އެމްޑީޕީ އެތެރޭގެ ވޯޓް ވެގެންދާނީ ނަފްރަތާ ދެކޮޅު ލޯބީގެ ވޯޓަކަށް

 އެމްޑީޕީ އެތެރޭގެ ވޯޓް ވެގެންދާނީ ނަފްރަތާ ދެކޮޅު ލޯބީގެ ވޯޓަކަށް

    2021 ސެޕްޓެމްބަރ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ ވޯޓް، ނުވަތަ ޕާޓީގެ ގައުމީ މަޖްލިސް އިންތިޚާބުކުރެވޭނެ ވޯޓް ވެގެންދާނީ ނަފްރަތާ ދެކޮޅު ލޯބީގެ ވޯޓަކަށް ކަމުގެ ކިތަންމެ ސަބަބެއް އެބަހުއްޓެވެ.

    ޕާޓީއަށް މިވަގުތު އެންމެ ބޮޑު ނުތަވަސް ކަމެއް ގެނައި އެއް ކަމަކީ، މީހަކުގެ ނުވަތަ ބަޔަކުގެ ހިތުގައި އުފެދެމުން އައި ނަފްރަތު ބޮއްސުން ލައި، ސިޔާސީ ލީޑަރަކު [އެމްޑީޕީގެ ރައީސް] އާއި އަރިހުގައި ތިބެދާނެ ކިތަންމެ ބަޔަކުގެ ފުރާނަ ދުއްވާލަފާނެ ބޮމެއް ގޮއްވާލުމެވެ. އެމްޑީޕީގެ އާންމު މެމްބަރުން ވޯޓްދެއްވަން އެދުވަހު ނުކުންނަވާއިރު، ނުތަނަވަސްކަން ގުނަވެގެންދަނީ އެ އަނިޔާވެރި އަގަލުކުޑަ ޙަމަލާ ހިންގުމަށް އަންގައި ޚަރަދުކުރިކަމަށްވާފަރާތެއް އަދި އަދަށްވެސް ނޭނގުމުގެ ތެރޭ ތިބެވުމުގެ ނާމާންކަމާ ނުރައްކަލެވެ.

    ނޭނގުމުގެ ނުރައްކާ އެހެން އޮތަސް، އެނގޭ އަދި ޔަގީންވާ އެއްކަމަކީ މިނުރައްކާތެރި ހަމަލާގެ ފެށުމާ ނިމުންވެސް ގުޅިފަހުރީ ނަފްރަތު އުފެއްދުމާކަމެވެ. ޝަރީއަތަށް ސާބިތުކުރެވިފައި ނެތް އެތަކެއް ތުހުމަތާ ދޮގު އުފައްދައި، ފުރަތަމަ ފާޅުގައި ދެން ސިއްރިޔާތުގައި ފަތުރާ ރަހުމްކުޑަ ނަފްރަތާއެވެ. ލާދީނީ ޓެގު އަޅުވައިދެއްވުމާ، މަރާލަދޭންވީ މީހާގެ ބުރަކަށީގައި ޓާގެޓް ކުރައްސަވައި ދެއްވާ ބައެއް މުއްލާއިން މެދުވެރިކުރައްވައާއި، ގައުމީ އަމިއްލަވަންތަކަން ބޭރުގެ ބަޔަކަށް އަޅުވެތިކުރުވަނިއްޔޭ ފަދަ ވަތަނީ އޮޅުވާލުން ކުރިއަށް ނެރުއްވާން އެތިއްބެވި ރަތްލާޖެހި ބާގީން އުފައްދަވާ ނަފްރަތާއެވެ. ގުޅިގެން އުޅުއްވާފަ، ވަކިވެލައްވާފަ، ފާޑުވިދާޅުވެފަ، އެހެން މިހެން އުޅުއްވިޔަސް، އެއީ ހައްތާވެސް އެމްޑީޕީގެ ދެކޮޅުވެރިންނެވެ. އެކީ އެއްނަމެއްގައި އޭގެ ގިނަބޭފުޅުން ތިއްބެވީ މިހާރުގެ ކޮއެލިޝަނުގައެވެ.

    ސިޔާސީ ގިނަޕާޓީގެ ނިޒާމު 2008 ވަނަ އަހަރު މިރާއްޖޭގައި އުފެއްދި މިވީ އަހަރުތަކުގައި، އެމްޑީޕީގެ ސިޔާސީ ވާދަވެރި ލީޑަރުން އަމަލުކުރައްވާފަ ހުރީ، ސިޔާސީ ވާދަވެރިކަން އެއީ ވާދަވެރިޔާއާއި މެދު ނަފްރަތު އުފެއްދެވުން ކަމުގަ ދެކެވަޑައިގެންނެވެ. ސިޔާސީ ވާދަވެރިކަމަކީ، ވޯޓްދެއްވާން ތިއްބަވާ މެމްބަރުންނަށް ވާދަވެރިގޮތުގައި އަޅުއްވައި ކިޔުއްވާލެވޭނެ ތަފާތު ސިޔާސަތުތައް ނެރުއްވައިގެން ކަމެއް އެޕާޓީ ތަކުގެ ހަރަކާތްތަކަކުންނެއް ނުފެނެއެވެ. ފެންނާންހުރީ ޝަރީއަތަށް ސާބިތުކުރެވިފައި ނެތް ތުހުމަތުތަކެއް އުފައްދަވައިގެން އުޅުއްވާތަނެވެ. މިއީ އެނގިވަޑައިގެން ތިއްބަވައި ނުވަތަ އެނގިވަޑައިގަތުމެއް ނެތި ނަމަވެސް، ސިޔާސީ ވާދަވެރިކަން އެއީ ވާދަވެރިންނާމެދު ނަފްރަތު އުފެއްދެވުން ކަމުގެ ބޮޑުވެގެންވާ އޮޅުވާލުމެވެ.

