ވާދަ ހިތިވެ ނަފްރަތަށް ފަހަނައަޅާ ނަމަ ދެކޮޅަށްވެސް އަދި ޕާޓީއަށްވެސް ގެއްލުން

ވާދަ ހިތިވެ ނަފްރަތަށް ފަހަނައަޅާ ނަމަ ދެކޮޅަށްވެސް އަދި ޕާޓީއަށްވެސް ގެއްލުން

    ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިޚާބު ސެޕްޓެމްބަރ 25 އަށް ތާވަލް ކޮށްފައިވާއިރު، އެ ޕާޓީގެ އެކި ދާއިރާތަކުގައި ކެންޑިޑޭޓުން ގެންދަވަނީ ފޯރިގަދަ ކެމްޕޭންތައް ކުރައްވަމުންނެވެ. ބައްދަލުވުންތަކާ ހަރަކާތްތަކުގެ ވާދަވެރިކަން ދަނީ ބޮޑުވަމުންނެވެ. މިފެންނަނީ އެމްޑީޕީ ދެފަޅިވެ، ރ.ޖ އާއި މަޖިލީހު ރައީސް ގެ ދެފެކްޝަނެއްގެ ވާދަ ކަމުގައި މައިގަނޑު މީޑިޔާ ތަކުން އެކީ އެއްވާނަކަށް އިޝްތިހާރު ކޮށްދެއްވަމުން ގެންދެވިޔަސް، އެ ވާދައިގެ އަޞްލު މައިގަނޑުތަކަށް އާންމު މެމްބަރުން ވިސްނަވާލެއްވުން މުހިންމެވެ. ސަބަބަކީ އިންތިޚާބީ ވާދަ ހިތިވެ، އެކަން ފަހަނައަޅައިގޮސް ނަފުރަތަށް ބަދަލުވާނަމަ، ދެ ކޮޅަށާއި ޕާޓީއަށްވެސް ގެއްލުންތައް ވާނެތީއެވެ.

    މުޅި ރާއްޖޭގެ އެކި ކަންކޮޅުގައި ހިމެނޭ އެމްޑީޕީގެ އެކި ދާއިރާގެ މަގާމްފުރާތަކަށް މެމްބަރުން އިންތިޚާބުކުރުން އެއީ މި ފަހަކަށް އައިސް މިރާއްޖޭގައި ބޭއްވޭ އެންމެ މުހިންމު ސިޔާސީ ވޯޓަށް ވެގެން ދަނީ، ދިވެހި ރައްޔިތންނަށް ފާގަތިކަން ގެނެސްދޭނެ ކައިރި އަދި ދުރު ރާސްތާގެ ސިޔާސަތުތައް ނިންމަވާނެ އެޕާޓީގެ އެންމެ އިސް މަޖިލިސް އެކުލަވާލެވިގެން ދާނެތީއެވެ. މި އިންތިޚާބުގައި ވޯޓުލެވޭނީ ދާއިރާތަކުގައި ހިމެނޭ  އެމްޑީޕީގެ އާންމު މެންބަރުންނަށެވެ. ޕާޓީގެ މެންބަރަކަށް ވުމުގެ ފަހު ފުރުސަތަކީ ގައުމީ މަޖިލީހުގެ އިންތިޚާބު އޮންނަ ދުވަސް ކަމުގައި ވެސް ކުރިން ވަނީ ކަނޑައަޅާފައެވެ. ވޯޓުލެވޭ ފަރާތްތަކުގެ ލިސްޓް އާންމު ކުރުމާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ވެސް އެމްޑީޕީން ހުޅުވާލާނެއެވެ. މީގެ އިތުރުންު ވޯޓުލެވޭ ފަރާތްތަކުގެ ލިސްޓަށް ހުށަހަޅާ ޝަކުވާ ބަލައިގަތުމުގެ މުއްދަތަކާ   ވޯޓުލާ މީހުންގެ ފައިނަލް ލިސްޓް އާންމު ކުރުމާއި، ކެންޑިޑޭޓުންގެ ފަރާތުން ހަރަކާތްތެރިވާނެ މަންދޫބުން ކަނޑައެޅުމުގެ ފުޞަތުވެސް އެޕާޓީއިން ވަނީ ހުޅުވާލާފައެވެ.

