ ރޫޙާ ޚިލާފަށް ސަލާމަތީ ކަންކަން ދޯހަޅިކުރެއްވުމާ، އަނބިކަނބަލަކު ވަޒީރަކު ކަމުގައި ހިމަނުއްވައިގެން އެކަމަނާގެ ތަފާތު ނުފޫޒުން އެމްޑީޕީގެ އަމާޒުތައް ފަހަތަށް ޖެއްސެވުމުމަށް މަގުފަހިކުރައްވާނެ ނިޒާމަކުން، އިރާދަފުޅާއެކު ދެން ވަޑައިގަންނަވާނެ އެމްޑީޕީ ވެރިއަކު ސަލާމަތްކުރެއްވުމުގެ އުންމީދުތަކުގެ ފުޅާވެގެންވާ މާނައެވެ.

     އެމްޑީޕީ ގެ ވަރުގަދަ ބިންގަލަކީ ޝައްކެއްނެތްގޮތުގައި އެމްޑީޕީގެ އާންމު މެމްބަރުންނެވެ. ކޮއެލިޝަނަށް ލެނގޭ މީޑިޔާތަކުގައި ބައެއް ނޫސްވެރިން މި ޕާޓީ ދެފެކްޝަނަކަށް ބެހިއްޖެއޭ ވަކި ފެކްޝަނަކަށް ލިބުނު ކާމިޔާބެކޭ، ވަކިބޭފުޅަކުގެ ނުފޫޒު ނެތިހިގައްޖެޔޭ ގޮވާލައްވައި ދައްކަވަމުން ގެންދަވާ ގެންދެވުން ކިތަންމެފަހަރަކު ތަކުރާރު ކުރެއްވިޔަސް، އެމްޑީޕީގެ އާންމުމެމްބަރުން ނުސިހޭނެއެވެ.

     އެމްޑީޕީގެ މައިގަނޑު ފިކުރު ތައް އާންމުމެމްބަރުންގެ މެދުގައި ހީނަރުވެގެން ނުދާކަމާއި، އެމްޑީޕީގެ އަގުމަތީ އުޞޫލުތަކެއް އުވިގެނެއްނުދާކަން ދެން ވޯޓްދެއްވާ އިންތިޚާބުގައި އިރާދަފުޅާއެކު އާންމުމެމްބަރުން ދައްކަވައިދެއްވާނެއެވެ. ބޭއިންސާފާއި އަނިޔާ އާއި ވައްކަމާ އެއީ އަބަދުވެސް ނޭދެވޭ ދެކޮޅު ކަންކަން ކަމުގައި ނަގަހައްޓަވައި ހިފަހައްޓަވާފަ ހުރީ އާންމު މެމްބަރުންނެވެ. މިހާރު ޕާޓީގައި އުފެދިއްޖެ ކަމުގައި ވާދަވެރިން އެބުނާ ދެކޮޅު ގެންނަވައި އެއްމެދު ކުރައްވާނެ ހިކްމަތްތެރިކަމާ އެކުވެރިކަން އާންމުމެމްބަރުން ހާމަކުރައްވާނެއެވެ. އުފާވާ ޒަމާނާއި، ފާގަތި އުޖާލާ ރަން ޒަމާނަށް މަގުފަހިކޮށްދެއްވާނެއެވެ. ރޖ އާއި މަޖިލީހުގެ ރައީސްއާއި މި ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންނާއި، އެކި ދިމާލުން އެކި ކޮޅުން އެމްޑީޕީގެ އެކި ޗެމްޕިއަނުންނާ މި ސަރުކާރުގައި ހިމެނިވަޑައިނުގެން ޕާޓީއަށް ވާގިވެރިވެދެއްވުމުގައި ދެމިތިއްބެވި ޚިދްމަތްތެރި މެމްބަރުންނާ، ޕާޓީއާއިގެން ހިތްތަކުގައި ލޮބުވެތިކަން އުތުރި އަރަމުންދާ އެތަކެއް ހާސް އާންމުމެމްބަރުންގެ އެކުވެރިކަން ހާމަކޮށްލައްވާނެ، އުޖާލާ އަލިގަދަ ބޮޑު ޖަލްސާ އަނެއްކާވެސް އިރާދަފުޅާއެކު ނިސްބަތުން ލަހެއްނުވެ އާންމުމެމްބަރުން ކާމިޔާބުކުރައްވާނެއެވެ //  

Comments

Popular posts from this blog

ލާދީނީ އޭ ގޮވުމަކީ އަޒުހަރީން ހިފި ހީލަތްތެރި ބަދަލެއް، އަދިވެސް އެކަންކުރުވަނީ އެބާހުން

ދިވެހިރާއްޖޭގެ ސިޔާސީ ތަރުތީބު ހަރުދަނާ ބިންގަލެއްގެ މައްޗަށް ނަގައި ހިމުންކޮށްދޭ ކަށަވަރަކީ އެމްޑީޕީގެ ގައުމީ މަޖިލިސް ..... ގާނޫނު އަސާސީ އަށް އިޞްލާޙް ގެންނާންހުރި ކަންކަމަށް ވިސްނާލުމަށް މިވަގުތު މިއީ އެމްޑީޕީ އަށް އޮތް ވަރަށް ފަހި ފުރުޞަތެއް

ދިވެހި ވެރިކަމުގެ އާދަތަކުގައި (ނަމުންކިޔާފަ ނެތަސް) އެތަކެއް ގަރުނެއް ކުރީއްސުރެ އަށަގެންފަ ހުރީ ބަރުލަމާނީ ސިފަތައް