    ކާމިޔާބީ ގުޅިފައި އޮތީ އެކަމުން އަރުއްވައިގެންނެވިގެން، އަޅުއްވައި ކިޔުއްވޭ ފަދަ ގޮތަކަށް ވާދަވެރި ސިޔާސަތު ތަކެއް ގެނެސްދެއްވުމާކަން އެފަދަ ލީޑަރުންނަށް ވިސްނިވަޑައިގަންނަވާނެ ކަމުގެ ސަލާމަތްތެރިކަން ތަހުޒީބު ގައުމުތަކުގައި ހޯދަނީ ގާނޫނު އެކަމަށް މަގުދައްކައިދީގެނެވެ. "އެއްވެސް މީހަކު އޭނާ ވަކި ބަޔަކާ ނިސްބަތްވީތީ، އޭނަޔާމެދު ނުރުހުން އުފެއްދުމަށް، އަދި އަމުދުން ޝަރީއަތަށް ސާބިތުކުރެވިފައި ނެތް ތުހުމަތުތައް އެމީހަކާ މެދު އާންމުތަންތަނުގައި އަނެކާ ކުރާ ކުރުމަކީ[ތަހުޒީބު މުޖުތަމައުތަކުގައި] ޖަރީމާއެކެވެ" . ނަފުރަތުގެ- ޖަރީމާ ނުވަތަ "ހޭޓް ކްރައިމް" އެކެވެ.

    ކުރީގެ މައިގަނޑު އަލުން އާކޮށްލާނަމެވެ. ބޮން ގޮއްވުމެވެ. ނަފްރަތު އުފެއްދެވުމެވެ. ނަފުރަތު ބޮއްސުންލިބަޔަކު އަނިޔާވެރިކަމުގެ އަމާޒަކަށް ހެދީ އެމްޑީޕީގެ ރައީސް ކަމެވެ. ކުރުކޮށްލާފަ ދަންނަވާނަމަ ރައީސް ނަޝީދާއިމެދު ނަފްރަތު އުފެއްދުމެވެ.

    އެމްޑީޕީގެ އެތެރޭގެ މި ވޯޓަށް ކެމްޕޭންކުރުމުގެ ހަފްލާ ތަކާ ޖާފަތްތައް ރާއްޖޭގެ އެކިކަންކަޮޅުގައި ހިނގަމުންދާއިރު. އެމްޑީޕީގެ އެއްވެސް ލީޑަރަކާމެދު، ރައިސް ނަޝީދާއި މެދު، ނުވަތަ ރައީސް ޞޯލިހާއިމެދު ވިޔަސް އެއްވެސް މިންވަރަކަށް ނަފްރަތު އުފައްދަމުންދާ ނަމަ އެއީ ވަރަށްބޮޑު ގޯހެއްކަން އާންމު މެމްބަރުން ދެނެލައްވާނެއެވެ.

    ސަބަބަކީ ނަފްރަތު އުފެއްދުމުގެ ކުޑަމިންވަރަކާ މެދުމިންވަރު ފަދަ ކަންކަމުގެ ވާހަކަތައް އެއީ ޔޯލަކޮށްލައިގެން ބުންޏަސް ފޫނުބެއްދޭނެ ކަންކަމަށްވާތީއެވެ. ކުޑަކުޑަކޮށް މާބަނޑުވުމެއް ނޯވެއެވެ. ކުޑަމިންވަރަކުންވިޔަސް މާބަނޑުވުމުން ދެން އެކަން ނިމިދާނީ ވިހައިގެން ނުވަތަ ބައިގެން ގޮހެވެ. ނަފުރަތު އުފެއްދުމުގެވެސް ކުޑަމިންވަރެއް ނޯންނަނީ، އެކަން ހެދިބޮޑުވެ ބޮއްސުންލައި ސިއްރިޔާތުގައި އަނިޔާވެރި ލޭއޮރުވުން ތަކާ، މިރާއްޖޭގެ ފަހުގެ ތާރީޚްގައި ކަނޑައެޅި ފެނި އެނގޭން އޮތްގޮތުގައި، ފުރަމާލޭގެ މެދުގައި ބޮމެއް ގޮއްވާލުން ފަދަ ގިލަންވެރި ކަންކަމުން ނިމޭތީއެވެ.