    ވޯޓްދެއްވާނެ އާންމު މެމްބަރުން ދެފަރާތަކަށް ބައްސަވާނަމަ، އެއް ބަޔަކީ އެމްޑީޕީގެ މައިގަނޑު ގަބޫލުކުރުންތައް ކަމުގައިވާ އަނިޔާ އާއި ވައްކަމާ ބޭއިންޞާފާ ދެކޮޅަށް ދެމިތިއްބަވާނެ މަމްބަރުންނެވެ. އެމްޑީޕީ އަބަދުވެސް ގަބޫލުކުރަމުން އައި ނިޒާމާއި، ދުވަހުން ދުވަހަށް ސަރުކާރު ޖަވާބުދާރީ ކުރެވުމާއި،  ލާމަރުކަޒީ ހިންގުމުގެ ފާގަތިކަމާއި އުޖާލާ މުސްތަގްބަލެއް އެދިލެއްވުމުގައި ދެގޮތެއް ނުވާނޭ މެމްބަރުންނެވެ.     

    ދެވަނަ ބަޔަކަށް ތިއްބެވީ އެމްޑީޕީގެ ސަރުކާރެއް ދެމެހެއްޓެވުމާ، މިހާރުގެ މަގާމް ހިފެހެއްޓެވުމާ، ކޮއެލިޝަން ޕާޓީތަކުގެ އަވައިގަވެގެން އަމިއްލަ ޕާޓީއަށް ވެދާނެ ގެއްލުންތަކާމެދު އެކިބޭނުންތަކާހުރެ އެހާތަނަށް ސަމާލުވެނުލައްވާ މެމްބަރުންނެވެ.    

    މިދެބައިގެ ތެރެއިން، ކޮއެލިޝަނުގެ ނުފޫޒާހުރެ ސިޔާސީ ބާރުވެރިކަން ހާމަކުރެއްވުމަށް ޖެހިވަޑައިގެން، ބައެއް މެމްބަރުން އެއްވެސް އަޞްލެއްނެތް ވެބޫ ހެދިވަޑައިގަންނަވާތަނާއި، ވާދަ މަތިވެގެން ގޮސް އާންމު ހަމަތައް ފަހަނައަޅައިދާތަން މިހާރުވެސް ފެންނަމުން އެބަދެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފުރާޅުން ޓިނުނަންގަވައިގެން ފަނޑިޔާރުން ބަދަލުކުރެއްވި އަނިޔާވެރި ހާލަތާ އެމްޑީޕީގެ އިސްތިއުނާފް މަޖިލީހުގެ އިންތިޚާބާއި އެއްގޮތްކުރައްވާ ކިތަންމެ މެމްބަރުންނެއް އެބަތިއްބެވިއެވެ. ކޮރަޕްޝަނުގެ ތުހުމަތުގައި ތިއްބެވި ދެ މެމްބަރަކު، އާ އިސްތިއުނާފް މަޖިލީހުގެ ނުފޫޒުން މި އިންތިޚާބުގައި މިހާރުކުރިމަތި ލައްވާނެއިރު، އެކެންޑިޑޭޓުންނާމެދު ދެންވެސް އިންޞާފުކުރައްވާނީ އެމްޑީޕީގެ އާންމު މެމްބަރުންނެވެ.  

    ފަހުން ހިތިވެގެން ފަހަނައަޅަމުންދާ ހަމަ އެފަދަ އަނެއް މިސާލަކީ، ކޮއެލިޝަނުގެ ނުފޫޒާއި ބޭނުމަށް ނަފުރަތުގެ ބިލު ފެނަށް ދުއްވާލަން މަސައްކަތްކުރެއްވި މެމްބަރު، (އެމަނިކުފާނަކީ އެއީ މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވާތީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާތީ، މި ދައުރުގަ ވާދަކުރެއްވުމުގެ ބޭނުންފުޅެއްވެސްނެތް)، އެކަމަކު އަނެއް މެމްބަރެއްގެ މައްޗަށް ސިޔާސީ ބާރުވެރިކަން މިއޮތީ ތިމަންމަނިކުފާނުގެކަން ކޮއެލިޝަނަށް ދައްކަވާލެއްވުމުގެ ބޭނުންފުޅުގައި، (ފަހަރުގައި މަޖުބޫރީ ހާލަތުގައި)، ވައުދެއް އަދި ސިޔާސަތެއްގެ ގޮތުގައިވެސް ކުރިން ނެތް އެއަރޕޯޓެއް، ދާއިރާގައި (އަލިފުށީގައި) އެޅުއްވުމަށް ސަރުކާރުން ނިންމަވައިގެން ވާގިވެރިކަން ދެއްވިތަނެވެ. އެތަނުގެ ޚަރަދު ބަރަދު ފޫބެދޭނެތޯ ހިސާބުތަކަކަށް ބެލިފައެއް ނުވާއިރު ޚަރަދު ހިނގާނީ ދައުލަތުންނެވެ. އެތަން އެޅުމަށް 450 މިލިޔަނެއްހާ ރުފިޔާ ޚަރަދުވާނެއިރު، ފައިދާ ލިބިގެން ހިނގާނެކަމަށް އަންދާޒާކުރެވޭ ފަސިންނަޖަރުންގެ އަދަދަށް ބަލާއިރު ފައިދާގެ ކުރިމަގު ގުޅިފައޮތީ ކޮއެލިޝަނާ ސަރުކާރާ ދެފަރާތަށް ދެފައިންޕުޅު ލައްވައިގެން ތިއްބެވި މަހުޖަނުންނާއެވެ.

    އަމިއްލަ ޖާހާއި ޝުހުރަތުގެ ދުޅަ ބޮޑުކުރެއްވުމަށްޓަކައި މިފަދަ އަވައިގަ އަޅުގަނޑުމެންގެ ބައެއް މެމްބަރުން ޖައްސަވަނީ ޝައްކެއްނެތްގޮތުގައި ކޮއެލިޝަނުގެ ނުފޫޒުންނެވެ. އެމްޑީޕީ އާއި ގުޅިގެންކަމުގައި ތިބެ ދެވުނު ގެއްލުމެއް ދޭނެ ވާދަވެރި ޕާޓީތަކެވެ. އެމްޑީޕީގެ މައިގަނޑު އުސޫލުތަކާއި، އާންމު މެމްބަރުން ގަބޫލުކުރާ ނިޒާމާއި މެދު އެމީހުން ނުރުހޭނެއެވެ. އެއީ އެކަމުގެ، ޔައުނީ ސިޔާސީ ވާދަވެރިކަމުގެ، ތަބީއީސިފައެކެވެ.