    ކެމްޕޭނުތެރޭގަ އެމްޑީޕީގެ ބައެއް މެމްބަރުން ކޮއެލިޝަނުގެ ރުއްސެވުން ދެމެހެއްޓެވުމުގެ ނާޖާއިޒް ބޭނުންފުޅުގައި ނަފްރަތު ފަތުރައްވަމުން ގެންދަވާކަން ގިނަ މެމްބަރުން ދެނެލައްވައެވެ. މި ނުރައްކާތެރި ބޭނުންފުޅުވެސް އެކި ހިސާބުން ގުޅެނީ އާންމުމެމްބަރުން ވޯޓްދެއްވުމުގެ ކުރީން އެކަންކަމާ ވިސްނަވާނެ އެކި ހަރަކާތާއެވެ. ރައީސް ނަޝީދު ތާއީދުކުރައްވަނީ ފެޑެރަލް އަދި ބަރުލަމަނީ ނިޒާމަށް ކަމުގައި އެމަނިކުފާނު ވިދާޅުވުމުގެ މާނައަކީ ރ.ޖ އެކަންކަމާ ދެކޮޅަށް ހުންނެވި އެކޭ ނޫނެވެ. އެފަދަ އޮޅުވާލެއްވުން ފަދަ ކަންކަންވެސް އެއީ ބައެއް މެމްބަރުންގެ ނޭއްގާނި އަމިއްލަފުޅު އެދުންފުޅުތަކާ ގުޅޭ ކަންތައްތައް ކަމުގައި ދަންނާނެ އާންމު މެމްބަރުން ގިނަވާނެއެވެ. އެނގިތިއްބައި އެފަދަ މެމްބަރުން އެކުރައްވާ ކަމަކީ ކޮއެލިޝަނުގެ ބޭނުންތައް ފުއްދަވައިދެއްވުންކަމާ، މިއިންތިޚާބާއި ގުޅުންހުރި ކެމްޕޭން ދަތުރުތަކާއި ޖާފަތްތަކުގައި މި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއެކު އެމްޑީޕީގެ މެމްބަރުންކަމުގައި ނުވެސް ހިމެނޭ ސަރުކާރު އެކި ކުންފުނި ތަކުގެ ވެރިން ގެންދަވައިގެން އެކުޅުއްވާ ނާޖާއިޒް ކުޅިގަނޑުވެސް އާންމުމެމްބަރުން ދެނެލައްވާނެއެވެ. އެމްއެމްޕީއާރުސީ ލޫޓުވާލުމާ، ވެންޓިލޭޓަރު ވައްކަމުގެ އިންޞާފަށް އާންމުމެމްބަރުން އެދިލައްވާނެއެވެ. ޑރ.އަފްރާޝީމް، ޔާމީނު ރަޝީދު، ރިލުވާނު، އަދި މިފަހުން ރައީސް ނަޝީދަށް އަމާޒުކުރެވުނު ނިހާއީ ނަފްރަތާ ބޭއިންޞާފާ އަނިޔާވެރިކަން އާންމުމެމްބަރުން ހަނދުމަކުރައްވާނެއެވެ.

    އެހެރަފެންނަ ކަންތައްތައް އެތައްމަގުން އެހެން ހުރިޔަތީ، އެމްޑީޕީ އެތެރޭގެ މިފަހަރުގެ ވޯޓް ވެގެންދާނީ ނަފުރަތުގެ ބިލު އެއީ މާނަހުރި ހަރުދަނާ ގާނޫނަކަށް ހެއްދެވުމުގެ ވޯޓަކަށެވެ. ނަފުރަތާ ދެކޮޅު ލޯބީގެ ވޯޓަކަށެވެ. // 

Comments

Popular posts from this blog

ލާދީނީ އޭ ގޮވުމަކީ އަޒުހަރީން ހިފި ހީލަތްތެރި ބަދަލެއް، އަދިވެސް އެކަންކުރުވަނީ އެބާހުން

ދިވެހިރާއްޖޭގެ ސިޔާސީ ތަރުތީބު ހަރުދަނާ ބިންގަލެއްގެ މައްޗަށް ނަގައި ހިމުންކޮށްދޭ ކަށަވަރަކީ އެމްޑީޕީގެ ގައުމީ މަޖިލިސް ..... ގާނޫނު އަސާސީ އަށް އިޞްލާޙް ގެންނާންހުރި ކަންކަމަށް ވިސްނާލުމަށް މިވަގުތު މިއީ އެމްޑީޕީ އަށް އޮތް ވަރަށް ފަހި ފުރުޞަތެއް

ދިވެހި ވެރިކަމުގެ އާދަތަކުގައި (ނަމުންކިޔާފަ ނެތަސް) އެތަކެއް ގަރުނެއް ކުރީއްސުރެ އަށަގެންފަ ހުރީ ބަރުލަމާނީ ސިފަތައް