    އެހެންނަމަވެސް، ޚާލިޞް އެމްޑީޕީ މެމްބަރުންގެ ކިބައިގާ އެފަދަ ނޭދެވޭ ސިފަތަކެއް ހުރުމަކީ ތަބީއީ ކަމަކަށް ނުވާނެއެވެ. ރ.ޖ ވެސް، މަޖިލީގެ ރައީސް ވެސް، އެމްޑީޕީގެ މިސަރުކާރުގެ ވަޒީރުންވެސް އަދި މި އުންމީދީ އިންތިޚާބުގައި ދެކޮޅަށް ވާދަކުރައްވައި ބަލިވެލައްވާނެ، އަދި ގަދަވެލައްވާނެ މެމްބަރުންވެސް އެނބުރި ވަޑައިގަންނަވަން އޮތް ސިޔާސީ ހިޔާވެއްސަކީ އެމްޑީޕީއެވެ. އަޅުގަނޑުމެން ދެފަރާތެކޭ ކޮންމެހެން ވިދާޅުނުވެ، ހުރިހާ ފަރާތަކުންވެސް، ހިމެނި ފަޚްރުވެރިވާ އަމިއްލަ ޕާޓީއެވެ. ދިވެހިރާއްޖޭގެ ތަރައްގީއަށްޓަކާ އެތަކެއް މަގުފާހަގަކަމުގައިވެދިޔަ ބަދަލުތައް ގެނެސްދީ ހިފެހެއްޓި ޕާޓީއެވެ. ވާދަވެރިންގެ ދެކޮޅުހެދުމުން ސަލާމަތްކޮށް، މި ރާއްޖެއަށް ލާމަރުކަޒީ ހިންގުމުގެ ފާގަތިކަމާ، ބަރުލަމާނީ އަދި ފެޑެރަލް ނިޒާމް، ކުރިއަރުވައި ގެނެސްދެއްވާނެ، އަޅުގަނޑުމެން އެންމެންގެ ގެ ކަމުގައިވާ ޕާޓީއެވެ.

    އެހެންކަމުން، އެ ފަޚްރުވެރި ގެއަށް، އާދެ، އަޅުގަނޑުމެން އެމްޑީޕީ އެންމެން ވަންނާންހުރި ހިތްފަސޭހަ ހިޔާވެެއްސަށް، ގެއްލުން ނުދެއްވޭނެ ފަދައިން ސިޔާސީ ދެކޮޅުވެރިންގެ ނުފޫޒުން އެމްޑީޕީ ކެންޑިޑޭޓުން ސަލާމަތްކޮށްދެއްވާނީ އާންމު މެމްބަރުންނެވެ. ވާދައިގެ ހިތިކަން ފަހަނައަޅައި ނަފްރަތަށް ބަދަލުކުރާއްވަމުން އެގެންދަވާ ކެންޑިޑޭޓުން އެކަހެރިކުރައްވައި، އެމްޑީޕީގެ ކުރިމަގު އުޖާލާކުރައްވާނެ ކެންޑިޑޭޓުންނަށް ވޯޓްދެއްވާނީ، އެމްޑީޕީގެ މައިގަނޑު ފިކުރުތައް ކަމުގައިވާ އަނިޔާއާއި، ވައްކަމާއި ބޭއިންޞާފާއި އިދިކޮޅަށް، ކުރިމަގުގެ ފާގަތިކަމާއި ރޯޝަނީކަން އެދިލައްވައިގެން، ދެގޮތެއްވެނުލައްވައި އަބަދުވެސް ދެމިތިއްބަވާ އާންމު މެމްބަރުންނެެވެ.//                      

 


Comments

Popular posts from this blog

ލާދީނީ އޭ ގޮވުމަކީ އަޒުހަރީން ހިފި ހީލަތްތެރި ބަދަލެއް، އަދިވެސް އެކަންކުރުވަނީ އެބާހުން

ދިވެހިރާއްޖޭގެ ސިޔާސީ ތަރުތީބު ހަރުދަނާ ބިންގަލެއްގެ މައްޗަށް ނަގައި ހިމުންކޮށްދޭ ކަށަވަރަކީ އެމްޑީޕީގެ ގައުމީ މަޖިލިސް ..... ގާނޫނު އަސާސީ އަށް އިޞްލާޙް ގެންނާންހުރި ކަންކަމަށް ވިސްނާލުމަށް މިވަގުތު މިއީ އެމްޑީޕީ އަށް އޮތް ވަރަށް ފަހި ފުރުޞަތެއް

ދިވެހި ވެރިކަމުގެ އާދަތަކުގައި (ނަމުންކިޔާފަ ނެތަސް) އެތަކެއް ގަރުނެއް ކުރީއްސުރެ އަށަގެންފަ ހުރީ ބަރުލަމާނީ ސިފަތައް